ރަސޫލާއަށް ފުރައްސާރަކުރި އޮފިޝަލުންނަށް ފިޔަވަޅު އެޅުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލުން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން އެ ދެ މީހުންނަށް އެ ޕާޓީ އިން އަވަސް ފިޔަވަޅު އަޅާފައިވާތީ، އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ އަދި އެ ޕާޓީގެ އެހެން އިސް އޮފިޝަލެއް ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ސަރުކާރުން މިއަދު ނެރެނު ބަޔާނެއްގައި ވަނީ އިސްލާމްދީނުގެ ޙަޤީޤީ ޠަބީޢަތާއި އުނގަންނައިދިނުންތައް ފުނޑުފުނޑުކޮށްލުމަށް ކުރާ ހުރިހާ ކަމެއް އަދި އެފަދަ ހުރިހާ ޢަމަލެއް ސަރުކާރުން އެއްވެސް ޝައްކެއްނެތްގޮތުގައި ކުށްވެރިކުރާކަމަށެވެ.

އެގޮތުން އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކުން ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އެ ބަޔާނުގައިވެއެވެ.

އޮފިޝަލުން ދެއްކި ވާހަކަތަކަށް އިންޑިއާ ސަރުކާރުން އިއުތިރާފުވެ، އެ އޮފިޝަލުންނާ މެދު ބީޖޭޕީން އަވަސް ފިޔަވަޅު އަޅާފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމަށް އެ ބަޔާނުގައިވެއެވެ.

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށާއި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ. އަދި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކި ދެވަނަ އޮފިޝަލު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.

އެ ބަޔާން ނެރެފައި މިވަނީ މި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ, އެކަން ކުށްވެރިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނިކޮށެވެ.

ބީޖޭޕީގެ ތަރުޖަމަނު ރަސޫލާއަށް ފުރައްސާރަ ކުރުން އިދިކޮޅު ކޯލިޝަނާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ދުނިޔޭގެ އެހެން އިސްލާމީ ގައުމުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ގަތަރާއި ކުވޭތާއި އީރާނުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާ ސަފީރުން ހާޒިރުކޮށް، ބީޖޭޕީގެ މެންބަރުން ދެއްކެވި ވާހަކައާ ބެހޭ ގޮތުން ނުރުހުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، އެ މައްސަލާގައި އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭންތަކެއް އިސްލާމީ ގައުމުތަކުގެ ރައްޔިތުންނާއި މުސްލިމް ނޫން ގައުމުތަކުގައި ދިރިއުޅޭ މުސްލިމް ޒުވާނުން ވަނީ ފަށާފައެވެ.

comment ކޮމެންޓް