އޮފީސް އެނދިތާ އަހަރެއް، ކަރުނައާ އެކު ވެސް މުވައްޒަފުން ދިޔައީ ކުރިއަށް: މުއްތަލިބް

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވުން: މި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީއެއް އެނދި -- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

ހައުސިން މިނިސްޓްރީ އޭރު ހިންގި އިމާރާތުގައި އަލިފާން ރޯވެ, ތިން މިނިސްޓްރީއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއަށް އަހަރެއްވުން ފާހަގަކޮށް، އެ ހިތާމައިގައި ވެސް މުވައްޒަފުން ޒިންމާއާ އެކު ކުރިއަށްދިޔަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވީ މިދިޔަ އަހަރުގެ ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނެވެ.

އެ އަލިފާނުގެ ހާދިސާގައި ހަމަ އެ އިމާރާތުގައި އޭރު ވަކިން ހިންގި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް އެނދިއެވެ. އަދި، ޖެހިގެން ހުރި ގްރީން ބިލްޑިންގައި ހިންގި އެންވަޔަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އޮފީސް ވެސް އެއްކޮށް އެނދިއެވެ.

އެ ހާދިސާގެ ހަނދާން އާކުރައްވާ މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާއާ އެކު ދިމާވި ހިތްދަތިކަމާ އެކު ކަރުނައާ އެކު މުވައްޒަފުން ކުރިއަށް ދިޔަ ކަމަށެވެ. އަދި، ހާލަތާ އެއްގޮތަށް ބަދަލު ގެނެސް، އަލުން އާރާސްތުކޮށް، ޒިންމާއާ އެކު މުވައްޒަފުން ކުރިއަށްދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ދައުލަތުގެ މި ފަދަ އިމާރާތަކަށް އަލިފާނުގެ ހާދިސާއެއްގައި ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

ނަމަވެސް، ހާދިސާއަށް އަހަރެއް މިއަދު ފުރުނުއިރު ތަހުގީގާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން މި މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައި، މީޑިއާތަކަށް ދައުވަތު ވެސް ފޮނުވިއެވެ. ނަމަވެސް، ފަހު ވަގުތު ވަނީ އެ ބައްދަލުވުން ވެސް ކެންސަލްކޮށްފައެވެ.

https://sun.mv/215201

އެހެންވެ، އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެ ކަމެއް، އަދި ގެއްލުނު ލިޔެކިޔުންތަކާ ބެހޭ ތަފުސީލުތަކާއި އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ނުވަތަ ނޫންކަން ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު އެމްޑީޕީން ވަނީ އެއީ ގަސްތުގައި ޖެހި ހުޅެއް ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު، އެ ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ. އެމްޑީޕީން އެ މައްސަލަ ފުލުހަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހެޅިއެވެ.

comment ކޮމެންޓް