ހަ ރަށެއްގައި، ސަރުކާރުގެ ޚަރަދުގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހަށް ފަހު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި އަހަރު މިސްކިތްތައް އަޅަނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް އަދި ތ. ވޭމަންޑޫގައެވެ.
އެ މިނިސްޓްރީން ބުނީ މިސްކިތްތައް ހަދަނީ އިރުގެ އަލިން ހަކަތަ އުފައްދައިދޭ ނިޒާމެއް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމެއް ހުންނާނެ ކަމަށާއި އޭސީ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގައި ޚަރަދުގައި އަޅާ މިސްކިތެއްގެ ޑިޒައިން: މި އަހަރު ހަ ރަށެއްގައި މިސްކިތްތައް އަޅަން ނިންމައިފައިވޭ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
"މި މަޝްރޫއުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް. މަޝްރޫއުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ އިންޝާ ﷲ،" މިނިސްޓްރީން ބުންޏެވެ.
އެ މިސްކިތްތަކުގެ ޑިޒައިންތަކެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާއިރު، އެއީ ރާއްޖޭގެ ތާރީޚާއި ސަގާފަތާއި މާހައުލާ ގުޅޭގޮތަށް ހަދައިފައިވާ ޑިޒައިންތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 300 މީހުންނާއި 500 މީހުންނާއި 700 މީހުންނަށް ނަމާދުކުރެވޭނެ ތިން ސައިޒެއްގެ މިސްކިތްތަކެވެ.

ސަރުކާރުގައި ޚަރަދުގައި އަޅާ މިސްކިތެއްގެ ޑިޒައިން: ހަ ރަށެއްގައި މިސްކިތްތައް އަޅަނީ 300އާއި 700އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިދިޔަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ހުރި މިސްކިތްތަކުގެ އަދަދު 700އަށް އަރާއިރު، މަރާމާތު ކުރަން ޖެހޭ ގިނަ މިސްކިތްތަކެއް ވެސް ހުރެއެވެ. އެހެންވެ، އެ މަރާމާތުތަކުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެއިރު އޭނާ ވިދާޅުވެފައިވެއެވެ.