ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، ޝަހީމް ކުށްވެރިކުރައްވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ ތަރުޖަމާނު، ދެއްކި ވާހަކަ، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުށްވެރިކުރައްވައިފިއެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން ބީޖޭޕީގެ ތަރުޖަމާން ނުޕުރު ޝަރުމާ، ވަނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކައި، ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް މަލާމާތްކޮށްފައެވެ. އަދި އެ ޤުރުއާނާމެދު، މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާ ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައް ވެސް، މި ޓީވީ ޝޯގައި އޭނާ ދެއްކިއެވެ.

ބީޖޭޕީގެ ތަރުޖަމާނު، ނުޕުރު ޝަރުމާ --

ބީޖޭޕީގެ ތަރުޖަމާނު، ދެއްކި ވާހަކަތަކާމެދު ނުރުހުން ފާޅު ކުރައްވައި ޑރ. ޝަހީމް ވަނީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާކުރުން އެންމެ މަތީ ދަރަޖައިން ކުށްވެރި ކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ކީރިތި ރަސޫއަށް ފުރައްސާ ކުރުމާ އަދި ކީރިތި ޤުރުއާނަށް މަލާމާތް ކުރުން ފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

ކީރިތި ރަސޫލާއަށް ފުރައްސާކޮށް، ޤުރުއާނަށް މަލާމާތްކުރި މައްސަލައިގައި ދިވެހި ސަރުކާރާ، ރައްޔިތުންގެ މަޖިލީހުން ވެސް އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެނަސް މި މައްސަލަ، އިންޑިއާގައި ހޫނުވެ، އެ ޤައުމުގައި ކުރި މުޒާހަރާގެ ތެރެއިން މުސްލިމުންގެ އެތައް ބަޔަކަށް ވަނީ ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ވެފައެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން އަންނަނީ އެ މައްސަލައިގައި ނުރުހުން ފައުޅުކޮށް ސޯޝަލް މީޑިއާގައްޔާއި އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން ވެސް ނުރުހުން ފައުޅުކޮށް އަޑު އުފުލަމުންނެވެ.

އިންޑިއާގެ މުސްލިމުން ބުނާގޮތުގައި އެ ގައުމުގެ އެކި ސްޓޭޓްތަކުގައި ހަރުކަށި ހިންދޫން މުސްލިމުންނަށް ހަމަލާދީ އަނިޔާކޮށް މުސްލިމުން މަރައި މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ހަލާކުކޮށް ބުރުގާއެޅުން މަނާކުރުންފަދަ ހަރުކަށި އަމަލުތައް ހިންގަނީ އެ ޤައުމުގެ ސަރުކާރުގެ ތާއީދާއެކުގައެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތައް ވެސް ބުނާގޮތުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ނެރެ ތަޅާފޮޅައި އިންޑިއާގެ އެކި ދީންތަކުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ހަމަޖެހުމާއި ސުލްހަ ނަގާލައި މަސްރަހު ހޫނުކޮށް ހަމަނުޖެހުން އުފައްދަނީ ވެރިކަންކުރާ ބީޖޭޕީންނެވެ.

comment ކޮމެންޓް