ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގި ނަމަވެސް ދަތުރުފަތުރުގެ ނިޒާމް ވަރުގަދަ ނުވާނަމަ އެ ގައުމެއް ކުރިއަކަށް ނުދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓެގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކް"ގެ ދަށުން، ރާއްޖެ ޓްރާންސްޕޯޓް ލިންކު(އާރުޓީއެލް)، ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ, ރާއްޖޭގެ ތަރައްޤީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމަށް ވަރަށް މުހިންމު އިސްކަމެއްދޭން ޖެހޭ ކަމަށެވެ.
"ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގިޔަސް އެ ގައުމެއްގެ ދަތުރުފަތުރުގެ ނިޒާމް ވަރުގަދަ ނުވާނަމަ އެ ގައުމެއް ކުރިއަކަށް ނުދާނެ," ނަހުލާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމެއްގެ ހަގީގީ ސިފަ ޖެހިގެންދާނީ ދަތުރުފަތުރުގެ ނިޒާމް ވަރުގަދަވުމުންކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ އާރުޓީއެލްގެ ސަބަބުން ރަށްތައް ގުޅާލައި ތަރައްގީ ގެނުވާނެ ކަމަށެވެ.
ރާއްޖޭގެ ރަށްތަކަކީ ޖަޒީރާ ރަށްތަކަކަށް ވުމުން އެއް ރަށުން އަނެއް ރަށަށް ގުޅާލުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އިޖުތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން ރާއްޖެ ކުރިއަރުވަން ބޭނުން ނަމަ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ, އާރުޓީއެލް ފެރީ ނިޒާމުގެ ސަބަބުން ރާއްޖެ ބަދަލުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައީ ގައުމެއް މުޖުތަމުއެއް ތަރައްޤީވުމުގައި މޮބިލިޓީއަކީ އެއްތަނުން އަނެއް ތަނަށް ދެވޭނެ ފަސޭހަ ގޮތެއް އޮތުމަކީ އެއީ ކޮންމެހެން ލާޒިމް ކަމެއްގެ ގޮތުގައި," އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރެއިން ލިބެނީ އިގްތިޞާދީ ތަރައްގީއާއި އިޖުތިމާއީ ދުޅަހެޔޮކަން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމްވެސް ހިންގޭނީ ދަތުރުފަތުރުކުރުމުގެ ނިޒާމަކާ އެކީގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން މީހުން ތިބެނީ ރަށު ބަންދުގައި އެކަހެރިވެފައިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ރަށު ބަންދުން ފިލުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ކޮންމެހެން ލާޒިމްވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ފަށާ ދަތުރުފަތުރުގެ ނިޒާމަކީ، އޭގައި ޒަމާނީ ފެންވަރެއް ހުރި ބާރު ސްޕީޑްގައި ދަތުރުކުރާ ފަސޭހަކަމާއި އެކީގައި ދަތުރުކުރެވޭނެ ނިޒާމެއް. އަޅުގަނޑުމެން ދެކޭ ގޮތުގައި މި ދަތުރުފަތުރުގެ ނިޒާމާ ނުލައި އަޅުގަނޑުމެން މިތިބަ ހިސާބުން އިތުރަށް ދިވެހިރާއްޖެ ތަރައްގީ ކުރުމަށް އުނދަގޫވާނެ," އަސްލަމް ވިދާޅުވިއެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލައި ރައްޔިތުން ރަށު ބަންދުން ވީއްލުމަކީ މިސަރުކާރުގެ ތަސައްވަރެއްކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ, މިއަދު އިފްތިތާހްކުރި ދަތުރުފަތުރުގެ ނިޒާމް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އާރުޓީއެލް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާއަށް ދެއްވި ވީޑިއޯ މެސެޖެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވީ, އެ ނިޒާމުގެ ސަބަބުން، ފެތުރިފައިވާ އިގްތިޞާދު އެކައްޗަކަށް ހަދާލެވޭނެ ކަމަށެވެ.
"ކުދި ކުދި މާކެޓްތަކެއް ކުރިން ހުރިހުރުން އެއް މާކެޓަކަށް އޭގެ ޒާތުގައި ބަދަލުވެގެން ދަނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ," މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
އާރުޓީއެލް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމެކެވެ. އެގޮތުން "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުއެކެވެ.