ލަންކާގެ ބޮޑުވަޒީރު ކަމަށް ހަ ވަނަ ފަހަރަށް ރަނިލް ވިކްރަމަސިންހަ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އެގައުމުގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ އައްޔަންކޮށްފިއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން އިއްޔެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ރަނިލްއާ ސިއްރު ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި މިއަދު ރައީސް ވަނީ ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައި އޭނާއަށް ހުވާ ލައި ދެއްވާފައެވެ.

ރަނިލް އެންމެ ފުރަތަމަ ލަންކާގެ ބޮޑުވަޒީރުކަން ކުރެއްވީ 1993އިން 1994އަށެވެ. ދެން، ޗަންދުރިކާ ބަންޑާރަނަޔަކަގެ ރައީސްކަމުގައި 2001އިން 2004އަށެވެ.

އެއަށް ފަހު، ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ޖެނުއަރީ 2015ގައި އުފެއްދެވި ވަގުތީ ސަރުކާރުގައި ރަނިލް ބޮޑުވަޒީރަކަށް ހުންނެވިއެވެ. އަދި އެ އަހަރުގެ އޮގަސްޓު މަހު ބޭއްވި ޕާލިމެންޓު އިންތިހާބުގައި ޔޫއެންޕީއަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުމުން އެ މަހު އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެން، ހުވާ ކުރެއްވިއެވެ.

އޭގެ ފަހުން އޮކްޓޯބަރު 2018އިގައި ސިރިސޭނާ ކުއްލި ގޮތަކަށް ރަނިލް މަގާމުން ދުރުކުރައްވައި ބޮޑުވަޒީރު ކަމަށް މަހިންދަ އައްޔަން ކުރެއްވިއެވެ. ނަމަވެސް ސިރިސޭނާ އޭރު އަމަލު ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމުމުން، ޑިސެމްބަރު 2018ގައި ރަނިލް އަނެއްކާވެސް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވިއެވެ.

އެއަށް ފަހު ނޮވެމްބަރު 2019ގައި ރަނިލް އެ މަގާމުން އިސްތިއުފާ ދެއްވީ އޭރު ބޭއްވި ރިޔާސީ އިންތިހާބުން ޔޫއެންޕީގެ ކެންޑިޑޭޓު ނާކާމިޔާބުވުމުންނެވެ.

ރަނިލް އަލުން ބޮޑުވަޒީރު ކަމަށް އައްޔަންކުރީ މިދިޔަ ހޯމަ ދުވަހު މަހިންދަ އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މަހިންދަ އިސްތިއުފާ ދެއްވީ އެގައުމުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް އުފެދުމާ ގުޅިގެންނެވެ.

މިދިޔަ ހޯމަ ދުވަހު ލަންކާގައި ހަމަނުޖެހުންތައް އިތުރުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އެއްވެފައި ތިބި ސަރަހައްދުތަކަށް، ސަރުކާރަށް ތާއިދު ކުރާ ބަޔަކު ގޮސް، ހަމަލާ ދިނުމުންނެވެ.

އެ ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެ، 200އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ. އަދި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން ވަނީ މަހިންދަގެ ދެ ގެއަކަށާއި ވަޒީރުންނާއި ޕާލިމެންޓް މެންބަރުންތަކެއްގެ ގެތަކަށް ވެސް ހަމަލާދީފައެވެ.

މިދިޔަ މާޗް މަހު ލަންކާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ އެގައުމުގެ އިގުތިސާދު އިނދަޖެހި، ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ތަކެތި ލިބުން ދަތިވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން އެގައުމުގައި ކޮންމެ ދުވަހަކު ވެސް ގިނަ އިރު ކަރަންޓު ކަނޑަން ޖެހި، ދަތުރުފަތުރާއި އާންމު ވިޔަފާރިއަށް ވެސް ބުރޫ އަރާފައިވަނިކޮށެވެ.

comment ކޮމެންޓް