ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިއަދު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ސިޓީ އަކީ މިމަހުގެ 21ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ފޮނުވި ސިޓީއެއް ވެސް ނޫން ކަމަށެވެ.
"ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާއްމު ކުރެވޭނެ ވާހަކަ ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަޙްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީ އާންމުވީ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި ޔޯގާ ހެދުން އާންމުވެފައިވާ ކަމަށެވެ. އެގޮތުން ޔޯގާ ހަދަމުންދަނީ މެޑިޓޭޝަންގެ ގޮތުގައާއި ކަސްރަތު އަދި ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ކަމަށް އެ ސިޓީގައިވެއެވެ.
ދެހާސް ހަތަރު ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރުނު ފަތުވާއެއްގައި ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ޔޯގާގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް ބަޔާންކޮށް ފަތުވާއެއް ނެރެފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
އެ ސިޓީ އާންމު ވުމާ ގުޅިގެން ޔޯގާ ހަރަކާތް އިންތިޒާމުކުރި ޔޫތު މިނިސްޓްރީން ބުނީ އެ ހަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ.
ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދެ ދީނީ އިލްމުވެރިޔަކު ހިމެނޭ ގޮތަށް، ޖުމްލަ 21 މީހަކު ފުލުހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.