އިސްލާމް ދީނާމެދު ހުޅަނގުން ދެކޭގޮތް

ސެޕްޓެމްބަރ 11 އަށް ފަހު، ހުޅަނގުން ފެށީ ސީދާ ގޮތުންނާއި އަދި ނުސީދާ ގޮތެއްގައި މެދުއިރުމައްޗާއި އެފްރިކާއާއި އިރުދެކުނު އޭޝިއާގައި އެތައް ހާސް މުސްލިމުންނެއް މަރާލުމަށް ފެށި ހަނގުރާމަތަކެއް -- ފޮޓޯ/ އޭއެފްޕީ

"އިސްލާމް ތްރޫ ވެސްޓަރން އައިސް" އަކީ އެމެރިކާއާއި، ޔޫރަޕްގެ ތާރީޚާއި ސިޔާސީ ކަންކަމާއި ޘަގާފަތާއި ދީނާއި އަދި ޚާއްޞަކޮށް އިސްލާމް ދީނާ ދެކޮޅު ވާހަކަތަކުގެ ނަޒަރިއްޔާތު ތަކުގެ މައްޗަށް އަދަބިއްޔާތުތައް ދިރާސާކޮށް ތަޙްލީލުކޮށް ޖޮނަތަން ލިޔޮންސް ލިޔެފައިވާ ފޮތެކެވެ. ލިޔުންތެރިޔާ ވަނީ ބަހުޘްކުރެވޭ ޒަމާނީ ހޫނު މައްސަލަތަކުގެ ނަޒަރިއްޔާތު ތަކުގެ ވިސްނުމުގެ ތަފްޞީލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެއީ އިސްލާމް ދީނާއި ސައިންސް، އިސްލާމް ދީނާއި އަނިޔާވެރިކަން އަދި އިސްލާމް ދީނާއި އަންހެނުން ފަދަ މައުޟޫޢު ތަކެވެ. ލިޔޮންސް އަކީ ރޮއިޓާސްގެ ކުރީގެ މުވައްޒަފަކެވެ. "ދަ ހައުސް އޮފް ވިސްޑަމް: ހައު ދަ އަރަބްސް ޓްރާންސްފޯމްޑް ވެސްޓަރން ސިވިލައިޒޭޝަން" ގެ ލިޔުންތެރިޔާ އެވެ. އަދި އީރާނުގެ ޘާޤާފަތްތަކާއި އުޞޫލުތަކާއި އިޖުތިމާއީ އަގުތަކަށް ގޮންޖަހާ މިހާރުގެ އީރާނާ ބެހޭ ފޮތެއް ލިޔުއްވީވެސް އޭނާއެވެ.

"އިސްލާމް ތްރޫ ވެސްޓަރން އައިސް" މިފޮތް އެކުލެވިގެން ވަނީ ހަތް ބާބެއްގެ މައްޗަށެވެ. ފުރަތަމަ ބާބުގައި ލިޔެފައިވަނީ "ނިމުމެއް ނެތް ހަނގުރާމަ" އާ ބެހޭ ގޮތުންނެވެ. ދެވަނަ ބާބު ޚާއްޞަކުރެވިފައިވަނީ ތަޙުލީލު ކުރުމަށް އޮނިގަނޑެއްގެ ގޮތުގައި ބޭނުންކުރި "ފޫކޯގެ ޓޫލްބޮކްސް" އާއި ބެހޭގޮތުންނެވެ. ތިންވަނަ ބާބަކީ "އިސްލާމް ދީނާމެދު ހުޅަނގުން ދެކޭގޮތް" އެކެވެ. ހަތަރުވަނަ، ފަސްވަނަ އަދި ހަވަނަ ބާބުގައި އަލިއަޅުވާލާފައިވަނީ ހުޅަނގުގެ އެންމެ ހޫނު މައުޟޫޢުތައް ކަމަށްވާ އިސްލާމް ދީނާއި ސައިންސް، އިސްލާމް ދީނާއި އަނިޔާވެރިކަމާއި، އިސްލާމް ދީނާއި އަންހެނުންގެ މައްޗަށެވެ. އެންމެ ފަހު ބާބުގައި އަލިއަޅުވާލައްވާފައިވަނީ ހުޅަނގުގެ މީހުންނާ ސުވާލު ކުރިމަތި ކުރުމަށެވެ. އިސްލާމް ދީނުގައި ގޯސްވަނީ ކޮންކަމެއް ހެއްޔެވެ؟ އަދި އަހަރެމެންގެ ކިބައިގައިވަނީ ކޮން ގޯހެއް ހެއްޔެވެ؟

ހުޅަނގުން މުސްލިމުންގެ ޖަމާޢަތްތަކާއި، ހަމަނުޖެހުންތަކާއި، އިޖްތިމާޢީ ޢިލްމާއި، ޘަޤާފަތުގައި ބައިވެރިވި ނަމަވެސް، "ހުޅަނގުގެ ލޮލުން އިސްލާމް ދީން" މިފޮތް ލިޔުއްވި ޖޮނަތަން ލިޔޮންސް، ވިދާޅުވާ ގޮތުގައި ޓެރަރިސްޓް ހަމަލާތަކުން 9/11 އަދި އޭގެ ފަހުން ހިނގި ކަންކަމަކީ ހުޅަނގަށް މުސްލިމުންނަށް ގެންގުޅޭ ނަޒަރިއްޔާތާއި ނުރައްކާތައް ތަޙުލީލުކޮށް ވިސްނައިގަތުމަށާއި، ދެނެގަތުމުގެ ކުޅަދާނަކަން ނެތުމުގެ ސާފު އިޝާރާތެކެވެ. އަދި މި ހަމަލާތަކަކީ މުސްލިމުންނާ ދެކޮޅު ފިކުރުތަކާއި، އިސްލާމީ ދުނިޔެ ދެނެގަތުމަށް ފުރިހަމަ ގޮތްތަކުގައި ހުޅަނގަށް މަސައްކަތް ނުކުރެވޭކަމުގެ ނަތީޖާއެވެ.

9/11 އާދެ! ސެޕްޓެމްބަރ 11 އަށް ފަހު، ހުޅަނގުން ފެށީ ހަނގުރާމައެވެ. ސީދާ ގޮތުންނާއި އަދި ނުސީދާ ގޮތެއްގައި މެދުއިރުމައްޗާއި އެފްރިކާއާއި އިރުދެކުނު އޭޝިއާގައި އެތައް ހާސް މުސްލިމުންނެއް މަރާލުމަށް ބާރުއަޅައި މަސައްކަތްކުރި ހަނގުރާމަތަކެކެވެ. މުސްލިމް ދުނިޔޭގައި ކައުންޓަރ ޓެރަރިޒަމްގެ ނަމުގައި ހިންގި މި ހަމަލާތަކުގެ ސަބަބުން އިސްލާމީ އަދި ދީނީ ހަރަކާތްތައް ފިއްތުމަށްވެސް އެހީތެރިވިއެވެ. އަމިއްލައަށް އިއުލާންކުރި ޓެރަރިޒަމް ހަނގުރާމަތަކުގެ ސަބަބުން މުސްލިމް ޖަމާޢަތްތަކުގެ ތެރޭގައި ޤާނޫނާއި ޤަވާއިދު ގެއްލި ގިނަ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް ހުރަސްއެޅުނެވެ.

ލިޔޮންސް ދަޢުވާކުރެއްވި ގޮތުގައި "އިސްލާމް ދީނާއި މުސްލިމުންނާ ބެހޭގޮތުން ހުޅަނގުން ދައްކާ ވާހަކަތަކާއި ބަޔާންތައް ބައްޓަންކޮށް، އެފަދަ ފަންނާއި ޢިލްމުތައް އިންތިޒާމުކޮށް ގިންތިކުރާ ޑިސިޕްލިންތައް ކަނޑައެޅުމަށްޓަކައި، ސިއްރުން ހިމޭންކަމާއެކު މަސައްކަތް ކުރެއެވެ." މިކަން ފުރަތަމަ އުފެދުނީ 20 ވަނަ ޤަރުނުގެ ޞަލީބީ ހަނގުރާމަތަކުގެ ކެމްޕޭނުންނެވެ. ހުޅަނގުގެ ބައެއް މީޑިއާތަކުގެ ތެރެއިން އިސްލާމް ދީނާ ދެކޮޅު ހަރަކާތަށް އެތައް ބަދަލުތަކެއް ގެނެވުނުނަމަވެސް، އޭގެ އަސާސީ ހަރަކާތްތައް އެގޮތުގައި އޮވެ، މިދިޔަ ޤަރުނުގެ ތެރޭގައިވަނީ ކާމިޔާބު ހޯދާފައެވެ.

ލިޔޮންސް ހާމަކުރެއްވި ގޮތުގައި ހުޅަނގުން ކުރިޔަށްގެންދާ އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ފެށުނީ ފުރަތަމަ ޞަލީބީ ހަނގުރާމައިގެ ދުވަސްވަރު ކަމަށާއި، އޭގެ ފަހުން ކްރިސްޓިއަން ބައެއް ލިޔުންތެރިން އިސްލާމް ދީނާއި މުސްލިމުންނާ ބެހޭ ގޮތުން ލިޔެފައިވާ މަސްހުނި ލިޔުންތައް ހުރި ކަމަށެވެ. ޢަޤީދާއެއްގެ ގޮތުންބަލާއިރު، އިސްލާމް ދީން އުފަންވުމުން ފެށިގެން ފަސް ޤަރުނާ ހަމައަށް އައި އިރުވެސް ހުޅަނގުގެ ނަޞާރާއިންގެ ފިކުރުގައި މުސްލިމުންނާ ބެހޭގޮތުން ހުރި ޚިޔާލު ތަފާތުވުންތަކެއް ފެންނަން ނެތްކަން ކަށަވަރުވެއެވެ. ހުޅަނގުގެ ނިޒާމީ ޕްރޮޕެގެންޑާއާއި، ކެތޮލިކް ޗާޗުގެ އިއްތިފާޤާއި، އެ ޗާޗުގެ ދިފާޢީ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން، ނަފްރަތު އުފެދޭ ވާހަކަތަކުގެ އާ އުޞޫލު އުފެދިގެން އައީ ގާތްގަނޑަކަށް 12 ވަނަ ޤަރުނުގައެވެ.

ލިޔޮންސް ފާހަގަކުރެއްވި ގޮތުގައި އިސްލާމް ދީނާ ދެކޮޅު ނަޒަރިއްޔާއަށް ބާރުއެޅުމަކީ ގާތްގަނޑަކަށް އެއްހާސް އަހަރު ވަންދެން "ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވޭނެ އުޞޫލެއްގެ މަތީގައި ދެމިއޮތް" ކަމެވެ. ނަތީޖާއެއްގެ ގޮތުން، ފިނި ހަނގުރާމައިގެ ދުވަސްވަރު 18 ވަނަ ޤަރުނުގައި މުފައްކިރުންނާއި، އެމެރިކާގެ ޔުނިވަރސިޓީތަކުގެ ޚާއްޞަ ފަރާތްތަކުން މުސްލިމުންނާ ބެހޭގޮތުން އަމިއްލައަށް ޙުއްޖަތްތައް ޤާއިމުކުރިއެވެ. އަދި މިއީ "ފިކުރީ ޤާނޫނު" އާއި ޚިލާފު ކަމެއްކަން ފާހަގަކޮށްލެވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްލާމޯފޯބިކް އަސާސްތައް ކާމިޔާބު ކުރެވެނީ އެއީ އޭގެ މެދު ޒަމާނުގައި ވަރަށް ބޮޑަށް ބިންވަޅު ނެގިފައިވާ އެއްޗަކަށް އެ ވާތީއެވެ. ޞަލީބީ ހަނގުރާމަތަކުން ފެށިގެން ރައީސް ބުޝްގެ ތަޤްރީރުތަކާ ހަމައަށް އަދި ޕޯޕް ބެނެޑިކްޓް 16 ކުރިއަށް ގެންދިޔަ ކްރިސްޓިއަން ފިކުރަކީ ޞަލީބީންގެ ޕްރޮޕެގެންޑާއާއި އަނިޔާވެރި ޠަބީޢަތް އެކުލެވޭ ފިކުރެއްކަމަށް ލިޔުންތެރިޔާ ޤަބޫލުކުރައްވައެވެ.

ލިޔޮންސް ސުވާލުކުރައްވާ ގޮތުގައި މީގެ ޤަރުނުތަކެއް ކުރިން މުސްލިމުންނާއި ޔަހޫދީންނާ ދެކޮޅަށް ހިންގި އެންމެ ބޮޑެތި ޤަތުލު އާންމުތަކުގެ ތެރެއިން ޕޯޕް ބެނެޑިކްޓް އިސްލާމް ދީނަށާއި މުސްލިމުންނަށް ފޯރުވި އަނިޔާވެރިކަން ހުޅަނގުން ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމް ދީނަކީ ދީނީ ގޮތުން އަނިޔާވެރި ދީނެއް ކަމަށް ތުހުމަތު ކުރުމުގެ ބަދަލުގައި މުސްލިމުންނަށް ޗާޗުން ކުރާ އަނިޔާއާ މެދު ޕޯޕް ބެނެޑިކްޓް އަމިއްލައަށް ވިސްނާލާ ފާޑުކިޔުން ހުށަހަޅަން ނުޖެހޭ ހެއްޔެވެ؟ ފޫކޯގެ ތަޙުލީލުކުރުމުގެ އުކުޅު ބޭނުންކޮށްގެން ލިއޮންސް ވިދާޅުވީ ހާސް އަހަރު ދުވަހުގެ ވާހަކަފުޅަކުން ފޫހިވެފައިވާތީ ކޮމެންޓް ކުރާނެ ވާހަކައެއް ނެތް ކަމަށެވެ.

ލިޔުންތެރިޔާ ދެވަނަ ބާބު ފެއްޓެވީ 11 ވަނަ ގަރުނުގައި ޕޯޕް ގްރެގޯރީ ހަތްވަނަ މުސްލިމް ވެރިންނަށް ދައްކަވާފައިވާ ވިޔަފާރީގެ އަދި ސިޔާސީ ގުޅުންތަކާއި ޑިޕްލޮމެސީއަށް އަލިއަޅުވާލަމުންނެވެ. އަދި ސަރަސެން ސިފައިންނަށް ހަމަލާ ދިނުމަށް ބައިޒަންޓައިން ކްރިސްޓިއަނުންގެ ތާއީދު ހޯދުމަށް ޕޯޕް ޝައުގުވެރިވިއެވެ. ބޭނުމަކީ ވާދަވެރި އިރުމަތީ ސަރުކާރުގެ މައްޗަށް ރޯމްގެ ބާރުތައް ފެތުރުމެވެ. ފަހުން ގްރެގޯރީ ވެގެން ދިޔައީ 1095 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްލާމް ދީނާ ދެކޮޅަށް ހިންގި ޞަލީބީ ހަނގުރާމައިގެ ހަރަކާތާ ގުޅުންހުރި ބޭފުޅެއްގެ ގޮތުގައެވެ.

ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި ހުޅަނގުން މުސްލިމުންނަށް އޮތް ޙަޤީގީ މައްސަލައަކީ ނުވަތަ ނުރައްކަލަކީ އަންދަލުސްގެ ޒަމާނުގައި ގިނަ ބަޔަކު އިސްލާމް ވުމުގެ ނަތީޖާއެއްގެ ގޮތުން އުފެދުނު މައްސަލައެކެވެ. އެންމެ ފަހުން މުސްލިމުންނާއި ނަޞާރާއިން އެކުގައި އުޅޭ ކޮންމެ ތަނެއްގައި މުސްލިމުންނާ މެދު މީހުންގެ މެދުގައި އޮތް ނަފްރަތު އިތުރުކުރިއެވެ. މި ހަމަލާ ދިން އަނެއް ސަބަބަކީ ކްރިސްޓިއަން އާބާދީގައި ރަށްވެހި ރައްޔިތުންގެ ބަހާއި ޘަޤާފަތަށް އަރަބި ބަސް ވަދެ ލާމެހުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާތީ އެކަމާ ދެކޮޅުހެދުމެވެ.

ގެސްޓާ އަށް ޙަވާލާދެއްވާ ލިޔުންތެރިޔާ ފާހަގަކުރެއްވި ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ނަޞާރާއިން ކާމިޔާބު ކުރެއްވުމަށްފަހު، ޞަލީބީ ސިފައިން ފައްޅީގެ މަތީގައި ބަލިވި މުސްލިމުންނާއެކު ލޭއޮހޮރުވުން ކުރިއަށް ގެންދިޔައެވެ. ޖެހިގެން އައި ދުވަހު ހެނދުނު ފައްޅީގެ ފުރާޅަށް އަރައި ހަމަލާދީ ކަނޑިތަކުން އަންހެނުންނާއި ފިރިހެނުންގެ ބޯ ކަނޑާލިއެވެ. ބައެއް މީހުން ފައްޅީގެ މަތިން އަމިއްލައަށް ފުންމާލިއެވެ. ކާފަރު މީސްތަކުންގެ މިފަދަ ކަތިލުމެއްގެ ވާހަކަ ދުވަހަކުވެސް އެއްވެސް މީހަކަށް އަޑުއިވިފައެއް ނުވެއެވެ. އަދި ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. މާތްރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އެމީހުންގެ އަދަދު ނޭނގޭނެއެވެ.

ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި އިސްލާމް ދީނާ ދެކޮޅު ވާހަކަތަކާ ބެހޭގޮތުން ޕަތަރަސް ލިޔުއްވުމުގައި މުޙައްމަދު ނަބިއްޔާ އަށްވަނީ ތައުހީނު ކޮށްފައެވެ. މީގެ އިތުރުން ބުނެފައި ވެއެވެ. "މުޙައްމަދަށް ބާރުގެ ބޭނުން ނުކޮށް އިސްލާމްދީނަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، އެއީ ކީރިތި ޤުރުއާނުގެ އާޔަތް 2:256 ގައި މަނާކޮށްފައިވާ ކަމެއް ކަމަށެވެ." މުސްލިމުންނަށް ކުރިމަތިވެފައިވާ އިސްލާމް ދީނާ ދެކޮޅު މިފަދަ ވާހަކަތަކަކީ ދައްކަންޖެހޭ މުހިންމު ވާހަކަތަކެއް ކަމަށާއި، އެހެންކަމުން މިއީ 11 ވަނަ ގަރުނުން ފެށިގެން މުސްލިމުންނާ މެދު ހުޅަނގުން ގެންގުޅުނު އޮޅުވާލުމެއް ކަމަށް ބެލެވިދާނެއެވެ.

ހުޅަނގުގެ އަނދިރި ޒަމާނުގައި މުސްލިމުން "އިސްލާމީ ފިކުރީ ޘަޤާފަތާއި އޭގެ ނަޒަރިއްޔާތާއި ޢިލްމީ ޢަމަލީ ނަޒަރިއްޔާ" މެދުވެރިކޮށް ފެށި އިސްލާމީ ޢިލްމު ވަނީ ނެތިގެން ގޮސްފައެވެ. މިސާލަކަށް 8 ވަނަ ޤަރުނުން ފެށިގެން މުސްލިމުން ދުނިޔެއަށް އިސްކޮށް ހޯދި އާ އުފެއްދުންތަކާއި، ސައިންސުގެ އުފެއްދުންތެރިކަމުގެ ސަބަބުން ހުޅަނގުގެ ދިރާސީ ޢިލްމުވެރިން ހުޅަނގުގެ ޙަޟާރަތަށް ސައިންސާއި ޓެކްނޮލޮޖީގެ އާޚިޔާލުތައް އުފެއްދިއެވެ. އަލްޚަވާރިޒްމީގެ އަލްޖިބްރާ، މިސާލަކަށް ބަލާށެވެ. ހިސާބާއި ސައިންސާއި ބޭސްވެރިކަމުގެ ފާހަގަކޮށްލެވޭ އީޖާދުވެރިންނަކީ މުސްލިމުން ކަމަށާއި، މިއަދު ހުޅަނގުން ބޭނުން ކުރަމުންދާ އެތައް ޢިލްމީ ބަސްތަކާއި ލަފުޒުތަކުގެ އަޞްލު އަންނަނީ ޢަރަބި ބަހުންނެވެ.

އެހެންކަމުން އިސްލާމް ދީނާއި ސައިންސާ ބެހޭގޮތުން ފެންނަގޮތުގައި އިސްލާމް ދީނުގެ ރަންޒަމާން (750-1258) ގައި އިސްލާމީ ދުނިޔެއަކީ ނުވަތަ ހުޅަނގުގެ ޢިލްމުވެރިން ދަސްކުރަން ދިޔަ ތަންތަނަކީ (ބަޣްދާދު، ދިމިޝްޤު، ޤާހިރާ އަދި ކޯޑޯވާފަދަ) ދިރާސާކުރުމާއި އާ އުފެއްދުމުގެ މަރުކަޒުތަކެވެ. ސައިންސާއި، ފަލްސަފާގެ ދާއިރާއިން މުސްލިމުންގެ ކިބައިންނެވެ. ހަމަ އެގޮތަށް މުސްލިމުންނަށް ވެސް ޔޫނާނީ ބަހުން ޢަރަބި ބަހަށް ތަރުޖަމާ ކުރުމުން ފައިދާ ލިބުނެވެ.

ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި ނިއުޔޯކް ޓައިމްސް ފަދަ މީޑިއާތަކުން މިހަމަލާތައް އިސްލާމް ދީނާ ދެކޮޅު ވާހަކަތަކާ ގުޅުވައިލުމަށްފަހު ހަންޓިންގޓަން ލިޔުއްވާފައިވާ "ކްލެޝް އޮފް ސިވިލައިޒޭޝަން" ގެ ނަޒަރިއްޔާ އިތުރަށް ބަޔާން ކޮށްދެއްވިއެވެ. ނިއުޔޯކް ޓައިމްސް އިން ބަހުސް ކުރުމަށް ސެކްޝަނެއް އުފައްދައި، ރައްދުތަކާއި ޚިޔާލުތައް ޙަޤީޤަތާއި ޚިލާފަށް ހުށަހަޅައި ވައިރަލްކޮށް މީސް މީޑިއާ އާއި އިންޓަނެޓްގައި ޝާއިޢު ކުރިއެވެ. ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި ޓެރަރިޒަމާ ދެކޮޅަށްކުރާ ހަނގުރާމަ ޖަސްޓިފައި ކުރުމަށް އިސްލާމް ދީނާއި އަނިޔާވެރިކަމުގެ މައުޟޫއަށް ވާހަކަ ދެއްކުމަކީ މިއަދު އާންމު ކަމެކެވެ. ޖިހާދާއި، ޝަހީދުވުން ފަދަ ލަފުޒުތައް ބޭނުންކުރަނީ ހަނގުރާމަ ބައްޓަންކުރުމަށާއި، ތާއީދު ހޯދުމަށްޓަކައެވެ.

ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި މުސްލިމް އަންހެނުންނަކީ އަށާރަވަނަ ޤަރުނުން ފެށިގެން ދަށުދަރަޖައިގެ ރަމްޒެއްގެ ގޮތުގައި ލޭބަލްކޮށް ހުޅަނގުން އިސްލާމް ދީނާ ދެކޮޅަށް ފަތުރާފައިވާ ވާހަކަތަކަކީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފައްކާކޮށްފައިވާ، ވާހަކައެކެވެ. މި ފާޑުކިޔުންތައް ފާޅުކޮށްފައިވަނީ ހަމައެކަނި އިސްލާމް ދީނާ ދެކޮޅަށް ވާހަކަދައްކާ ފިކުރުވެރިން ނޫން ކަމަށާއި، އެމީހުންގެ ފަހަތުން އަންނަ މީހުންނާއި، ސިޔާސީ ބޭފުޅުންނާއި، ލިޔުންތެރިންނާއި، މީޑިއާ ކޮމެންޓޭޓަރުންވެސް މެއެވެ. އެއީ އެބައިމީހުންގެ އަމިއްލަ އިޖުތިމާޢީ ސިޔާސީ އަދި އިޤްތިޞާދީ ފައިދާތަކެއް ހޯދުމަށްޓަކައެވެ.

އިސްލާމް ދީނުގެ ކުރީކޮޅުން ފެށިގެން ޞަލީބީ ހަނގުރާމައާއި ހަމައަށް އަދި އެދުވަހުން ފެށިގެން ޓެރަރިޒަމާ ދެކޮޅަށް ފެށުނު ހަނގުރާމައާ ހަމައަށް އިސްލާމް ދީނާ ދެކޮޅު ވާހަކަތަކާ ބެހޭ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، އެ ބާރާއި ނުފޫޒާއި ދާއިމީކަން ހާމަވެގެންދެއެވެ. އެންމެ ފަހުގެ ސިފައަކީ އޭގެ "ހިމޭން" ކަމެވެ. އެއީ މިހާތަނަށް އިޖުތިމާޢީ ޢިލްމުވެރިންނަށް އެކަމުގެ ފަހަތުގައިވާ ސަބަބު ބަޔާންކޮށް ނުދެވި އޮތް ކަމެކެވެ.

ތަޙުލީލު ކުރުމަށްޓަކައި ލިޔުންތެރިޔާ ބޭނުންކުރެއްވީ ތަޙްލީލީ އޮނިގަނޑެކެވެ. ގުޅުވައިދޭ ތިން ސުވާލު ބޭނުންކުރައްވައިގެންނެވެ. މި ވާހަކަތައް އުފެދެނީ ކިހިނެއް ހެއްޔެވެ؟ އެކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ އެކަމުން ފައިދާ ލިބެނީ ކާކަށް ހެއްޔެވެ؟ ޝައްކެއް ނެތެވެ. މި ސެކިއުލަރ އަސާސްތަކުން ފައިދާވީ އިޖުތިމާޢީ، ސިޔާސީ، އަދި އިޤްތިޞާދީ ކުރިއެރުންތަކުން އަމިއްލަ ފައިދާތައް ޙާޞިލުކުރުމަށެވެ. ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި، "ތަހުޛީބުގެ ކުރިމަތިލުން" އުފެއްދީ ޓެރަރިޒަމާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައެވެ. އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ގެންގުޅުމުން، އެމެރިކާއިން ވަނީ އެމީހުންގެ ވިޔަފާރިއާއި، މީޑިއާއާއި، ސިޔާސީ ކަންކަމާއި، ތަޢުލީމީ މުއައްސަސާތައް ބޭނުންކޮށްގެން ހުޅަނގުގެ ތަޞައްވުރު ކުރިއަރުވައި އަލުން ބައްޓަން ކުރުމުގައި ފައިދާ ނަގާފައެވެ.

ބުޝް އާއި އޭނާގެ އަންހެނުން އަފްޣާނިސްތާނުގެ އަންހެނުންނާ ގުޅިގެން ފާޅުކުރި ޝުއޫރުތަކާއި، ބުރުގާއާއި ދެކޮޅަށް ކުރި ކެމްޕޭން ބޭނުންކުރީ 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގެ ކުރީކޮޅު މުސްލިމް ދުނިޔޭގައި އިސްތިއުމާރީ ވެރިކަމަށް ތާއީދު ހޯދުމަށާއި، ކްރިސްޓިއަން ދީނަށް މީހުން ވެއްދުމަށް އުފެދެމުންއައި ހުޅަނގުގެ ޑިމާންޑަކަށެވެ. އެއީ އަންހެނުންގެ ޙައްޤުތަކުގެ ނަމުގައެވެ.

ލިޔުންތެރިޔާ އޭނާގެ ތަޙުޤީޤަށްޓަކައި މުސްލިމުންގެ ނަޒަރިއްޔާތުތައް ނެގުމަށްވުރެ ބޮޑަށް މުސްލިމުންނާ ބެހޭގޮތުން ހުޅަނގުގެ މަޞްދަރުތަކުން އަޞްލު މަޞްދަރުތައް ނެގިއެވެ. އަދި ހުޅަނގުގެ ދިރާސާތަކާއި އިލްމުވެރިން ގިނަ ފަހަރަށް އަހައްމިއްޔަތުކަން ދެނީ ހުޅަނގާއި ބެހޭ ގޮތުން މުސްލިމުން ބުނި އެއްޗަކަށް ބަރޯސާވުމަށްވުރެ ބޮޑަށް ނަޒަރިއްޔާތުތަކާއި، ހުޅަނގުގެ ދިރާސާތަކާއި އެއާ ގުޅުންހުރި ޚާއްޞަ ލިޔުންތަކަށް ބަރޯސާވުމަށް ކަމަށްބުނެ އޭނާ ފާޑުވިދާޅުވިއެވެ.

ހުޅަނގާއި އެމެރިކާގެ ވަށައިގެން ހިނގަމުންދިޔަ އިސްލާމޯފޯބިއާގެ ސަބަބުން އެމެރިކާގައި ޢަރަބިންނާއި، މުސްލިމުންނާއި ދެކޮޅަށް ހިންގޭ ނަފްރަތުގެ ޖަރީމާތައް އިތުރުވެގެން ދިޔައެވެ. އެކަމުގެ އިތުރުން އިސްލާމް ދީނާ ބެހޭގޮތުން ސަލްބީ ތަޞައްވުރު އިތުރުކުރުމަށްޓަކައި އިސްލާމް ދީނަކީ އެހެން ދީންތަކަށްވުރެ ބޮޑަށް އަނިޔާވެރިކަމަށް ހިތްވަރުދޭ ދީނެއް ކަމަށާއި، އެދީނަކީ "ޓެރަރިސްޓް" ދީނެއްގެ ގޮތުގައި ސިފަކުރުވައެވެ.

ނަމަވެސް އިސްލާމް ދީނާ ދެކޮޅު ވާހަކަ ދެއްކުމުގެ ސަބަބުތަކަކީ؛ ޙަޟާރަތުގެ ކުރިމަތިލުމާއި، މުސްލިމުން ނަފްރަތު ކުރުމާއި، އިސްލާމް ދީނުގެ އަނިޔާވެރި ކަމުން ކަމަށް ނުބުނެވޭނެއެވެ. އެމެރިކާގެ ދަރިކޮޅު އިންޑިޔާމީހުން އެމީހުނާމެދު ދެކިފައިވަނީ، އެމީހުންނަކީ އިންސާނުންގެ މައްޗަށް އުފުލިގެންވާ ނަމޫނާއެއްގެ ގޮތުގައި ބޮޑުރޫޙުފުޅުން ޚާއްޞަކޮށް އުފެއްދެވި ޚިޔާރުކުރެވިފައިވާ ރައްޔިތުންގެ ގޮތުގައެވެ. އިންޑިއާގެ އެއް ޤަބީލާއަކުން އަމިއްލައަށް ކިޔާފައިވަނީ "މާތް ފިރިހެނުން" ކަމަށާއި، އަނެއް ޤަބީލާއަކަށް ކިޔާފައިވަނީ "ފިރިހެނުންގެ ފިރިހެނުން" ކަމަށެވެ. ކެރިބިން ބުނެފައިވަނީ މިހެންނެވެ. "މީސްތަކުންނީ އަހަރުމެން އެކަންޏެވެ."

ހުޅަނގުން މުސްލިމުންނާމެދު ކުރެވޭ ބަހުޘްތަކާއި، ނަޒަރިއްޔާތުތައް ލިޔުންތެރިޔާ ވަނީ ހުށަހަޅާފައެވެ. އިސްލާމް ދީނުގެ ރަންޒަމާނާ ބެހޭ ގޮތުން ޚާއްޞަކޮށް ސައިންސާއި ގުޅޭ ޙަޤީޤަތްތައް ހުޅަނގުން ޤަބޫލުކުރިއެވެ. ނަމަވެސް، އިސްލާމް ދީނާއި މުސްލިމުންނާ ބެހޭގޮތުން ގޯސްކޮށް މާނަކުރުމާއި، އޮޅުވާލުމާއި، ފުރިހަމަ މާނައިން ބޭރުގައި ވާހަކަ ދައްކާފައިވާތީ، މިއަދު މުސްލިމުންނަށް ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ދޭންޖެހޭ ކަމަށާއި، އިސްލާމް ދީނާބެހޭ ދޮގުތަކާއި އޮޅުވާލުންތައް ލިޔުންތެރިޔާ ދޮގުކުރެއެވެ. އެހެންކަމުން ހުޅަނގާއި އިރުމަތީގެ ކުރިމަތިލުމަކީ ތަހުޛީބާއި ކުރިއެރުމުގެ ކުރިމަތިލުމެއްގެ ސަބަބުން ކުރިމަތިލާ ކުރިމަތިލުމެއް ނޫން ކަމަށާއި، އެއީ ދީނާއި ޢަޤީދާއާއި ގުޅުންހުރި ފިކުރީ ކުރިމަތިލުމެއް ކަމަށް ނިންމޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް