ގާނޫނުގައި ސިޔާސީ ޕާޓީއެއްގައި ހަމަވާން ޖެހޭ ވަރަށް މެންބަރުން ހަމަނުވާތީ އުވާލަން ނޯޓިސް ފޮނުވި ހުރިހާ ޕާޓީއަކުން ވެސް ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން 3،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
އީސީން ނޯޓިސް ފޮނުވި ޕާޓީތަކުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނެއެވެ.
ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދީފައިވާ ޕާޓީތަކުން ރޭގެ 22:00 ނިޔަލަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތަފްސީލު އީސީން ހާމަކުރުއިރު އެ ހުރިހާ ޕާޓީ އަކުންވެސް ވަނީ 3،000 މެންބަރުން ހަމަވާވަރަށް ފޯމު ހުށަހަޅާފައެވެ.
އެގޮތުން ޑީއާރުޕީން ވަނީ 788 ފޯމު ހުށަހަޅާފައެވެ. އީސީން ނޯޓިސް ފޮނުވިއިރު އެ ޕާާޓީގައި ތިބީ 2269 މެންބަރުންނެވެ. އެމްޓީޑީން 962 ފޯމު ހުށަހަޅާފައިވާއިރު އެ ޕާޓީގައި މިހާރު ތިބީ 2457 މެންބަރުންނެވެ. އެމްއެލްއެސްޑީޕީގައި މިހާރު 2691 މެންބަރުން ތިބިއިރު އެ ޕާޓީން ވަނީ 376 ފޯމު އީސީއަށް ހުށަހަޅާފައެވެ.
މީގެ އިތުރުން އެމްއާރުއެމް ގައި މިހާރު 2280 މެންބަރުން ތިބިއިރު އެ ޕާޓީން 1397 ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން އާންމުކުރި މައުލޫމާތުގައިވެއެވެ. އަދި ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެ ޕާޓީއަށް 3،000 މެމްބަރުން ހަމަވެއްޖެކަން އީސީން ވަނީ އެ ޕާޓީއަށް އަންގައިފައެވެ.
އެމްޓީޑީން ވެސް ވަނީ 3،000 ފޯމު ހަމަކޮށް މިދިޔަ ހޯމަ ދުވަހު އީސީއަށް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
"މި ބަލަނީ ޕްރޮސެސް އަވަސް ކުރެވޭތޯ. އީސީގެ ޕްރޮސެސް ނިމުނުހާ އަވަހަކަށް [ޕާޓީތަކަށް ޝަކުވާ ހުށަހެޅުމުގެ] އެ ފުރުސަތު ހުޅުވާލާނަން. މި ބަލަނީ ވީހާވެސް އަވަހަކަށް ނިމޭތޯ،" ހަބީބު ވިދާޅުވިއެވެ.
ފޯމުތަކުގެ ސައްހަކަން ކަށަވަރުވާހާ އަވަހަކަށް ޕާޓީތަކަށް އެ މައުލޫމާތު އަންގާނެ ކަމަށް އީސީން ބުނެއެވެ.