ހެޔޮ ވިސްނުން ލިބުނު ނަމަ...

މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މީގެ ދެ ދުވަހެއް ކުރީން ފެނުނު މަންޒަރެކެވެ. ވަގުތަކީ އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. އަޅުގަނޑު ދަތުރުކުރަމުން ދިޔައީ މާލެއިން ހުޅުމާލެއަށް ދިޔުމަށެވެ. ސިނަމާލެ ބުރިޖް ހުރަސްކޮށް، ހުޅުމާލެއަށް މިސްރާބުޖަހައި ދުއްވާލައިފީމެވެ. ދުވަހަކީ ވައިގަދަ ދުވަހެއްކަމުން ބުރިޖާއި ހައިވޭގައި ދުއްވާއިރު، ވަރަށް ބޮޑަށް އެކަން އިހުސާސްކުރެވެއެވެ.

ކުޑަ ތަންކޮޅަކަށް އަޅުގަނޑަށް ދެވުނުތަނާ، ފަހަތުން އައި ސައިކަލެއް، ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށް އަރައިގެން ހިނގައްޖެއެވެ. އެ ސައިކަލް ދުއްވާން އިނީ ޒުވާން ފިރިހެން ކުއްޖެކެވެ. ފަހަތުގައި ޒުވާން ފުރައިގެ އަންހެން ކުއްޖަކު ވެސް އިނެވެ. ވަގުތު ކުޑަތަން ވެފައި ތިބި ދެ ކުދިން ކަމުން، އެ ކުދިން ހުޅުމާލެއަށް މިސްރާބު ޖަހައި، އެ ދިޔަ ބާރުމިނުގައި ހިނގައްޖެއެވެ.

ސާޅިސް ފަހެއްގެ ދުވެލީގައި އަޅުގަނޑު ކުރިއަށް ދިޔައީމެވެ. ތަންކޮޅަކަށް ދިޔަތަނާ، ކުރިމަތީގައި ހުރި ސައިކަލްތަކުގެ ދުވެލި ކުއްލިއަކަށް މަޑުކުރާން ފަށައިފިއެވެ. އަޅުގަނޑު ވެސް، އަވަސް އަވަހަށް ބުރަތްކަށް ހިފައިލައި، ދުވެލި ވިއްސަށް ވައްޓައިލީމެވެ. އޭރު ކުރިމަތީން، ތިރީހަކަށް ފޫޓު ދުރުން ޒުވާން ސޮރަކު، ދުއްވާ އެއްޗެހިތަކުގެ ތެރެއިން، ހަރު ހިނގުމެއްގައި ހިނގާފައި އަންނަތަން ފެނެއެވެ. ބޮލުގައި އަޅާފައި އޮތް ހެލްމެޓް ބުނެދެނީ، ސައިކަލަކުން ފައިބައިގެން އަންނަ މީހެއްކަމަށެވެ. އެ ވަގުތު ތަންކޮޅެއް ދުރުގައި އޭނާ ދުއްވި ސައިކަލް ހަރުޖައްސާފައި ހުއްޓާ ފެނުނެވެ. އެ ސައިކަލްގެ މަތީގައި އަންހެން ކުއްޖަކު އިނެވެ. އޭނާގެ ބޮލަކު ހެލްމެޓެއް ނެތެވެ.

އަވަސް އަވަހަށް މަގަށް ބަލައިލީމެވެ. ހަތަރު ފުރޮޅަށް ޚާއްޞަ ބައިގައި ހެލްމެޓެއް ވެއްޓިފައި އޮތެވެ. އޭގެ ފަހަތުގައި ކާރެއް ކުރިއަށް ނުދެވިފައި އޮތެވެ. ހިނގާފައި އައި ސޮރު ހެލްމެޓާ ދިމާއަށް ވަރަށް ބާރަށް ދިޔައެވެ. ފެނުނު މަންޒަރުތައް ވަގުތުން ގުޅުވައިލެވިއްޖެއެވެ. އެއާއެކު މަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ. އެއީ އެއްކަލަ ސައިކަލެވެ. ވައިރޯޅިއާ ވާދަކޮށްފައި ދިޔަ ދެ ކުދީންނެވެ. ވަކި ހިސާބަކުން އަންހެން ކުއްޖާގެ ބޮލުގައި އޮތް ހެލްމްޓަށް އޮބިނޯވެގެން އޭނާ ދޫކޮށްލީއެވެ. އޭތި އޮތީ، އެވެރިން ދުއްވި ސައިކަލާ ފަންސާހަކަށް ފޫޓު ދުރުގައެވެ.

ފެނުނު މަންޒަރާ މެދު ޚިޔާލުކޮށްލެވުނެވެ. އެ މަންޖެ އަޅައިގެން އިން ހެލްމެޓް އެހައި ފަސޭހައިން ވިއްސައިގެން އެ ދިޔައީ ކީއްވެގެން ބާވައެވެ؟ ޖަވާބަކާ މެދު ވިސްނައިލުމުން، އެތައް ސުވާލެއް އުފެދުނެވެ. މި ފަދަ ކަމެއް ހިނގައިފާނެ ތަފާތު ސަބަބުތައް ހިތަށް ވެރިވިއެވެ. ހެލްމެޓާއި ހެލްމެޓް އެޅުމާއި ސައިކަލް ދުއްވުމާއި މި ފަދަ ހުރިހައި ކަމަކާ މިކަން ގުޅެއެވެ.

ކޮންމެ ސަބަބަކާ ލައިގެން ކަމަށް ވިޔަސް، ހެލްމެޓް އެ އޮތީ ވިއްސައިގެން ގޮސްފައެވެ. މިއީ މަދުން ނަމަވެސް ބުރިޖާއި ހައިވޭގައި ހިނގާ ކަމެކެވެ. ކޮންމެ ދުވަހަކު ނުހިނގިޔަސް ދޭތެރެއަކުން ކޮންމެވެސް މީހަކަށް ދިމާވާ ކަމެކެވެ. މި ކަމަކީ ކުޑަކުޑަ ކަމެކޭ ހީވިޔަސް، ހަގީގަތުގައި މިއީ ބޮޑު ކަމެކެވެ. ނުރައްކާތެރި ވެސް ކަމެކެވެ. ހީނުކުރާ ފަދަ ހިތާމަވެރި ހާދިސާއެއް ކުރިމަތިވެދާނެ ފަދަ ކަމެކެވެ. ވިއްސައިގެންދާ ހެލްމެޓް ގޮސް، ފަހަތުން ދުއްވާފައި އަންނަ އެތައް ބަޔަކު ޝިކާރަކޮށްލާ ފަދަ ބިރުހުރި ކަމެކެވެ. އެހެންކަމުން ދުއްވާ ފަރާތްތަކުން، މި ކަމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

މި ކަހަލަ ޚިޔާލުތަކުން ސިކުނޑި ތޮއްޖެހި، ހިތަށް ވެރިވި އެއްޗެހިތަކެއްގެ ސަބަބުން، އަޅައިގެން އިން ހެލްމެޓުގެ ފޭސްޝީލްޑް ރަނގަޅަށް ލައްޕާލެވިފައިވޭތޯ ބަލައިލެވުނެވެ. ދަތްދޮޅި މަޅި (ޗިން ސްޓްރެޕް) އެއްވެސް ކޮޅަކުން ދޫވެފައި، ނޫނީ ހަލާކުވެފައި ހުރިތޯ ބަލައިލެވުނެވެ. އަދި ދަތްދޮޅި މަޅި ރަނގަޅަށް އެޅުވިފައި ހުރިތޯ ވެސް ބަލައިލެވުނެވެ. ނަސީބަކުން ހުރިހައި ކަމެއް ވެސް ހުރީ ވަރަށް ރަނގަޅަށެވެ. ބޮލަށް ފިޓް ހެލްމެޓެއްކަމުން، އެކަން ޔަޤީން ކުރާކަށް ނުޖެހުނެވެ. މި ކަންކަމަކީ ހެލްމެޓް ވިއްސައިގެން ހިނގައިދާނެ ކަންކަމެވެ. މީގެ އިތުރުން ސައިކަލުގެ ދުވެލި މާ ބާރުކުރުމަކީ ވެސް، ހެލްމްޓުގައި ވައި އެޅޭގޮތަކުން ވިއްސައިގެން ހިނގައިދާނޭ ކަމެކެވެ.

މިހެން ހިތަށް އެރިތަނާ ކައިރިން ވުސްއަޅާފައި ސައިކަލެއް އަރައިގެން ހިނގައްޖެއެވެ. އަވަސް އަވަހަށް ބަލައިލިއިރު، އެއީ އެއްކަލަ ހެލްމެޓް ވިއްސައިގެން ދިޔަ ސައިކަލެވެ. ހެލްމެޓް ނަގައި އަޅައިގެން، މި ފަހަރު އެ ދަނީ އަދި ކުރިއަށްވުރެ ވެސް ހަލުއި ދުވެއްޔެއްގައެވެ. ހިތަށް އެރިއެވެ. އެ ހާދިސާއާ ގުޅިގެން ގެއްލުނު ވަގުތުކޮޅު ސަލާމަތްކުރަނީތާއެވެ. ގޯހެއް ނޫނެވެ. އެކަމަކު ކުރެވުނު ތަޖުރިބާއިން، ހެޔޮ ވިސްނުމެއް ލިބުނު ނަމަ ހާދަ ރަނގަޅުވީހެއެވެ.

comment ކޮމެންޓް