ރާއްޖެއަކީ ހަރުކަށި ނުވަތަ ހައްދު ފަހަނައެޅި ގައުމެއްގެ ގޮތުގައި ސިފަކުރާނެ ޖާގައެއް ނެތްކަމަށާއި، ރާއްޖޭގައި އެ މައްސަލައަށް ގާނޫނީ ގޮތުންނާއި އިލްމީ ގޮތުން ވެސް ވަރަށް ރަނގަޅަށް ފަރުވާކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.
އާންމުންނަށް ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ފުރުސަތު ލިބޭ ގޮތަށް ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ ތެރެއިން މީހަކުވަނީ، ރާއްޖެއަކީ ހައްދު ފަހަނައަޅައިފައިވާ ގައުމެއް ކަމަށް ސިފަކޮށް ބައެއް މީހުން ވާހަކަ ފަތުރާ ކަމަށާއި އެފަދަ މީހުންނަށް ދޭން އޮތް ރައްދަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން، އިސްލާމީ އެހެން ގައުމުތަކާ އަޅައިބަލާއިރު މި ގައުމު ވަރަށް ބޮޑަށް އެއްބައިވަންތަ ކަމަށެވެ.
ދިވެހިންނަކީ އިސްލާމީ މަންހަޖާއި ފިކުރުގެ ގޮތުން ސުންނީންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ދީނުގެ މެދުމިން އުސޫލުތައް ހިފަހައްޓަމުންދާ ބައެއް ކަމަށާއި ހައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރަކީ ދިވެހިންގެ މެދުގައި އާންމު ކަންތައްތަކެއް ނޫންކަމަށެވެ.
"ނަމަވެސް ބައެއް ފަހަރު، ވަކިވަކި ފަރުދުންގެ މި ބާވަތުގެ ފިކުރުތައް ފާހަގަ ކުރެވިގެން އެއަށް ގާނޫނީ ގޮތުންނާއި އަދި އިލްމީ ގޮތުން އެއަށް ފަރުވާ ކުރެވޭ، އެކި ޒަމާންތަކުގައި އެކި ދުވަސްވަރުގައި. އެހެންވީމަ ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅައިފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނެތް، ނުސްވެ އޮންނާނެ،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްލާމީ އެހެން ގައުމުތަކުގައި ހައްދު ފަހަނައެޅުން ފަދަ މައްސަލަތައް އޮތް މިންވަރަށް އެފަދަ މައްސަލަތައް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި އިލްމީ ގޮތުންނާއި ގާނޫނީ ގޮތުން އެފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ފަރުވާކުރެވެމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެހެންވީމަ ދިވެހިރާއްޖޭގެ ނަން ކިލަނބުކޮށްލުމަށް ޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގައި އެގޮތަށް އެ ވާހަކަ ދައްކާ ފަރާތްތަކަށް އަޅުގަނޑުމެން ނަސޭހަތްތެރިވާން ޖެހޭނީ އެގޮތަށް އެކަން ނުކުރުމަށް، ހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމަށް ރާއްޖެއާ ބެހޭ ގޮތުން،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއަކީ ރާއްޖެއަކީ ހުރިހާ އެންމެންނަށް ވެސް އިހުތިރާމުކުރ، ސުލްހައަށް ލޯބިކުރާ، އެހެން ދީންތަކުގެ މީހުންނަށްވެސް އަދުލުވެރި ގޮތުގައި އިހުސާންތެރިވާ ގައުމެއްގެ ގޮތުގައި ޝަހީމް، ރާއްޖެ ސިފަކުރެއްވިއެވެ.
"އެހެންވީމާ ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ މުޖުތަމައެއްގެ ގޮތުގައި ސިފަކުރަން އެއްވެސް ޖާގައެއް އޮތްކަމަށް ނުދެކެން،" އޭނާ ވިދާޅުވިއެވެ.
ހައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި، އިސްލާމްދީނުގެ އުސޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އިސްލާމިކް މިނިސްޓްރީން އަންނަނީ ގައުމީ ފެންވަރުގެ ޕްރޮގްރާމެއް، 'ރިސާލާ'ގެ ނަމުގައި ހިންގަމުންނެވެ.
ރާއްޖޭގައި ހައްދުފަހަނައަޅައިފައިވާ ފިކުރުގެ ކަންބޮޑުވުން އިތުރުވެފައިވަނީ، އެފަދަ ފިކުރުގެ ދިވެހީން ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވެ، އެފަދަ ފިކުރުގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅުމުގެ މައްސަލަތަކާ ގުޅިގެންނެވެ.