މުޅިން ކަންތައްގަނޑެއްގައި: ކުރަން އައި ކަމައިގެން އުޅޭނީ ކޮންއިރަކު؟

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ހިމެނޭ ފޮތް-- ފޮޓޯ: މިހާރު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްވުރެ ބޮޑަށް ސިޔާސީ ކޯޅުންތަކާއި މައްސަލަތަކުގައި ވަގުތު ހޭދަކުރާކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ސަރުކާރުގެ ނަތީޖާ ދަށްވުމުގެ ސަބަބުން ފަހުން ބޭއްވި އިންތިޚާބުތަކުގައި ވެސް ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ވޯޓުލާފައެވެ. އެހެންކަމުން ބާކީ އޮތް ދުވަސްތަކުގައި މައިކްރޯމެނޭޖުކުރުން ހުއްޓާލައި، އަމަލީ ނަތީޖާ ނެރެދިނުމަށް ތަޖުރިބާކާރުން ލަފާދެއެވެ.

  • ރައީސް މުއިއްޒުގެ ސަރުކާރުން ވައުދުތައް ފުއްދުމަށްވުރެ ބޮޑަށް އުޅެނީ މައްސަލަތަކުގެ ތެރޭގައި ކަމަށް ފާހަގަކުރުން
  • ބޯހިޔާވަހިކަމާއި އެހެނިހެން ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ނުފެންނަކަމުގެ ކަންބޮޑުވުން
  • ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުން
  • ސިޔާސީ ކޯޅުންތަކާއި މީޑިއާތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާލައި ނަތީޖާ ނެރުމަށް ގޮވާލުން

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް 895 ދުވަސް ފާއިތުވެއްޖެއެވެ. މި ދައުރުގައި ބާކީ އޮތީ 932 ދުވަހެވެ. މިހާ ހިސާބަށް މި ސަރުކާރު އައިއިރު ގިނައިން މި ފެންނަނީ، ޕްރޮޑަކްޓިވް މަސައްކަތެއް ކުރުމަށް ގިނަ ވަގުތު ދެއްވުމުގެ ބަދަލުގައި އަބަދުވެސް ކޮންމެވެސް ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅުއްވާ ތަނެވެ. އޭގެ ނަތީޖާއަކީ ޕާފޯމަންސް މާ ބޮޑަށް ދަށްވާން ދިމާވާ ހުރިހާ ކަމެއް ދިމާވުމެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ޝައުގުވެރި މަގަކުންނެވެ. އެއީ ޗައިނާ ފަދަ ގައުމުތަކުގައި އެންމެ މަތީ މަގާމަށް އާދެވޭ ގޮތަށް ފަހަރަކު މަގާމެއް ކަޑައްތު ކުރައްވަމުންނެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވުމަށް ފަހުގަޔާއި މާލޭގެ މޭޔަރުކަން ކުރެއްވުމަށް ފަހުގައެވެ. އެހެންކަމުން ރައީސް މުއިއްޒަށް ސިސްޓަމް އެނގިވަޑައިގެން، ނަތީޖާ ނެރުއްވަން އެނގިވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. ނަމަވެސް ވެރިކަން ދެބައިވާއިރު ގިނައިން އުޅުއްވާތަން ފެންނަނީ "ދަނޑުބޭރާ" ކުޅުއްވުމުގައެވެ.

ރައީސް މުއިއްޒު ވެރިކަން ހޯއްދެވީ ލައްކަ ވައުދާއި އަހުދާއެކުއެވެ. އެކަންކަން ލިޔުއްވައި އެ ވަނީ 1024 ސޮފްހާގެ ފޮތެއް ވެސް ނެރުއްވައިފައެވެ. އަދި ވެރިކަން ލިބިވަޑައިގެންފަހުން ވެސް ލައްކަ ވައުދުވެވަޑައިގެންފިއެވެ. އެހެންކަމުން ރައްޔިތުންނަށް ކޮށްދޭން ޖެހިވަޑައިގަންނަވާ ކަންކަން ގިނައެވެ. ރައީސް މުއިއްޒުގެ ވައުދުތަކަށް ބަލާއިރު މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭނެ އެންމެ ރައްޔިތަކު ނުހުންނާނެ ކަމުގެ ވައުދު ހިމެނެއެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަމާއި ފަސް އަހަރުގެ ރައީސްކަން ކުރައްވާއިރު މި ވައުދު ފުއްދަވަން ކޮންމެހެން ޖެހެއެވެ. ނަމަވެސް ސަރުކާރަށް ދެބައިވާން ދާއިރު އެ ދާއިރާއިން މިހާތަނަށް ނެރެވުނު މާ ބޮޑު ނަތީޖާއެއް ނެތެވެ. ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކާއި ލޯނު ސްކީމްތައް އިއުލާނުކުރި ނަމަވެސް، އަމަލީ ގޮތުން ފެންނަން ހުރި ނަތީޖާތައް މަދެވެ. އަދި މި ދައުރު ތެރޭގައި އެ ވިދާޅުވިވަރަށް އެ ވައުދު ފުއްދޭނެ ތަނެއް ނުފެނެއެވެ.

https://www.sun.mv/211389

މީގެ އިތުރުން ވެސް ސިއްހީ ނިޒާމު ރަނގަޅު ކުރުމާއި ދިވެހީންގެ ފުދުންތެރިކަން އިތުރުކުރުމާއި ފުޑްސެކިއުރިޓީއަށް ވާ ވަރަށް ދަނޑުވެރިކަން ފުޅާ ކުރުންފަދަ އެތައް ވައުދެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލެ އާއި މާލެ، ކަނޑުއަޑީގެ ޓަނަލަކުން ގުޅުވާލުން ފަދަ ބޮޑެތި ވައުދުތައް ވެސް އެބަ ހިމެނެއެވެ. ނަމަވެސް މަޖިލީހުގެ ފުލް މެޖޯރިޓީ އާއެކު ހުރިހާ އާރަކާއި ބާރެއް އޮތް މި ސަރުކާރަށް މިހާތަނަށް ދެއްކުނު ޕާފޯމަންސް ވަރަށް ދަށެވެ.

ރައްޔިތުން ސަރުކާރާމެދު ހިތްހަމަ ނުޖެހޭ ކަމުގެ އެންމެ ބޮޑު ހެއްކަކަށް މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ފުދެއެވެ. އެ އިންތިޚާބުގައި 73 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނެވެ. އިދިކޮޅު އެމްޑީޕީން ވަނީ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބުކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ 68 އިންސައްތަ މީހުން ވަނީ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދީފައެވެ. މިއީ ސަރުކާރުގެ ޕާފޯމަންސާމެދު ރައްޔިތުން ދިން ވަރަށް ސާފު މެސެޖެކެވެ.

ހަމަޖެހުމެއް ނެތް! އަބަދު ކަންތައްގަނޑެއްގައި

ވެރިކަން ލިބި މާ ގިނަ ދުވަހެއް ނުވެއެވެ. އެންމެ ފުރަތަމަ ގުޅުން ގޯސްވީ އެ ބޭފުޅެއްގެ ފޮޓޯފުޅު ދައްކަވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުالله ޔާމީނާއެވެ. މުޅި ސަރުކާރާއި ޔާމީނާ "ހަނގުރާމަ" ފެއްޓެވިއެވެ. އެ ހަނގުރާމަ އަދިވެސް އެ ދަނީ ކުރިއަށެވެ. ދެން ސަރުކާރުގެ ވަރަށް ކުރީކޮޅު ގުޅުން ގޯސްކޮށްލީ އަވައްޓެރި އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާއާއެވެ. ސަރުކާރުގެ އިސްވެރިން އެ ގައުމުގެ ވެރިންނާ ގުޅޭގޮތުން ދައްކަން ނުވާނެ ވާހަކަ ދެއްކެވުމާއި ގަދަ ދެއްކެވުމުގެ ސަބަބުން އެކަން ބޮޑު ކަންތައްގަނޑަކަށްވިއެވެ. ފަހުން ސަރުކާރުން އިންޑިއާގެ އެހީއަށް އެދުނުނަމަވެސް އޭރު ގުޅުން ގޯސްވީ އެހެން ގައުމުތަކުގެ ލޮލުގައި އެކަން އަޅާ ވަރަށެވެ. އެކަމުން އަދިވެސް ރަނގަޅަށް އަރައެއް ނުގަނެވެއެވެ.

މަޖިލިސް ލިބި މާ ދުވަހެއް ނުވެއެވެ. ޝަރުއީ ދާއިރާއާ ދިމާކޮށްލެއްވީއެވެ. ޚާއްސަކޮށް ސަރުކާރު މަސްލަހަތު އޮތް މައްސަލައެއް ބަލަމުން ދަނިކޮށް، ސުޕްރީމް ކޯޓުގެ ބެންޗަށް އެ ހަދައިލެއްވި ގޮތަކީ ތިން ބާރު ވަކިކޮށް ވެރިކަން ކުރަން ޖެހޭ ގައުމެއްގައި ދެރަވަރު ކަމެކެވެ.

އެއަށް ފަހު، މީޑިއާތައް ކޮންޓްރޯލް ކުރަން ކުރެއްވީ އަނެއް ހަނގުރާމައެވެ. އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން މީޑިއާތަކަށް އަމާޒުކޮށް ހަމަލާތައް އެބަ އާދެއެވެ. އެންމެ ފަހުން "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ ފާސްކޮށްފައެވެ. މީޑިއާ ކޮމިޝަނުން އެ މައްސަލަ ބަލަމުން ދަނިކޮށް، ފުލުހުން ލައްވައި އެފަދަ އޮޕަރޭޝަނެއް ހިންގުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވެސް ލިބުނު ކަމެކެވެ.

މީގެ އިތުރުން ވެސް ވައުދަށް ވުރެން ގިނައިން ސިޔާސީ ވަޒީފާތައް އުފައްދައި އެކަން ސިއްރު ކުރެއްވުމާއި، ސިޔާސީ އެކިއެކި ޑީލްތައް ފަޅާ އެރުމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވުމާއި މިހެންގޮސް ސަރުކާރުން އެތައް ފަހަރެއްގައި އުޅެން ޖެހުނީ ހޫނުފެނުގައެވެ.


މިހެން ސަރުކާރުން އަބަދު އަބަދު ކަންތައްގަނޑެއްގެ ތެރޭގައި އުޅެން ޖެހުމުގެ ނަތީޖާއަކީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމެވެ. މި ސަރުކާރު އައިއިރު ގައުމު އޮތް މާލީ ހާލަތުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ވެސް އޮތީ ކުރިމަތިވެފައެވެ. އެއީ ކުރީގެ ސަރުކާރުތަކުން ވާރުތަކުރި ދަރަނީގެ ސަބަބުންނެވެ. އޭގެ މައްޗަށް މި ސަރުކާރުން ގޯސް ހަދަން ފެށީމަ ޕްރޮޑަކްޓިވިޓީ މިވަނީ ވަރަށް ދަށްވެފައެވެ.

ސަރުކާރުގެ ތެރެއިން މައުލޫމާތު ދޭ ބޭފުޅުންގެ ވާހަކައިން ވެސް އެނގޭ ގޮތުގައި ވައުދުތައް ފުއްދުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ ވާހަކަ މަދުކޮށްފައި، އަމަލު ގިނަ ކުރުމެވެ. ޚާއްސަކޮށް ކޮންމެ ކަމަކަށް "ރިއެކްޓް" ކުރާ ކުރުން ހުއްޓާލުމެވެ. ޚާއްސަކޮށް ދަނޑުބޭރާ ކުޅުމަށް ހޭދަ ކުރައްވާ ވަގުތު މަދުކޮށް، ނަތީޖާއެއް ނެރެވޭނެ ފަދަ ކަންކަމާ އުޅުއްވުމެވެ.

"ރައީސް ހައްދަވާ އެންމެ ބޮޑު ގޯހަކީ މައިކްރޯ މެނޭޖު ކުރެއްވުން. ހަމަ ހުރިހާ ކަމެއް ރައީސް އަންގަވާ ބެއްލެވުން. އެއީ ރައީސްއެއްގެ ލެވަލްގައި ކަންކަން ކުރައްވާނެ ގޮތެއް ނޫން،" ރައީސް މުއިއްޒާ ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ފެށުނީންސުރެ ވެސް މި ސަރުކާރު ފާހަގަ ކުރެވެނީ ވަރަށް ޕަބްލިކް ރިލޭޝަން (ޕީއާރް) އަށް ފޯކަސް ކުރާ ބައެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް ފަހަރަށް އަމަލު ކުރާގޮތުން ސަރުކާރުގެ ޕީއާރު ވަނީ ގޯހެވެ. އެހެން އެ ވަނީ މާ ބޮޑަށް ކަންކަމަށް ރިއެކްޓް ކުރެއްވުމާއި ވާހަކަ ގިނަ ވުމުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އޭގެ ބައެއް މިސާލުތައް ދައްކަމުން އެ ބޭފުޅުން ވިދާޅުވިގޮތުގައި މިނިވަން މުއައްސަސާއެއް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން، ގަދަބާރު ދައްކައިގެން ފުލުހުން ލައްވައި ކުރަން އުޅުން ހިމެނެއެވެ. އަދަދު ނޫހާ މެދު ފިޔަވަޅު އެޅުމަށް މިހާރު މި ހިންގާ ކަންކަމަކީ އޭގެ މިސާލެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

"އަދަދު ނޫހުން އެ ކުރި ކަންތައް ނިމިފައި އޮއްވައި ސަރުކާރުން ދެއްތޯ އަނެއްކާ މި އެޓެންޝަން ދިނީ. ފުލުހުން އެތަނަށް ވައްދައި އެ ޖެހި ސަކަރާތުން އެންމެ ފަހުން ބައިނަލްއަގުވާނީ ބޮޑެތި މީޑިއާތަކަށް އެ އޮތީ މި ވާހަކަ އަރާފައި. މިއީ މިއަށް ވުރެން މާ ފަސޭހައިން މެނޭޖު ކުރެވޭނެ ކަންކަން. މީޑިއާ ކޮމިޝަން މެދުވެރިކޮށް އެކަން ކުރިނަމަ އެކަން އެ ނިމުނީ." ސީނިއާ ނޫސްވެރިއަކު މި މައުޟޫގައި ވާހަކަ ދައްކަމުން ބުންޏެވެ.

ކާމިޔާބު ސަރުކާރުތަކުގެ ސިއްރަކީ ކޮބާ؟

ދުނިޔޭގައި ރަނގަޅު ނަތީޖާތައް ނެރެފައިވާ ސަރުކާރުތަކުން އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ކާމިޔާބު ވެރިންނަކީ ކޮންމެ ކަމެއްގެ ތެރެއަށް ވަދެވަޑައިގެން މައިކްރޯމެނޭޖުކުރައްވާ ބޭފުޅުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ކުރައްވާ ކަމަކީ ގާބިލު މީހުންނާ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވުމަށްފަހު، މައިގަނޑު ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ބެއްލެވުމެވެ.

https://www.sun.mv/210138

ސިންގަޕޫރު ފަދަ ގައުމުތަކުގެ ތަޖުރިބާއިން ފެންނަ ގޮތުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާގެ ވަގުތު ހޭދަކުރައްވަން ޖެހެނީ ދުވަހުން ދުވަހަށް ދިމާވާ ކުދިކުދި މައްސަލަތަކާ ކުރިމަތިލުމުގެ ބަދަލުގައި، ގައުމުގެ ދުރުރާސްތާގެ ތަރައްގީގެ ޕްލޭންތައް ހަގީގަތަކަށް ހެދުމަށެވެ. ކޮންމެ ކަމަކަށް ވަގުތުން ރިއެކްޓްކޮށް، ހޫނުފެނުގައި އުޅުމުގެ ބަދަލުގައި، ޕްރޯއެކްޓިވްކޮށް ކަންކަން ރޭވުމަކީ ކާމިޔާބު ސަރުކާރުތަކުގެ ސިއްރެވެ. މީގެ އިތުރުން، މީޑިއާތަކާ ހަނގުރާމަކުރުމުގެ ބަދަލުގައި، ފާޑުކިޔުންތައް ބަލައިގަނެ، އެ ކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރުމަކީ ޑިމޮކްރެޓިކް ވެށީގައި ސަރުކާރުތަކުން އަމަލުކުރާ އެންމެ ރަނގަޅު ގޮތެވެ.

މި ސަރުކާރަށް ވެސް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ދެންނެވި ފަދައިން އަމަލުކުރުމުގެ ވައްޓަފާޅި ބަދަލުކުރުމެވެ. ވައުދުތައް ހިމެނޭ 1024 ސޮފްހާގެ ފޮތުގައިވާ ކަންކަން ހާސިލުކުރަން ބޭނުންނަމަ، ސިޔާސީ ކޯޅުންތަކާއި މީޑިއާތަކާ ކުރާ ހަނގުރާމަތައް ހުއްޓާލައި، އަމަލީ މަސައްކަތަށް އެނބުރެން ޖެހެއެވެ. ބާކީ އޮތް 932 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ދައްކަންޖެހޭނީ އަތްލެވޭ ފަދަ ނަތީޖާއެކެވެ. އެހެން ނޫންނަމަ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ފެނުނު ނަތީޖާ، ކުރިއަށް އޮތް ތަނުގައި ވެސް ތަކުރާރުވުމަކީ ދުރުކަމެއް ނޫނެވެ. ސަރުކާރުގެ މިސްރާބު ސީދާކޮށް، ޕްރޮޑަކްޓިވް މަސައްކަތްތަކަށް ވަގުތު ހުސްކުރާނެ ކަމާމެދު ގޮތް ނިންމުމަށް މިހާރު މިވަނީ ވަގުތު ކުޑަތަންވެފައެވެ.

comment ކޮމެންޓް