މަކުނުވިދުރިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

މަކުނުވިދުރިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވެ، ސެނިޓައިޒް ކުރުން މުހިންމު -- ފޮޓޯ/ ރޮއިޓާސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއްކަމަށްވާ މަކުނުވިދުރި އިންސާނެއްގެ ގައިން ފުރަތަމަ ފެނިފައިވަނީ 1970 ވަނަ އަހަރެވެ. މި ދުވަސްވަރު މަކުނުވިދުރީގެ ކޭސްތައް ކުއްލިއަކަށް ގިނަވެ، މިހާރު 75 ގައުމަކުން މަކުނުވިދުރީގެ 16،000އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ.

ކަށިވިދުރިއާ އެއް އާއިލާއަކަށް ނިސްބަތްވާ މި ބަލި އާންމު ގޮތެއްގައި ޖެހެނީ ބަލި ޖެހިފައިވާ މީހަކާ ގާތްވެ، ގިނައިރު ކޮންޓެކްޓު ވުމުންނެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުމުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ނޭވާލާ ނިޒާމުގެ ޒަރީއާއިން އެހެން މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންވެސް މި ބަލި ޖެހެއެވެ. އަދި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން މަކުނުވިދުރި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން ވަރުބަލިވުން އަދި ބޮލުގައި ރިއްސުންވެސް ހިމެނެެއެވެ. އަދި ކަރުގަޔާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުމާއެކު ހީކެރުވުން ވެސް ހިމެނެއެވެ.

މަކުނުވިދުރި ޖެހިގެން ފަސް ދުވަހުގެ ތެރޭގައި ފާނަބަސަންދު، ހިމަބިހި، ކަށިވިދުރި ފަދަ ބަލިތައް ޖެހުމުން ގައިގައި ނަގާފަދަ ފޮޅުތަކެއް ފެންނާނެއެވެ. އަދި ހުމުގެ އަސަރު ފެންނަތާ ތިން ދުވަހުގެ ތެރޭގައި ފޮޅުތައް ހިކި، ކުރަމަގާލި ލައި ނެއްޓިގެންދެއެވެ.

މަކުނުވިދުރީގެ އަލާމާތްތައް ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ.

މަކުނުވިދުރިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުން ބޭނުން ކުރާ ތަށި، ސަމުސާ ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލަންވާނެއެވެ. އަދި އެ މީހުން ނިދާ އެނދުގައި ނިދުން އަދި އަތްލުމުން ދުރުހެލިވާންވާނެއެވެ.

މަކުނުވިދުރި ޖެހިފައިވާ މީހުންނާ ގައިގޯޅިވެ، ޖިންސީގުޅުން ހިންގުމަކީ މި ބަލި ފެތުރުމަށް މަގުފަހިވާ ކަމެކެވެ. އެހެން ކަމުން މިފަދަ ކަންކަމުން ދުރުހެލިވާންވާނެއެވެ.

ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަކީ މަކުނުވިދުރިން ރައްކާތެރިވުމަށްޓަކައި ކުރުން މުހިންމުކަމެކެވެ. ހަމައެއާއެކު، ލޮލާއި ނޭފަތާއި އަދި އަނގައަށް އަތްލުމުން ދުރުހެލިވެ، މޫނުގައި އަތްލާނަމަ ރަނގަޅަށް އަތްދޮންނަން ވާނެއެވެ.

މަކުނުވިދުރިން ރައްކާތެރިވުމަށް ޓަކައި ގިނަގިނައިން އަތް ސެނިޓައިޒްކުރުމަށާއި މާސްކު އެޅުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ. އަތް ސާފުކުރުމަށް ބޭނުންކުރާ ސެނިޓައިޒާއަކީ 60 ޕަސެންޓް އަލްކަހޯލް އެކުލެވިގެންވާ ސެނިޓައިޒާއަކަށް ވުން މުހިންމެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މަކުނުވިދުރި ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވެއެވެ.

comment ކޮމެންޓް