އަނދައި ހުލިވީ ތިން ކުޑަކުދިންނާއެކު އުޅުނު ގެ؛ އާމްދަނީ ވެސް ހުއްޓި، ބޮޑު ހާސްކަމަކަށް

އައްޑޫ ސިޓީ، ހިތަދޫ އާޔާވިލާގައި އަލިފާން ރޯވެ މުޅި ގޭގެ ބޮޑުބައެއް އަނދައިފައި -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ، ހިތަދޫގައި ބުރާސްފަތި ދުވަހުގެ ރޭ، ރޯވެފައި ވަނީ ތިން ކުޑަކުދިން ދިރިއުޅޭ ގެއެއްގައި ކަމަށްވާއިރު، ގެ ބޭނުން ނުކުރެވޭ ވަރަށް އެނދުމުން، ކުދިންގެ ކެއުން ހަމަޖެއްސުމާއި އަންނައުނު ހޯދުން ހިމެނޭ ގޮތަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އަލިފާން ރޯވީ ހިތަދޫގެ، "އާޔާވިލާ" ކިޔާ ގެއެއްގައެވެ.

އެމްއެންޑީއެފުން "ސަން"އަށް ބުނީ އަލިފާނުގެ ހާދިސާ ހިނގީ ރޭ 19:18 ހާއިރު ކަމަށާއި، ނިއްވައިލެވުނީ 10:30 ހާއިރު ކަަމަށެވެ.

އެ ގޭގެ ސިޓިން ރޫމާއި ބަދިގެ އަނދައި ހުލިވެފައިވާއިރު، ގޭގެ ތިން ކޮޓަރީގެ ތެރެއިން ދެ ކޮޓަރީގައި ހުރި ހުރިހާ ސާމާނުތަކަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ. އަދި އަންނައުނާއި، ކުޑަކުދީންގެ ސްކޫލު ފޮތްތަކާއި، ޔުނީފޯމުތަކާއި، ހިފައިގެންގުޅޭ ތަކެތި ފަދަ ގިނަ އެއްޗެހި ވަނީ އަނދައިފައެވެ.

އައްޑޫ ސިޓީ، ހިތަދޫ އާޔާވިލާގައި އަލިފާން ރޯވެ މުޅި ގޭގެ ބޮޑުބައެއް އަނދައިފައި -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މި ހާދިސާއާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތުދެމުން އެ ގޭގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް މަނިކުފާނު ބުނީ އެ ގޭގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ގޭގައި ދިރިއުޅެނީ ދެ ދަރިންނާއި ތިން ކާފަ ދަރިންނެވެ.

އިބްރާހީމް ބުނީ އެ ހާދިސާ ހިނގި ވަގުތު ގޭގެ ފަސް މީހުން ސިޓިން ރޫމްގައި ތިބި ކަމަށެވެ. އޭގެ ތެރޭގައި އޭނާއަށް ކާފަ ކިޔާ ތިން ކުޑަކުދިން ހިމެނުނުކަން އިބްރާހީމް ފާހަގަކުރިއެވެ.

"އަލިފާން ރޯވި ވަގުތު ތިން ކުޑަކުދިންނާއި ދެ ބޮޑެތި މީހުން ތިބީ ސިޓިން ރޫމްގައި. ކޮޓަރިތަކުގައި ތިބި ނަމަ އަވަހަށް ސަލާމަތްވާން އުނދަގޫވީސް. ގޭގައި ތިބީ ތިން ކުޑަކުދިން. އެއީ ހަތަރު އަހަރާއި ފަސް އަހަރާއި ތިން އަަހަރުގެ ކުޑަކުއްޖެއް،" އިބްރާހިމް މަނިކުފާނު ކިޔައިދިނެވެ.

އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ކައުންސިލުން މިހާރު އެ ގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އިބްރާހިމްގެ އަންހެނުން އާމިނަތު އަޙްމަދު ބުނީ، ހިތަދޫ ކައުންސިލުން ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އެހީތެރިކަމާއެކު، އާއިލާއަށް ގެސްޓްހައުސްއެއްގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސާފައި ކަމަށެވެ.

"ކައުންސިލުން ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެއްސީ ވަރަށް ފުރިހަމަކޮށް. އެކަމަކު އަހަރެމެން ބޮޑެތި މީހުންނަށް ކެވޭ ކޮންމެ އެއްޗެއް ކުޑަކުދިން ނުކައި. ގެސްޓް ހައުސްގައި ކައްކާ ކެވޭނެ ގޮތް ނެތުމުން," އާމިނަތު ބުންޏެވެ.

އަލިފާނުގެ ހާދިސާގައި އަންނައުނު ވެސް އަނދައިފައި ވުމުން އެފަދަ ތަކެތި ގަންނަން ޖެހިފައިވާ ކަމަށާއި، އެ ދަތިކަން ވެސް ކުރިމަތިވާކަން އޭނާ ފާހަގަކުރިއެވެ.

އައްޑޫ ސިޓީ، ހިތަދޫ އާޔާވިލާގައި އަލިފާން ރޯވެ މުޅި ގޭގެ ބޮޑުބައެއް އަނދައިފައި -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އާމިނަތު ކިޔައިދިން ގޮތުގައި އެ މީހުން ދިރިއުޅެމުން ދިޔައީ، ގޭގައި އަމިއްލަ މަސައްކަތްކޮށްގެން އޭނާއަށް ލިބުނު ފައިސާއާއި، ފިރިމީހާއަށް 65 އަހަރުވެފައިވުމުން ލިބޭ 5،000 ރުފިޔާގެ އެހީގައެވެ.

"އަޅުގަނޑުމެން މި ގޭގައި ދިރިއުޅެނީ އަޅުގަނޑު ކުދި ބަޖިޔާ ކަހަލަ އެއްޗެހި ހަދައިގެން ހޯދާ އާމްދަނީން. ދެން އިބްރާހިމަށް ލިބޭ 5000 ރުފިޔާއިން ގޭގެ ބިލުތައް ކިރިޔާ ދައްކައިލެވެނީ،" އޭނާ ކިޔައިދިނެވެ.

އެހެންނަމަވެސް، ގެ އަނދައި ހުލިވުމުން މުޅި އާއިލާގެ އާމްދަނީއަށް ބުރޫ އަރާފައިވާ ކަމަށް އާމިނަތު ބުންޏެވެ.

އާމިނަތުގެ ދަރިފުޅު ވެސް ވަނީ ކޮޓަރިތައް އަނދާ ހުލިވެފައިވާ މިންވަރު ފެނި، ދެވަނަ ފަހަރަށް އެ ގޭގެ ކޮޓަރިތަކުގައި ދިރިއުޅެން ފަސްޖެހޭ ކަން ހާމަކޮށްފައެވެ.

"ކުދިން ގޮވައިގެން ރައްކާތެރިއެއް ވެސް ނުވާނެ ކަންނޭނގެ މިގޮތަށް ކޮޓަރިތައް ހުރީމަ ވެސް،" އޭނާ ބުނެފައިވެއެވެ.

https://sun.mv/215215

އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް ޢަލީ އާސިރު "ސަން"އަށް ވިދާޅުވީ އެ އާއިލާގެ ހަތް މީހުންނަށް ފަސް ދުވަހުގެ އެކޮމަޑޭޝަނާއި ކެެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ގެއަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ރިޕޯޓު، ހިތަދޫ ކައުންސިލުން މިވަގުތު ތައްޔާރުކުރަމުންދާ ކަމަށް މައުލޫމާތުދީފައިވެއެވެ.

އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ އާއިލާއަށް އެންޑީއެމްއޭއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އާސިރު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން "ސަން"އަށް ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް