ހދ. ކުމުންދޫ ނޭޗާ ޕާކް ވެހިސަރާގައި ބަޔަކު އަލިފާން ރޯކޮށްލައި، އަގު ނުކުރެވޭ ވަރުގެ ގެއްލުމެއް ދީފިއެވެ.
އެ ހާދިސާއާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ، ފަތިހު ފަހެއް ޖަހާކަންހާއިރު އެހެން ކައުންސިލަރަކު ގުޅާފައި ބުނުމުން ކަމަށެވެ.
"އަޅުގަނޑު ގޮސް ބެލިއިރު ގާތްގަނޑަކަށް ހަމަ 90 ޕަސެންޓް އަނދާފަ ހުރީ، އެތާ ޖަހާފަ ހުރި ހަޓު. ގާތްގަނޑަކަށް އެއްކޮށް އަނދާ ހުލިވެފަ މިހާރު ހުރީ،" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ، އެއީ ބަޔަކު ގަސްތުގައި ދީފައިވާ ގެއްލުމެއްކަމަށް ލަފާ ކުރެވޭ ކަމަށާއި، ސަބަބަކީ އަލިފާން ރޯވާ ޒާތުގެ އެއްވެސް އެއްޗެއް އެތަނުގައި ނުހުންނާނެތީ ކަމަށެވެ.

ކުމުންދޫ ނޭޗާ ޕާކްގައި ބަޔަކު ރޯކޮށްލާފައި -- ފޮޓޯ/ ކުމުންދޫ ކައުންސިލް
ކުމުންދޫއަށް ޒިޔާރަތް ކުރާ މީހުންގެ ތެރޭގައިވެސް ވަރަށް މަގުބޫލު މި ނޭޗާ ޕާކަށް، ކުމުންދޫ އެއްވެސް ރައްޔިތަކު ގެއްލުން ދޭންޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރު އެތަން ވެގެން ގޮސްފަ ވަނީ ކުމުންދޫގެ އެންމެހާ ރައްޔިތުންނަށް ވަރަށް ފައިދާ ހުރި ތަނަކަށް. ކުމުންދޫ އެކްސްޕޯސް ވެގެން ގޮސްފަވާ ތަނެއް އެއީ،" އަމީން ވިދާޅުވިއެވެ.
އަމީން ސިފަކުރައްވާ ގޮތުގައި، މިއީ ކުމުންދޫއަށް ލިބުނު އަގު ނުކުރެވޭ ވަރުގެ ގެއްލުމެކެވެ.

ކުމުންދޫ ނޭޗާ ޕާކްގައި ބަޔަކު ރޯކޮށްލުމުގެ ކުރިން ހުންނަގޮތް -- ފޮޓޯ/ ކުމުންދޫ ކައުންސިލް
ކުމުންދޫ ކައުންސިލުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި، އެތަނަކީ ކުމުންދޫ އެންޖީއޯއެއް ކަމަށްވާ ކުރެވި ޖަމިއްޔާއިން ތަރައްގީކޮށް، ކައުންސިލާ ހަވާލު ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން "ސަން" އަށް ބުނީ، ނޭޗާ ޕާކްގެ ހަޓްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ލިބުނީ، މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކުރެވި ޖަމިއްޔާގެ ނައިބު ރައީސް ފާރިޝް އަބްދުލްގައްޔޫމް "ސަން" އަށް ވިދާޅުވީ، ނޭޗާ ޕާކު ހެދުމަށް ޖުމުލަ ދެ ލައްކަ ހަރަދު ކޮށްފައިވާނެ ކަމަށާއި، އަލުން ހެދުމަށް އެވަރު ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް ޚަރަދުވާނެ ކަމަށެެވެ.
ފާރިޝްވެސް ވިދާޅުވީ މިއީ ބަޔަކު ގަސްތުގައި ދީފައިވާ ގެއްލުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ނޭޗާ ޕާކް އެއްކޮށްހެން އަނދާފައިވާ ކަމަށެވެ.
މި ޕާކަކީ ކުރެވި ޖަމިއްޔާގެ ބަޖެޓުން ޚަރަދުކޮށްގެން، ޖަމިއްޔާގެ ކުޅިވަރު ވިންގުން ހަދައިދީފައިވާ ތަނެއް ކަމަށާއި، ގެއްލުމުގެ ސަބަބުން ތަން އަލުން ހެދުމުގެ ޝުއޫރު، މެންބަރުން ފާޅުކުރަމުންދާ ކަމަށް ފާރިޝް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ މަހު ޕާކު އަލުން ހަދަން ފެށުމުގެ ވިސްނުން ގެންގުޅޭއިރު މިފަހަރު ކުރިއަށްވުރެ ވެސް ފުރިހަމައަށް ޕާކް ހެދުމަށް ކުރެވި ޖަމިއްޔާއިން ބޭނުންވެއެވެ.

ކުމުންދޫ ނޭޗާ ޕާކުގައި ބަޔަކު ރޯކޮށްލުމުގެ ކުރިން ހުރި ގޮތް ފޮޓޯ/ ކުމުންދޫ ކައުންސިލް
"އެންމެ ބޮޑު ގޮންޖެހުމަކަށް އަޅުގަނޑުމެންނަށް ދިމާވާނެ އަނެއް ކަމަކީ، މިވަރުގެ ބަޖެޓެއް ހޯދުން. ދެން ބަޖެޓު އަޅުގަނޑުމެންނަށް ލިބުނުހާ އަވަހަކަށް، އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނަން. އަޅުގަނޑު އެދެން، މިކަހަލަ ތަންތަނަށް ބަޖެޓް ދޭން ތިބި ފަރާތްތަކުގެ އަރިހުން، އަޅުގަނޑުމެންނަށް އެހީތެރިވެދިނުމަށް،" ފާރިޝް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ކުމުންދޫ މަޝްހޫރުވީ ނޭޗާ ޕާކުގެ ސަބަބުން ކަމަށް ވެފައި، އެތަން ބަލާލަން ޒިޔާރަތްކުރާ މީހުންގެ ސަބަބުން ރަށުގެ އިޤްތިޞާދަށް ރަނގަޅު އާމްދަނީއެއް ލިބެމުން ދާއިރު، ޕާކަށް މިފަދަ ގެއްލުމެއް ދިނުން ކުށްވެރި ކުރާކަމަށް ފާރިޝް ވިދާޅުވިއެވެ.