ފޮރެންސިކް ހެކި ވަޒަންކުރުން

ގާނޫނުއަސާސީ --- ސަން ފޮޓޯ

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މައްސަލަތައް ސާބިތުކުރުމުގައި ބޭނުންކުރެވޭ އެންމެ ފާޅުކަންބޮޑު އަދި އެންމެ ޢާއްމު ވަސީލަތަކީ، ހެކިންގެ ހެކިބަސް ކަމުގައިވީނަމަވެސް، ވަރަށް މަދު ޙާލަތެއްގައި މެނުވީ ހެކިވެރިންނަށް ވެވޭނީ ކޮން ބައެއްކަން ކަނޑައެޅިފައި ނުވެއެވެ. ހަމަ މިމޭރުމުން ބަލާއިރު، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ނެގުމާއި، ހެކިބަސް ވަޒަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފްޞީލީ އުޞޫލުތަކާއި، ފަޑިޔާރުން ޢަމަލުކުރާނެ ހަމަތައް ޤާނޫނު ތަކުގައި ބަޔާންވެފައި ނުވެއެވެ. ނަމަވެސް މިދެންނެވިފަދަ ކަންކަން ޖިނާއީ ޢަދުލުގެ ނިޒާމަށް ތަޢާރުފުވެފައިވަނީ، ފަހުގެ ޤާނުނު އަސާސީގެ އިތުރުން ކޯޓުތަކުގެ ނިންމުންތަކުންނާއި، ޤަވާޢިދުތަކުންނެވެ.

ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުންފަދަ ހެއްކާބެހޭ ޚާއްޞަ އަދި ޢާއްމު އުޞޫލުތައް ކަނޑައެޅުމުގެ ބޭނުމުގައި އެކި ފަހަރުމަތިން ފަހުގެ ތާރީޚު ތަކުގައި "ހެއްކާބެހޭ ބިލު"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވެއެވެ.

މިދެންނެވިފަދަ ތަފްޞީލީ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތް ނަމަވެސް، ރާއްޖޭގައި ހެއްކާބެހޭ ދެ ޤާނޫނެއް އޮންނަކަން ފާހަގަވެއެވެ. މަޙާޒު ޢަލީ ޒާހިރު ބަޔާންކުރައްވާ ގޮތުގައި، އެއީ އަންހެނުންގެ ހެކިބަހުގެ ޤާނޫނާއި، ހެއްކާބެހޭ ޤާނޫނެވެ. މިދެންނެވި ދެ ޤާނޫނުގެ ޢިބާރާތްތަކާއި، ނައްޞައް ބަލާއިރު އަންހެނުންގެ ހެކިބަހުގެ ޤާނޫނުގައިވަނީ "ޤުރްއާނުގައި ކަނޑައެޅި ބަޔާން ވެގެންވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކުރުން" މިފަދައިންނެވެ.

ހެއްކާބެހޭ ޤާނޫނަށް ބަލާއިރު، ހެކިންގެ ހެކިބަހާމެދު އެ ޤާނޫނުގެ 01 ވަނަ މާއްދާގައިވަނީ "ކަމެއްގެ ޙަޤީގަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ބަޔާނަކީ ޝަފަހީ (އޯރަލް) ހެއްކެކެވެ." މި ފަދައިންނެވެ. ކުރިންވެސް ފާހަގަކުރި ފަދައިން، ހެކިވެރިންގެ ތަފްޞީލީ ޝަރުޠުތަކާއި، އެނޫންވެސް ހެއްކާބެހޭ މުހިއްމު އުސޫލުތަކެއް މި ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. ނަމަވެސް، ރިލެވަންޓް ފެކްޓްސް (ގުޅުންހުރި ޙަޤީޤަތްތައް) އާއި، އިރެލަވަންޓް ފެކްޓްސް (ގުޅުމެއްނެތް ޙަޤީޤަތް) ތަކަކީ ކޮބައިކަމާއި ، ލިޔުމާއި ސޮއިގެ މުޢުތަބަރުކަން ބަލާނެ އުސޫލާއި، ކިތާބީ ހެއްކަކީ ކޮބައިކަމާއި، އެ ހެކި ޤަބޫލުކުރުމުގެ އުސޫލުތަކާއި، ފަނޑިޔާރުން ހެކި ވަޒަންކުރާނެގޮތާއި، މިންވަރާއި، ޝަރުޢީ ކުށްކުށުގައި ހެކި ވަޒަންކުރުމުގެ އުސޫލުތައް މި ޤާނޫނުގައިވެއެވެ. އެހެންކަމުން، މިދެންނެވި ދެ ޤާނޫނަކީ ކުރު، ނަމަވެސް ހެއްކާބެހޭ މުހިއްމު އުޞޫލުތަކެއް ކަނޑައެޅިފައިވާ ދެ ޤާނޫނެކެވެ.

ހެއްކާބެހޭ ގޮތުން މިކޮލަމުގައި ލިޔުމަށް ޤަޞްދުކުރަނީ، ޖުމްލަގޮތެއްގައި، ފޮރެންސިކް ހެކި ވަޒަންކުރުމާބެހޭ ގޮތުންނެވެ. ބަހަވީ ގޮތުންބަލާއިރު، މީހުންގެ ހެކި ބަހަކީ؛ މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤުރާރުވުން ކަމުގައިވާހިނދު، ފޮރެންސިކް ހެކި ކަމަށް ބުނެވެނީ؛ މައްސަލަތަކުގައި ސައިންސް ގެ ދަލީލްތަކާއި ޙަޤީގަތްތައް ބޭނުންކޮށްގެން ކަމެއް ނުވަތަ ޙާދިޘާއެއް ނުވަތަ ކުށެއް ހިނގުމުގެތެރޭގައި ހިނގާދިޔަ ކަންތައް (ވާޤިޢާ) ތަކުގެ ތަޞައްވުރެއް ހޯދުމުގައި އެހީތެރިވެދިނުމަށެވެ. އެއީ ގުޅުންހުރި ޙަޤީގަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ޝައްކުތަކާއި، ހީތަކުން ދުރުކޮށްދީގެން، ޞައްޙަ އަދި އިތުބާރުގެ އުޞޫލުން ދަލީލުތަކާއި ޙަޤީގަތްތައް ފޯރުކޮށްދީގެންނެވެ.

އެހެންކަމުން ފޮރެންސިކް ސައިންސްގެ ދައުރުތަކުގެ ތެރޭގައި، ސުވާލު އުފެދިފައިވާ މާއްދާއެއްގެ ޙަޤީގަތް ބަޔާންކޮށްދިނުމާއި، ގުޅުންހުރި މާއްދީ ހެއްކެއް ވަޒަންކޮށް މާނަކޮށްދިނުމާއި، ވާޤިޢާ އެއް ހިނގާދިޔަގޮތުގެ ތަޞައްވުރެއް ހާމަކުރުމާއި، ޚަބީރުންގެ ހެކިބަސް ދިނުން ހިމެނެއެވެ. މިދެންނެވި ދައުރުތައް އަދާކުރުމުގައި، ސައިންޓިފިކް މުޖްތަމަޢުގައި ޤަބޫލުކުރެވޭފަދަ އުޞޫލުތައް ހިފެހެއްޓުން މުހިއްމެވެ. އިތުބާރުގެ އުޞޫލުން މިދެންނެވި ދައުރު އަދާކުރުމަށާއި، ކަމާއި ގުޅުން ހުރި ފަރާތްތަކަށް ފަސޭހައިން ދެނެގަނެވި، ޢަދުލު އިންޞާފަށް އެހީތެރިވުމަށްޓަކައި، ޚިދުމަތްތައް މަތީ ފެންވަރެއްގައި ދެމެހެއްޓުމަށް އަބަދު މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ފަހުގެ ތާރީޚުގައި، ފޮރެންސިކް ޚިދުމަތްތަކުގެ ފެންވަރު އެންމެ އެކަށީގެންވާ ގޮތެއްގައި ހިފެެއްޓިފައި ނުވާކަން ފާހަގަވެެއެވެ. އެއީ އެމަޤުޞަދު ޙާޞިލް ކުރުމަށް ކުރެވޭ މަސައްކަތްތައް މަދުވުމުގެ ސަބަބުންނެވެ.

މިދެންނެވި ސަބަބުތަކާހުރެ، ފޮރެންސިކް ހެކި ވަޒަންކުރުމާގުޅޭ ތަފްޞީލުތައް ހުޅަނގުގެ ޤައުމުތަކުންނާއި، އޮސްޓްރޭލިޔާ އަދި ނިއުޒިލޭންޑު ފަދަ ޤައުމުތަކުން ވަނީ ޝާޢިއު ކުރައްވާފައެވެ. އެއީ ފޮރެންސިކް ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތެރީންނާއި، އެޚިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް އެހީއެއްގެ ގޮތުގަައެވެ. ފޮރެންސިކް ޚިދުމަތްތައް ބޭނުންކުރައްވާ ފަރާތްތަކާއި، ފޮރެންސިކް ޚިދުމަތްތެރިންނަށް ބަލާއިރު އިންޓެލިޖެންސް، ތަޙްޤީގު، ޓެކްނިކަލް އަދި ފޮރެންސިކް އިވަލުއޭޓިވް ރިޕޯޓްގެ މަޤްޞަދާއި، އެ ރިޕޯޓުގައި އެކުލެވޭ ބައިތަކާމެދު އަހުލުވެރިވެ މި އުޞޫލުން ޢަމަލުކުރަންޖެހެއެވެ.

މިދެންނެވި ތަފާތު ރިޕޯޓްތަކުގެ ތެރެއިން ފޮރެންސިކް އިވަލުއޭޓިވް ރިޕޯޓަށް ބަލާއިރު، ފޮރެންސިކް ހެކި ވަޒަންކުރުން އެންމެ ފުރަތަމަ ބިނާވަނީ، ހުށަހަޅާ އިފްތިރާޟްތައް (ޕްރޮޕޮޒިޝަންސް) ގެ ތެރެއިން ފެންނަ އަދި ގުޅުންހުރި ހަޤީގަތްތައް ބޭނުންކޮށްގެން އެކަމެއް ވުމާއި، ނުވުން ގާތްވުމުގެ އިޙްތިމާލް އޮތް މިންވަރު ނުވަތަ ނިސްބަތް ބުއްދިއަށް ޤަބޫލުކުރެވޭފަދަ ހަރުދަނާގޮތެއްގައި ހުށަހެޅުމުގެ މައްޗަށެވެ.

މިފަދަ ރިޕޯޓެއްގައި އެކުލެވޭ ހެކި ވަޒަންކުރަނިވި އިބާރާތަކުން މާއްދީ ހެއްކާގުޅޭ ގޮތުން އެއީ ކޮން އެއްޗެއްކަން ނުވަތަ އެމާއްދާ އައީ ކޮން އަޞްލަކުންކަން ކަނޑައެޅި ނުވަތަ އެއިން ދޭހަވާ ޢަމަލެއް ބަޔާންކުރެވިދާނެއެވެ. މިސާލަކަށް؛ "ވައްކަން ކުރަން މީހަކު ވަދެފައިހުރި ކުޑަ ދޮރެއްގައި ހޭކިފައިހުރި ލޭތިއްކެއް ތަޙްލީލްކުރުމަށް ހުށަހެޅުނެވެ. ފެންނަފެނުމަށާއި، ކުރެވުނު އިބްތިދާއީ ޓެސްޓުން އެނގުނުގޮތުގައި އެއީ އިންސާނެއްގެ ލޭ އެވެ. އެހެންކަމުން، މިލެޔަކީ؛ ތުހުމަތުކުރެވޭ ފަރާތުގެ ލެޔެވެ. ނުވަތަ މިލެޔަކީ، ތުހުމަތުކުރެވޭ ފަރާތްނޫން، ވަނަވަރު ނޭގޭ އެހެން މީހެއްގެ ލެޔެވެ." މިޢިބާރާތަށް ބަލާއިރު، ދެ އިފްތިރާޟެއް ވާކަން އެބަ ހާމަވެއެވެ. މިއީ ފޮރެންސިކް ހެކީގެ ހައިރާކީއަށް ބަލާއިރު، "ސޯސް ލެވެލް" ނުވަތަ މާއްދާއެއްގެ އަޞްލު ބުނެދެވޭ ފެންވަރުގެ މަޢުލޫމާތެކެވެ.

ފޮރެންސިކް ހެކީގެ "އެކްޓިވިޓީ ލެވެލް" ނުވަތަ މީހެއްގެ ޢަމަލެއްގެ ތަޞައްވުރެއް ބަޔާންކޮށްދޭފަދަ މިސާލަކަށް ބަލާއިރު، ތުހުމަތު ކުރެވޭ މީހާއަކީ، ކުޑަ ކުއްޖަކާއި ޖިންސީ ޢަމަލެއް ނުވަތަ އަންހެނަކު ރޭޕް ކޮށްފައިވާ މީހަކު ކަމަށް އިފްތިރާޟު ކުރެވިއްޖެއެވެ. ހައްޔަރު ކުރެވުނު މި މީހާގެ ޑީއެންއޭ އޭނަގެ އިނގިލީގެ ނިޔަފަތިން ފެނި ނުވަތަ އޭނަގެ ޑީއެންއޭ ނަގައިގެން މިދެންނެވި ދެ ޙާލަތާއި ގުޅުވިދާނެއެވެ. އެއީ، ނިޔަފަތިން ނެގުނު ޑީއެންއޭ ކުޑަކުއްޖާގެ ޑީއެންއޭ އާއި ގުޅުމާއި ނުވަތަ އަންހެނާގެ ޖިންސީ ގުނަވަނުން ނެގުނު ޑީއެންއޭ ތުހުމަތު ކުރެވޭ ފަރާތުގެ ޑީއެންއޭ އާއި ގުޅުމެއެވެ. އެހެންކަމުން، މި ދެ ޙާލަތުންވެސް އަންގައިދެނީ ތުހުމަތު ކުރެވޭ ފަރާތުގެ ޢަމަލެކެވެ. ނަމަވެސް، މިފަދަ ހެއްކެއް ވަޒަންކުރުމުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދަންޖެހެއެވެ. މިސާލަކަށް، މި ކުއްޖާއާއި ނުވަތަ އަންހެން މީހާއާއި، ތުމަތު ކުރެވޭ މީހާއާއި، އޮތް ޢާއިލީ ނުވަތަ އިޖްތިމާޢީ ނުވަތަ ޒަވާޖީ ގުޅުމަށާއި، ޙާދިޘާ ހިނގިކަމަށް ބެލެވޭ ވަގުތަށާއި، ފަހުން ކަންކަން ވެފައިވާ ގޮތުގެ މައްޗަށެވެ. ސަބަބަކީ، މިފަދަ ހެކި ވަޒަންކުރުމުގައި، ހެކި ނުވަތަ މާއްދީ ހެކި އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ އިޙްތިމާލު އޮންނާނެތީއެވެ. އަދި އެކެއްގެ މާއްދާއެއް އަނެކަކުގެ ގަޔަށް ނަގުލުވުމުގެ އިޙްތިމާލުވެސް އޮންނާނެތީއެވެ.

ފޮރެންސިކް އިވަލުއޭޓިވް ރިޕޯޓެއްގައި ފޮރެންސިކް ހެކީގެ ބުރަދަން ވަޒަންކުރުމަށް ބޭނުންކުރެވެނީ އިޙްތިމާލުގެ އުޞޫލެވެ. އެއީ ދަޢުވާ ލިބޭ ފަރާތުން މާޒީވެ ގޮސްފައިވާ ވަކި ޙާލަތެއްގައި ވަކި ގޮތަކަށް ޢަމަލުކޮށްފައިވުމުން ނުވަތަ ވަކި ވިސްނުމެއްގައި ވަކި ޢަމަލެއް ކޮށްފައިވުމުން، ހިނގަމުންދާ މައްސަލައާއި ގުޅުންހުރި ޙާލަތުގައިވެސް އޭނާ ޢަމަލުކުރީ މާޒީވެ ގޮސްފައިވާ ޙާލަތުގައި އޭނާ ޢަމަލުކުރިފަދައިން، ނުވަތަ މާޒީވެ ގޮސްފައިވާ ޙާލަތުގައިވެސް އޭނާ ޢަމަލުކުރި ވިސްނުމުގައިކަން ބަޔާންކޮށްދިނުމުގެ އުޞޫލެވެ.

މިސާލަކަށް ބަލާއިރު، ކުށުގެ ޝިކާރަވެރިޔާއަށް ވަޅިން ހަމަލާދީފި އެވެ. ކުށުގެ ވެށިން ވަޅިއެއް ފެނި، ޖެހިގެންއައި ދުވަހު ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ފިންގަރޕްރިންޓް ނެގިއެވެ. ކުރެވުނު ތަޙްލީލުގެ ނަތީޖާގެ ޢިބާރާތުގައިވަނީ މިފައިންނެވެ. "ހޯދުނު ޙަޤީގަތްތަކުގެ އަލީގައި ތުހުމަތުކުރެވޭ ފަރާތުގެ ފިންގަރޕްރިންޓް ވަޅީގައި ހުރިކަމުގެ އިޙްތިމާލް 10000 - 40000 ފަހަރު، އެ ފިންގަޕްރިންޓް ތުހަމުކުރެވޭ މީހާ ނޫން އެހެން މީހެއްގެ ފަރާތަކުން އައުމަށްވުރެ ބޮޑެވެ. އެ ފިންގަޕްރިންޓަކީ ތުހުމަތުކުރެވޭ ފަރާތުގެ ފިންގަރޕްރިންޓެއް ކަމަށް ހޯދުންތަކުގެ އަލީގައި ވަރަށް ބޮޑަށް ބާރު ލިބެއެވެ."

އެހެންކަމުން ފޮރެންސިކް ސައިންސްގެ ދާއިރާގައި މަސައްކަތްކުރާއިރު، އުފެދޭ ސުވާލުތަކަށް ސައިންސްގެ ނަޒަރުން ޖަވާބު ދިނުމަށްޓަކައި، ތަޙްޤީގުކުރާފަރާތް ފަދައިން ބައެއްފަހަރަށް “ރަގަނޅު” ސުވާލު ކުރަންޖެއެވެ. ސުވާލަށް، ޖަވާބު ދިނުމަށްޓަކައި، ޓެސްޓުގެ ނަތީޖާއިން ހޯދޭ ޙަޤީގްތަކާއި ދަލީލްތައް ބޭނުންވެއެވެ. އަދި ހޯދުންތައް މާނަކޮށް ވަޒަންކުރަން ޖެހެއެވެ. ފޮރެންސިކް ސައިންސުގައި، ސައިންސާއި، ޤާނޫނާއި، އިޖްރާއަތް ޝާމިލްވާތީ، ފޮރެންސިކް ސައިންޓިސްޓަކީ، ބޮޑަށް ހެކި މާނަކޮށް ވަޒަންކުރާ ފަރާތެކެވެ. ސައިންސަކީ ގިނަފަހަރަށް ފަސޭހަ އެއްޗެކެވެ. ނަމަވެސް މާނަކޮށް ތަފްޞީލްކުރުން އުދަގޫވެދާނެއެވެ. ފޮރެންސިކް ސައިންސުގެ އެންމެ މުހިއްމު ބަޔަކީ މާނަކޮށް ވަޒަންކޮށް ތަފްޞީލްކުރުމެވެ. މިކަން ކުރެވޭނީ، ސައިންސާއެކު ވަށައިގެން ހިނގި ވާޤިޢާތައް އެނގިގެންނެވެ. އަދި ހެކި މާނަކޮށް ވަޒަންކުރަންޖެހޭނީ، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންނެވެ. ފޮރެންސިކް ސައިންޓިސްޓަށް ތަޙްޤީގު އަދި ފޮރެންސިކް މަރުޙަލާތައް ހިނގާގޮތް އެގެންޖެހެނީ މިދެންނެވި ސަބަބު ތަކަށްޓަކައެވެ.

ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ހެއްކާބެހޭ ޤާނޫނެއް މުހިއްމެވެ. ނަމަވެސް ޢަދުލު އިންޞާފު ޤާއިމް ކުރުމުގައި މިވަގުތު މިފަދަ ޤާނޫނެއް ނެތުމުގެ މައްސަލައަށްވުރެ ބޮޑަށް، ޖިނާއީ ޢަދުލުގެ ނިޒާމު ގުޅިލާމެހިގެން މަސައްކަތް ނުކުރެވޭ މައްސަލަ މާބޮޑެވެ. ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ މަޤްޞަދުތައް ޙާޞިލްނުވުމާއި، އަމާޒުތަކަށް ވާޞިލް ނުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއީ ކަމަށް ދެކެމެވެ. ހެއްކާބެހޭ ޤާނޫނުގައި ހެއްކާބެހޭ ޢާއްމު އަދި ޚާއްޞަ އުޞޫލުތައް ބަޔާންކުރުމުން ފުދެއެވެ. ވަކި ވައްތަރެއްގެ ހެކި ވަކިން ބަޔާންކުރުމުގެ ބަދަލުގައި ހެއްކާބެހޭ ޢާއްމު އުޞޫލުތަކާއި، މިންގަނޑުތައް ޤާނޫނުގައި ބަޔާންކުރުމުން ފުދެއެވެ. ރާއްޖޭގެ ޚާއްޞަ ޤާނޫނުތަކުގައި ފޮރެންސިކް ހެއްކަށް ވަނީ ޖާގަ ދެވިފައެވެ. ޢަމަލުނުކުރެވޭ ޤާނޫނު ހަދައި މިވަގުތު ގިނަކުރުމުގެ ބަދަލުގައި ބާރުއަޅައި މަސައްކަތްކުރަންވީ ޖިނާއީ ޢަދުލުގެ ނިޒާމު، އެއް އަަމާޒަކަށް މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށާއި، މުއައްސަސާތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކޮށްދިނުމަށާއި، ވަކިފަރާތަކަށް ނުޖެހި، ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރެވޭނެ މާހައުލު ޤާއިމް ކުރުމަށެވެ. ފަންނީ އަދި އަޚްލާޤީ ގޮތުން ޤާބިލް އަދި ނަޒާހަތްތެރި ބަޔަކަށް މުވައްޒަފުން ހެދުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް