ކޮލިފައިންގައި އުޒްބަކިސްތާން އަތުން ވެސް ބަލިވެ ރާއްޖެއަށް އޭއެފްސީ ކަޕް ގެއްލިއްޖެ

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖެ އާާއި އުޒްބަކިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިރޭ ރާއްޖެ ކުޅުނު ދެވަނަ މެޗުން 0-4 ގެ ނަތީޖާއަކުން އުޒްބަކިސްތާން އަތުން ބަލިވެ އެ މުބާރާތަށް ކޮލިފައިނުވެ ކޮލިފައިން ބުރު ރާއްޖެއަށް ނިންމާލަން ޖެހިއްޖެެއެވެ.

އަންނަ އަހަރު ބާއްވަން ނިންމާފައިވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމުގެ އިތުރުން ކޮލިފައިން ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެކެވެ.

ރާއްޖެ މިރޭ އުޒްބަކިސްތާނު އަތުން ބަލިވެ, އެ ގުރޫޕުގައި ދެން ހިމެނޭ ތައިލޭންޑުން 2-0 ގެ ނަތީޖާއަކުން ލަންކާ ބަލިކުރުމުން އެ ގުރޫޕުގެ ގަދަ ދެ ޓީމު ވަނީ ކަށަވަރުވެފައެވެ. އެ ގުރޫޕްގެ އެއްވަނަ ދެވަނަ ކަށަވަރުވާނީ ގުރޫޕްގެ ފަހު މެޗުގައި އުޒްބަކިސްތާނާއި ތައިލޭންޑު ބައްދަލުކުރާ މެޗަށް ފަހުގައި ނިކުންނަ ނަތީޖާއިންނެވެ.

އުޒްބެކިސްތާންގެ މަރުކަޒީ ސްޓޭޑިއަމްގައި މިރޭ އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު އެ މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ގޭމެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖޭގެ ގޯލަށް އުޒްބަކިސްތާނުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ.

ރާއްޖޭގެ ޓީމުން ގޯލުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް އެ ހުރިހާ ފުރުސަތެއް ވަނީ ބޭކާރުވެފައެވެ. އެގޮތުން މުޙައްމަދު ހަމްޒާ (ހަމްޕު) ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރާހީމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ބޯޅަ ވަނީ އުޒްބަކިސްތާނުގެ ކީޕަރު ދިފާއުކޮށްފައެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖެ އާާއި އުޒްބަކިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިރޭގެ މެޗުގެ ދެވަނަ މިނެޓުގައި އުޒްބަކިސްތާނުން ވަނީ ލީޑު ނަގާފައެވެ. އެ ގޯލަކީ އެ ޓީމުގެ އެލްޑޯރު ޝޮމުޑޯރޯފް ޖަހައިދިން ގޯލެކެވެ. އަދި ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ވެސް އޭނާ ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 80 ވަަނަ މިނެޓުގައި އަނެއްކާ ޝޮމުޑޯރޯފް ގޯލެއްޖަހައި މެޗުގެ ހެޓްރިކް އޭނާ ވަނީ ފުރިހަމަ ކޮށްފައެވެ. އެ ގޯލަކީ ރާއްޖޭގެ ޑިފެންސްލައިނުން ހެދުނު ގޯހެއްގެ ބޭނުން ހިފައި އޭނާ ޖެހި ގޯލެކެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އުޒްބަކިސްތާނުން ވަނީ މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ފާރޫކް ޝަފީއޭފް ނެގި ހުރަހެއްގެ ބޭނުން ހިފައިގެން އޯސްޓޯން އުރުނޯވް ޖަހައިދިން ގޯލެކެވެ.

މިރޭގެ މެޗުން ބަލިވެ ރާއްޖެ ކެޓިއިރު އެންމެ ފަހުން ރާއްޖެ ތައިލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ 17:00 ގައި ރާއްޖެ ލަންކާއާ ދެކޮޅަށް ނިކުންނާނެެވެ.

comment ކޮމެންޓް