އިސްރާއީލުގެ ގޭސް މިސްރުގެ މަގުން ޔޫރަޕަށް ގެންދިޔުމުގެ އެއްބަސްވުމާއެކު އިސްރާއީލަށް ބޮޑު ކުރިއެރުމެއް

އިސްރާއީލުގެ ގޭސް މިސްރުގެ މަގުން ޔޫރަޕަށް ގެންދިޔުމުގެ އެއްބަސްވުމުގައި ގާހިރާގައި ސޮއިކުރަނީ

ގާހިރާ (16 ޖޫން 2022): އިސްރާއީލުގެ ގޭސް މިސްރުގެ މަގުން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި އިސްރާއީލުން މިސްރާއި ޔޫރަޕްގެ އިއްތިޙާދާއެކު އިއްޔެ ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ރަސްމިއްޔާތުގައި އިސްރާއީލުގެ ހަކަތައާބެހޭ ވަޒީރު ކަރިން އަލްހައްރާރު ވިދާޅުވީ މިއީ އިސްރާއީލުގެ އިގްތިސާދު އަރަބި އިގްތިސާދާއި ޔޫރަޕްގެ އިގްތިސާދާ ގުޅާލުމަށް އެޅޭ މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމުގައެވެ.

މިކަމުގެ ސަބަބުން އިސްރާއީލުގެ އެކަހެރިކަން ކެނޑި އަރަބިންނަށާއި ޔޫރަޕަށް މުހިއްމު ގައުމަކަށް އިސްރާއީލު ވެގެންދާނެ ކަމަށްވެސް އަލްހައްރާރު ވިދާޅުވިއެވެ. މިއީ ކޮންމެ ތިން އަހަރަކުން އައުވާގޮތަށް އޮންނަ އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ގޭސް ކަނޑުގެ މަގުން ހޮޅިއަޅައިގެން ފުރަތަމަ ގެންނާނީ މިސްރަށެވެ. އިސްރާއީލުގެ ގޭސް ޔޫރަޕަށް ގެންދާނީ މިސްރާއި ޔޫރަޕާ ދެމެދު މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ހޮޅިއަޅައިގެންނެވެ.

މި ގޭސް ހޮޅީގެ ސަބަބުން މިސްރަށް ކޮންމެވެސް ވަރެއްގެ އިގްތިސާދީ ފައިދާއެއް ލިބުނު ނަމަވެސް މިކަމުގެ ސަބަބުން ފަލަސްތީނުގެ ހައްގުތަކުގެ މައްސަލައިގައާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް މިސްރަށް ދަތިތަކެއް ކުރިމަތިވެގެން ދާނެކަމަށް ވަނީ ބެލެވިފައެވެ.

މިސްރުގެ ބައެއް މުހައްލިލުން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ގޭހުގެ ގޮތުގައި މިސްރުގެ މަގުން އެކްސްޕޯޓް ކުރަން މިއުޅެނީ ހަގީގަތުގައި ފަލަސްތީނު ރައްޔިތުންގެ ރިސޯސް އެވެ. މިރިސޯސް މިސްރާ ގުޅުވައިގެން އެއިން މިސްރަށް ބައި އެޅޭގޮތަށް އިސްރާއީލުން މިސްރާއެކު ސޮއިކުރި މިއެއްބަސްވުމަކީ ފަލަސްތީނާއި މިސްރުގެ މަސްލަހަތު ފުށުއެރުވުމުގެ އިޔަހޫދީ ރޭވުމުގެ ދަށުން އިސްރާއީލު ކުރިކަމެކެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދުގައި މިގޭސް ހޮޅިއަށް ގެއްލުމެއް ދީފިނަމަ އެކަމުގެ ގެއްލުން މިސްރަށް ވެސް ލިބޭގޮތް ވުމަކީ ފަލަސްތީނާއި މިސްރު ޖެހޭނެކަމެކެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލެކޭ އެއް ގޮތަށް ތެދުވަން މިސްރަށް ވެސް މަޖުބޫރުވާނެކަމެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިއެއްބަސްވުން ސިފަކުރައްވާފައިވަނީ ވަރަށް ތާރީޚީ އެއްބަސްވުމެއްގެ ގޮތުގައެވެ. އިސްރާއީލަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

އިސްރާއީލުން މިސްރާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ އިސްރާއީލުން އީރާނަށް އަމާޒުކޮށް ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި ބަހްރައިންގައި އަސްކަރީ ރާޑަރުތަކެއް ބެހެއްޓިކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އަނެއްކޮޅުން އީރާނުގެ ދެ ސައެންސް ވެރިއަކަށް ވިހަދީގެން އެދެމީހުން މަރާލިކަމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށް ވަނީ ކުރެވިފައެވެ. އީރާނުގެ މިދެ ސައެންސްވެރިންގެ ތެރެއިން އެއްބޭފުޅަކީ އީރާނުގެ ޖައްވީ ދިރާސާތަކާ ބެހޭ މަރުކަޒުގައި ރޮކެޓާއި މަތިންދާބޯޓުގެ އިންޖިނު އުފެއްދުމާބެހޭ ވަރަށް ޒުވާން ސައެންސްވެރިއެއްކަމަށްވާ އައްޔޫބު އިންތިޒާރީ އެވެ. އަނެއް ސައެންސްވެރިއަކީ އީރާންގެ ފަޒާއާބެހޭ އިދާރާގައި ޖިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ކަމްރާން އަޣްމަލާއީ އެވެ.

އިސްރާއީލަކީ އީރާނުގެ އިލްމީ، ޓެކްނޮލޮޖީ އަދި ނިއުކްލިޔާ ކުރިއެރުން ހަޖަމުނުވެ އީރާނުގެ ސައެންސްވެރިން މެރުމުގެ ޓެރަރިސްޓް ހަރަކާތްތަކެއް ވަރަށް ކުރިން ފެށިގެން ހިންގަމުން ގެންދާ އިސްތިއުމާރީ ބާރެކެވެ. އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އީރާނުން ކުރަނީ އެމެރިކާގެ މައްޗަށެވެ.

އިސްރާއީލާއި އެމެރިކާގެ މައްޗަށް ވަނީ އެ ދެ ގައުމު ގުޅިގެން އިރާގުގެ އެތައް ސައެންސްވެރިއަކުވެސް މަރާލިކަމުގެ ތުހުމަތު ކުރެވިފައެވެ. މީގެ އިތުރުން އިސްރާއީލު ވަނީ މިސްރާއި ފަލަސްތީނާއި ތޫނިސްގެ ސައެންސްވެރިންވެސް މަރާފައެވެ.

އީރާނުން އެމެރިކާ ސިފަކުރަނީ އެންމެ ބޮޑު ޝައިތާންގެ ގޮތުގައެވެ. އީރާނުން އިސްރާއީލު ސިފަކުރަނީ މެދުއިރުމަތީގައިވާ، ނައްތާލަންޖެހޭ ކެންސަރު ސެލްއެއްގެ ގޮތުގައެވެ.

comment ކޮމެންޓް