ޓިކްޓޮކް ތަރި ޝިފާގެ ވީޑިއޯ މައްސަލަ ފުލުހުން ބަލަން ފަށައިފި

މަރިޔަމް ޝިފާ --

ޓިކްޓޮކް ކުޅެގެން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި މަރިޔަމް ޝިފާ، އެއްޖިންސުން ގުޅުން ހިންގާ ކަމަށް ފާހަގަކުރެވޭ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެގެ ވަގުތެއްގައި އާއްމުކުރި އެ ވީޑިއޯގައި ޝިފާ އެހެން އަންހެނަކާއެކު ބަރަހަނާ ހާލުގައި ހުރެ، ބަދުއަޚްލާގީ އަމަލު ހިންގާ މަންޒަރު ފެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވެގެން އުޅޭ އެ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްގެން ބަލާންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޝިފާގެ މި ވީޑިއޯ އާއްމުކުރިއިރު، އޭނާއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެންބަރެކެވެ. އެހެންކަމުން މި މައްސަލަ މިހާރު އަންނަނީ އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބަލަމުންނެވެ.

މި ވީޑިއޯގެ މައްސަލައިގައި ޝިފާ މަސައްކަތް ކުރަމުން އަންނަ ނަށާ ގްރޫޕުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. އެ ގްރޫޕަކީ ފިލްމީތަރި ޖާދުﷲ އިސްމާޢީލާއި އިތުރު ބަޔަކު ގުޅިގެން ހިންގާ ޑާންސް ގްރޫޕެކެވެ.

ޖާދުﷲގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެހެން ހަތަރު މީހެއްގެ ވެސް ހާޒިރުގައި ޝިފާ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިހާރުވެސް އެ އަމަލު ހިންގަމުން އަންނަ ކަމަށް އޭނާގެ ދުލުން އިއުތިރާފުވި ކަމުގައި ޖާދުގެ ޕޯސްޓުގައިވެއެވެ.

ރާއްޖޭގައި ފިލްމީ ދާއިރާއަށް ނުކުންނަ ތަރީންގެ ފަރާތުން މިފަދަ ވީޑިއޯތައް އާއްމުވެ، ފާޑުފާޑުގެ އަޑުތައް އެރުމަކީ އައު ކަމެއް ނޫންނެވެ. މިގޮތުން ހިކި މަސްތުވާތަކެތި އެތެރެކޮށްގެން އެތަކެތީގެ ވިޔަފާރި ކުރުމާއި ބަނގުރާ ބުއިމާ އަދި ބަދުއަޚުލާގީ އެކިއެކި މައްސަލަތަގުގައި ތާށިވެގެން، ދާއިރާއާ ދުރަށްދާން މަޖުބޫރު ވެފައި ތިބި އެތައް ތަރީންނެއް މިހާރުވެސް އެބަތިއްބެވެ.

comment ކޮމެންޓް