ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދެހާސް އަށާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގެ ތެރެއިން - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށް އެމްއެމްސީން ބުންޏެވެ.

މި ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު"ގެ އިޢުލާނު ވަނީ އާންމުކޮށްފައެވެ.

އެމްއެމްސީން ބުނީ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އޮގަސްޓް 11ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން، އިނާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވަނީ ޖުމްލަ 12 ދާއިރާއަކުންނެވެ. އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:

  • ތަހުގީގީ ނޫސްވެރިކަން
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ
  • ވިޔަފާރިއާއި އިގްތިސޯދު
  • ކުޅިވަރު
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  • ފީޗާ
  • އެންމެ އުންމީދީ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ މިިދިޔަ އަހަރު އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާއެވެ.

އެގޮތުން ނިއުސް ގްރެފިކްސް އަދި އިލަސްޓްރޭޝަންސްގެ ދާއިރާއަށް ހުށަހެޅޭނީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މީިޑިއާގައި ޝާއިއުކޮށްފައިވާ ގްރެފިކްސް އާއި ކުރެހުންތަކެވެ. މި ދާއިރާއަށް ހުށަހެޅޭނީ އިންފޮގްރެފިކްސް، އިލަސްޓްރޭޝަންސް، ކެރިކެޗާ އަދި ކާޓޫން ފަދަ ވިޝުއަލްސް ކަމަށް އުސޫލުގައިވެއެވެ.

comment ކޮމެންޓް