ރާއްޖޭގައި ހެދި އެންމެ ބޮޑު ގޯހަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރަށްރަށަށް އަރުވާލުން: އުމަރު

“ޑްރަގަށް ދާއިމީ ހައްލު”ގެ ނަމުގައި ބޭއްވި ޖަލްސާގައި އުމަރު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގޯހަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކުރާ މީހުން އަތޮޅުތަކުގެ ރަށްރަށް އަރުވާލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް އުމަރު ރޭ ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުން މިހާވަރަށް ފެއިލްވެފައިވާ ސަބަބުތަކާމެދު ވިސްނާލުން މުހިއްމު ކަމަށެވެ.

އެގޮތުން މީގެ 30 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުން އަތޮޅުތެރޭގެ ރަށްރަށް އަރުވާލުމަކީ ރާއްޖޭގައި ހެދި އެންމެ ބޮޑު ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް “ޑްރަގަށް ދާއިމީ ހައްލު”ގެ ނަމުގައި އުމަރު ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

"މީގެ ކުރިން ޑްރަގު ބޭނުން ކޮށްގެން ހުކުމް ކުރާ މީހުން ރާއްޖޭގެ ކުދި ކުދި ރަށްރަށް އަރުވާލަމުން ގެންދިޔައީ. އޭގެ ސަބަބުން އެ ރަށްރަށް ޑްރަގު ތައާރަފްވެ އެއް ޖީލު އެއްކޮށް ހަލާކުވެގެން ދިޔައީ. އެހެންވީމަ އެއީ ރާއްޖޭގަ ހެދި ވަރަށް ބޮޑު ޕޮލިސީ މިސްޓޭކެއް،" އޭނާ ވިދާޅުވިއެވެ.

ސިފައިންގެ ވަޒީފާގައި އޭރު ހުންނެވި އުމަރު ވިދާޅުވީ އެކަމުގެ ވާހަކަ އޭރު ތިބި އިސްވެރިގެންގެ ސަމާލުކަމަށް ގެނައުމުން އޭގެ ފަސް ވަރަކަށް އަހަރު ފަހުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުކުމް ކުރާ މީހުން ޖަލަށް ލާން ނިންމީ ކަމަށެވެ.

މީގެ އިތުރުން ކުދިން އިސްލާހުކޮށް "ޑިސިޕްލިން" ކުރުމުގެ އާއިލީ ބާރުތައް މައިންބަފައިންގެ އަތުން އަތުލުމަކީ ވެސް ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ނުހުއްޓި އިތުރުވި ސަބަބެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"ކުޑަކުދިންނާ ބެހޭ ގާނޫނު ގެނެސްގެން ބައިންބަފައިންގެ ބާރުތައް އަތުލީ. ބައެއް ހާލަތްތަކުގައި މައިންބަފައިންގެ ބާރު އެއްވެސް ވަރަކަށް ނެތްކަމަށް ދޭހަވާ ގޮތައް އެ ގާނޫނު މާނަކުރީ. ދަރިންގެ މައްޗަށް މައިންބަފައިންގެ ކިބައިގައި އޮންނަ ބާރުތައް އަތުލީ. ކޮށްގެން ނުވާނެ ކަމެއް. އެއީ ރާއްޖޭގައި އަނެއްކާވެސް ހެދި ގޯހެއް،" އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް “ޑްރަގަށް ދާއިމީ ހައްލު”ގެ ނަމުގައި އުމަރު ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ޒަމާނުންސުރެ ސުކޫލުތަކުގައި ކުދިންގެ އަޚުލާގާއި އަމަލުތައް އިސްލާހު ކުރުމަށް ދެވިފައިވާ ބާރުތައް އަތުލައި އެމީހުންގެ ބާރުތައް ކަނޑާލި ކަމަށާއި ނަތީޖާއެއްގެ ގޮތުން ސުކޫލުތަކުގެ އޮންނަން ޖެހޭ "ޑިސިޕްލިން" ގެއްލިގެން ދިއުމަކީވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ކުރާ ދަތުރުގައި ރާއްޖެއިން ހެދި ގޯހެއްގެ ގޮތުގައި އުމަރު ސިފަ ކުރެއްވިއެވެ.

އެންމެ ފަހުން ފުލުހުންގެ އޮންނަން ޖެހޭ ބާރުތައްވެސް ނަގާލައި އެ ބާރުތައް ވެސް އަތުލައި މަސްތުވާތަކެތީގެ މައްސަލަތައްފަދަ މައްސަލަތައް ތަހުގީގުކުރަން ތިބޭ ފުލުހުން އިތުރު ހަތަރު މުއައްސަސާއަކަށް ޖަވާބުދާރީވާން ޖެހުމަކީ މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރާއްޖެ މި ލެވެލްއަށް ފެއިލްވާން ޖެހުނު ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އޮތް އިރުވެސް އެކަން ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ރަނގަޅު ފިޔަވަޅު އެއްވެސް ސަރުކާރަކަށް އެކަށީގެންވާ ވަރަށް ނޭޅޭ ކަމަށާއި އެކަމުގެ ޒިންމާ ހުރިހާ ސަރުކާރަކުން ވެސް ނަގަން ޖެހޭ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް “ޑްރަގަށް ދާއިމީ ހައްލު”ގެ ނަމުގައި އުމަރު ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގައި މިހާރުވެސް މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި 23،000 މީހުން އެބަތިބި ކަމަށާއި އެންމެ ކުރިންސުރެ މިއަދާ ހަމައަށް ބަލާއިރު ރާއްޖޭގެ ތިން "ޖެނެރޭޝަން" އެއް މަސްތުވާތަކެތީގެ ވަބާއަށް ގެއްލިއްޖެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހުރިހާ ކަމަކަށް ބަލައި ޑްރަގުގެ މައްސަލަތަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލައި އެކަމުގައި އުޅޭ މީހުން ރަނގަޅުކޮށްގެން އަނބުރާ މުޖުތަމައަށް ނެރެން އޭރަކު އޮންނަ ސަރުކާރަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް މަދުކޮށް އެ ވަބާ އެއްކޮށް ނައްތާލުމަށް ވެރިކަމަށް އަންނަން ކުރާ ދޯހަޅި ވައުދެއްގެ ބަދަލުގައި ރަނގަޅު އަދި އެކަށޭނެ ފިޔަވަޅުތަކެއް އަޅައިގެން އެންމެންވެސް އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަަމަށް އުމަރު ފާހަގަކުރެއްވިއެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖެއަށް އެތަކެތި އެތެރެކުރުން ހުއްޓުވިގެން ކަމަށެވެ. އެގޮތުން މަސްތުވާތެކެތި ހިފައިގެން ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުތަކަށް ވަންނަ އުޅަނދުތަކަށް ބަޑިޖަހަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ބަރުދަނުގެ ގޮތުން ބޮޑެތި އަދަދުތަކުގެ މަސްތުވާތަކެތި އަތުލައެވެ. ނަމަވެސް އުމަރު ވިދާޅުވިގޮތުގައި އެއީ ރާއްޖެ އެތެރެކުރާ އަދަދާއަޅާ ބަލާއިރު މަދު މިންވަރެކެވެ.

comment ކޮމެންޓް