މިސްކިތްތަކާއި ގުރުއާން މައުރަޒުތައް ފަދަ ތަންތަން ގާއިމުކުރުމަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ހެދުމުގެ މަސައްކަތް ކުރަން ޒަކާތު ހައުސްއިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާ މަޝްވަރާކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހިމެނޭހެން ޒަކާތު ހައުސްގެ އިސްވެރިން ވަނީ މީރާގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީރާގެ އިސްވެރިންނާ ބައްދަލުކުރެއްވުން: މިސްކިތްތަކާއި ގުރުއާން މަރުކަޒުތައް ގާއިމުކުރުމަށް ފައިސާ ޖަމާކުރެވޭ ނިޒާމެއް ހަދަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެ ބައްދަލުވުމުގެ ތަފްސީލުތައް މިއަދު 'ސަން'އާ ހިއްސާކުރައްވައި ވަޒީރު ޝަހީމް ވިދާޅުވީ، މިހާރުވެސް ޒަކާތް ނެގުމުގެ ބައި ކުރިއަށް ގެންދަނީ މީރާ މެދުވެރިކޮށް ކަމަށެވެ.
އޭގެ އިތުރަށް، ސަދަޤާތާއި ޚައިރާތާއި މިސްކިތް ބިނާކުރުމާއި ގުރުއާން ސެންޓަރުތައް ބިނާކުރަން ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެތޯ މީރާއާ މަޝްވަރާކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަން ހަރުދަނާ ގޮތެއްގައި ގާއިމުކުރުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އުންމީދަކީ ރޯދަ މަހުގެ ކުރިން އެ ނިޒާމު ގާއިމުކުރެވުން ކަމަށެވެ.

މީރާގެ އިސްވެރިން: މިސްކިތްތަކާއި ގުރުއާން މަރުކަޒުތައް ގާއިމުކުރުމަށް ފައިސާ ޖަމާކުރެވޭ ނިޒާމެއް ހަދަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެއީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ބޭރު އެހެން ގައުމުތަކުގައި ހަމަ މިސްކިތް އެޅުމާއި ސުކޫލުތައް ބިނާކުރުމާއި، މިކަހަލަ ވަރަށް ގިނަ މަސައްކަތްތައް ރާއްޖޭން ބޭރުގެ އެކި ސަރަހައްދުތަކުގައި ކުރަމުން އެބަ ދޭ. އަޅުގަނޑުމެން ރާއްޖޭގައި ވެސް ގިނަ ބަޔަކު ވެގެން މިކަން ކުރެވެން އެބަ އޮތްއިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ވަޒީރު ވިދާޅުވީ، އިސްލާމީ އެހެން ގައުމުތަކުގައި އޮންނަހެން ބޮޑެތި އާއިލާތަކާއި ރައްޓެހިން ނުވަތަ ގިނަ ބަޔަކު ވެގެން އެފަދަ ތަންތަން ގާއިމުކުރަން ފައިސާ ޖަމާކުރަން ފުރުސަތު ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒަކާތު ހައުސްގެ އިސްވެރިން މީރާއާ އެކު ބޭއްވި ބައްދަލުވުމުގައި: މިސްކިތްތަކާއި ގުރުއާން މަރުކަޒުތައް ގާއިމުކުރުމަށް ފައިސާ ޖަމާކުރެވޭ ނިޒާމެއް ހަދަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަށްވާއިރު، އެމަނިކުފާނު ވަނީ 18 ޑިސެމްބަރު 2023ގައި ޒަކާތު ހައުސް އުފައްދަވައިފައެވެ.
އެ އިދާރާއިން އަންނަނީ އެކި ކަންކަމަށް ބޭނުންވެފައިވާ މީހުންނަށް ޒަކާތު ފަންޑުން ޚަރަދުކުރަމުންނެވެ. އޭގެތެރޭގައި، އެންމެ ބޮޑު ހޭދައެއް ކުރަނީ ކެންސަރު ބައްޔަށް ކަމަށްވާއިރު، އެހެނިހެން ބަލިތަކަށް ވެސް އެފަންޑުން ޚަރަދުކުރެއެވެ.