ނަޝީދަށް ސަރުކާރުގެ ނުސީދާ ރައްދެއް: ބޭރު ގައުމަކާއެކު އޮންނަ ގުޅުމަށް އަސަރުކުރާނެ ވާހަކަދައްކާއިރު ސަމާލުވާންޖެހޭނެ

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ވާހަކަތައް ދެއްކެވުމުގައި، ޚާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ ބޭފުޅުން ވަރަށް ބޮޑަށް ސަމާލުވުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މިކަން މިގޮތަށް ހާމަކޮށްފައިވަނީ، ޗާގޯސް މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާއެކު ގުޅުން ކަނޑާލާފައިވަނިކޮށް، އެ ގައުމުން އަލުން މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖެ އިސްކުރުމުގެ މައްޗަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަން އިތުރުކޮށްދޭ ވާހަކަތަކަކަށް ވާންޖެހޭނެކަމަށް ސަރުކާރުން ބުނެއެވެ. ޗާގޯސް މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެކަންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

  • ބޭރު ގައުމުތަކާއެކު އޮންނަ ގުޅުމަށް އަސަރުކުރާނެ ވާހަކަތައް ދެއްކުމުގައި ސަމާލުވުމަށް ސަރުކާރުން ގޮވާލައިފި
  • މި އިލްތިމާސް އައިސްފައިވަނީ މޮރިޝަސްއާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން
  • ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖެ އިސްކުރުމުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި
  • ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތާ އެއްގޮތް ވާހަކަތަކަކަށް ވުމަށް ސަރުކާރުން އެދިފައިވޭ

ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ދެއްކެވުމުގައި، ޚާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރާފައިވާ ފަރާތްތަކުން އެންމެ މަތީ ދަރަޖައިގެ ސަމާލުކަންދީ، ބުއްދިވެރިކަން އިސްކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ، ޗާގޯސް މައްސަލައާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައިވަނިކޮށް، އެ ގައުމުން އަލުން ދިވެހި ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އިންޑިއާގައި ބޭއްވި އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނަޝީދު ވިދާޅުވީ، މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި މޮރިޝަސްއިން ދިން ފުރުސަތުގެ ބޭނުން ހިފުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

https://sun.mv/221747

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ "ދިވެހިރާއްޖެ އިސްކުރުން" މި އުސޫލުގެ މައްޗަށްކަން އެ މިނިސްޓްރީން އަލުން ބުންޏެވެ.

ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސިޔާދަތީ މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ ގާއިމުކުރެވިފައިވާ މުއައްސަސާވީ ނިޒާމުތަކުގެ ތެރެއިންނެވެ. އަދި ޚާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަން އިތުރުކޮށްދޭ އަދި ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ވާހަކަތަކަށް ވާންޖެހޭނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ސިޔާދަތާއި ކަރާމާތް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލީ، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ރާއްޖެއިން އިއުތިރާޒުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ދޫނުދޭނެ ކަމަށެވެ.

comment ކޮމެންޓް