"އިންޑިއާ އައުޓް" ރަމްޒު ކޮށްދޭގޮތަށް ދެވަނައަށް ދެމި ބެނާ ވެސް ނެގުމަށް ފުލުހުން އަންގައިފި

ހ.ސިލްވާ ވޭވް، ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ބެނާ -- ފޮޓޯ/ ޕީޕީއެމް

އިންޑިއާ އައުޓް ރަމްޒުކޮށްދޭ ގޮތަށް މާލޭގެ ގެއެއްގައި ދެވަނައަށް ދެމި ބެނާ ވެސް ނެގުމަށް ފުލުހުން އަންގައިފިއެވެ.

"އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް އަކުރު ބަދަލުކޮށްގެން ހ. ސިލްވާ ވޭވްގައި ރޭ އިރާކޮޅުގެ ވަގުތެއްގައި ދެމި ބެނާގައި ވެސް ލިޔެފައި ވަނީ ހަމަ "IN DEAR OUT" މި ފަދައިންނެވެ.

ފުލުހުން ރޭ ވަނީ އެ ބެނާ ނެގުމަށް އަންގައި އެ ގޭގެ ވެރިފަރާތަށް ލިޔުމެއް ހަވާލުކޮށްފައެވެ.

އެ ލިޔުމުގައި ބުނެފައިވަނީ ހ. ސިލްވާ ވޭވް ގޭގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް ޖަހާފައިވާ ބެނާ ނެގުމަށް އަންގާ ކަމަށެވެ.

ނަމަވެސް އެ ބެނާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެންޕެއިންގެ ދަށުން ހެންވޭރުގައި ރައީސް ޔާމީން ދިރިއުޅުއްވައި ގެކޮޅު ކަމުގައިވާ ހ. ދޫވެއްސާއި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް ވެސް ފުލުހުން ވަނީ ނަގާފައެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގަރާރެއް ނެރުއްވާފައެވެ.

ރައީސް ސޮއި ކުރައްވައި ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގައި ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ބުނެފައެވެ.

އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

comment ކޮމެންޓް