ޖެނީވާ (21 މޭ 2022): ނުރައްކާތެރި ބައްޔެއް ކަމަށްވާ މަންކީޕޮކްސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.
އެ ޖަމްއިއްޔާއިން ބުނީ އެމެރިކާއާއި ކެނެޑާގެ އިތުރުން އިނގިރޭސިވިލާތް ފަރަންސޭސިވިލާތް ސްޕެއިން ޕޯޗުގަލް އިޓަލީ ސްވެޑެން އަދި ބެލްޖިޔަމުން މަންކީޕޮކްސް ގެ ގިނަ ހާލަތްތަކެއް ފެންނަމުންދާ ކަމަށާއި މިކަމާމެދު ކަންބޮޑުވާ ކަމުގައެވެ. މިީގެތެރެއިން ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަކީ ފަތުރުވެރިންގެ ގޮތުގައި އޭޝިއާގެ ގައުމުތަކަށް ވަރަށް ގިނައިން ދަތުުރުކުރާ ބައެކެވެ.
ނަމަވެސް ކޮވިޑް-19 ފެތުރުނު ގޮތަށް މުޅިދުނިޔޭގައި މަންކީ ޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ ނަމަވެސް މިއީވެސް ގައިން ގަޔަށް އަރާ އަދި މިހާތަނަށް ބޭހެއް އަދި ވެކްސިންނެތް ހޯދިފައި ނެތް ބައްޔެއްކަމުން ބަލި ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ސަމާލުކަން ދިނުމަށް ޑަބްލިޔުއެޗްއޯ އިންވަނީ ގޮވާލާފައެވެ.
މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ އެފްރިކާގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ ރާމާމަކުނުގެ ގައިންނެވެ. މީގެ 11 އަހަރު ކުރިން އެފްރިކާގެ ބައެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރުނު ނަމަވެސް ފަހުންވަނީ ކޮންޓްރޯލް ވެފައެވެ.
އެ ބަލީގެ އަލާމާތްތަކަކީ ގަދައަށް ހުންއައުމެވެ. މިއާއެކު ހަށިގަނޑުގައި ބޮޑެތި ފޮޅުތަކެއް ނަގައި އެފޮޅުތައް ފަޅައިގެންގޮސް އެތަންތަން ވަރަށް ބޮޑަށް ފާރުވެއެވެ. މަންކީ ޕޮކްސްއަކީ އާންމުގޮތެއްގައި ފަސޭހަވާ ބައްޔެއް ނަމަވެސް އެބަލިން ފަސޭހަވުމަށް ދެ ހަފްތާއާއި ހަތަރު ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. ފަސޭހަވިނަމަވެސް ފޮޅުތައް ފަޅައިގެންގޮސް ފާރުހެދުމާއެކު ހަށިގަނޑުގައި އުފެދޭ ލަކުނުތައް ދިގުމުއްދަތަކަށް ހުރެއެވެ. ނަމަވެސް ބައެއް ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެބަލިޖެހުމުން ހާލުބޮޑުވެ މަރުވެސްވެއެވެ.
ސިއްހަތާބެހޭ ރިޕޯޓްތައް ބުނާގޮތުން ހުޅަނގުގެ ގައުމުތަކުގައި މަންކީ ޕޮކްސް ގިނައިން ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށެވެ. މި ބަލިޖެހޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަމީހުންނަކީ އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލު ހިންގާ މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކަކީ އެއްޖިންސުން ގުޅުން ހިންގުން ގާނޫނީ ގޮތުން ހުއްދަކޮށް އަދި އެނުބައި ފާހިޝު އަމަލު ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފަތުރަން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާ ގައުމުތަކެކެވެ. އަދި އެއްޖިންސުން ގުޅުން ހިނގުން މަނާކުރާ ގައުމުތަކަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކެއްގެ ގޮތުގައިވެސް އެމެރިކާއާއި ޔޫރަޕުން ގެންދަނީ ސިފަކުރަމުންނެވެ.
ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އޮސްޓްރޭލިއާއިންވެސް މިހާރުވަނީ މަންކީ ޕޮކްސް ޖެހިފައިވާ ބަޔަކު ފެނިފައެވެ. މަންކީޕޮކްސަކީ ވެކްސިން އެއް އަދި ބޭހެއްނެތް ނުރައްކާތެރި ބައްޔެއްކަމަށް ވިޔަސް ސްމޯލްޕޮކްސް (ކަށިވިދުރި) އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ޖަހައިފިނަމަ މަންކީ ޕޮކްސް އާ ދެކޮޅަށް ހަށިގަނޑުގައި ދިފާއީ ބާރު އުފައްދައިދޭ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.
ސުމޯލްޕޮކްސް އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން މަންކީޕޮކްސް އާ ދެކޮޅަށް ދިފާއީ ގޮތުން ލިއްބައިދެނީ 85 އިންސައްތައިގެ ރައްކާތެރި ކަމެއްކަމަށް އެޖަމްއިއްޔާގެ ހޯދުންތަކުން ހާމަވެއެވެ.