ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި މިނިސްޓްރީން ދޮގު ހެދިކަން ހާމަވެއްޖެ

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލް ގިނަ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ތެދު ވާހަކަތަކެއް ނޫން ކަން ހާމަވެއްޖެއެވެ.

މިދިޔަ ޖޫން މަހު ފެންމަތިވި ޖިންސީ ގޯނާގެ މައްސަލަ މީޑިއާއަށް ފެންމަތިކޮށްފައިވަނީ ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި މި މައްސަލަ ބެލުމުގައި ޝާމިލްވި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުންނެވެ.

އޭރު ޕީއައިއެލްސީންނާއި ޓޭމްއިން ނެރުނު ނޫސްބަޔާނުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން އެ މައްސަލަ ބަަލައި އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވީނަމަވެސް، އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅައި އޭނާގެ އެދުމުގެ މަތިން އޭނާއަށް ޕްރޮމޯޝަން ދީ އެހެން ސުކޫލަކަށް ބަދަލުކުރި ކަމަށެވެ.

ހަމައެހެންމެ ޖިންސީ ފުރައްސާރައިގެ ޝިޔާރައަށް ވެފައިވާ ޓީޗަރުންނާ އެއްވެސް ކަހަލަ މަޝްވަރާ ކުރުމެއް ނެތި ބޭއިންސާފުން، އެ ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކުރި ކަމަށް ވެސް ޕީއައިލްސީންނާއި ޓޭމްއިން ބުނެފައިވެއެވެ.

އެހެންނަމަވެސް އެއިރު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ޓޭމްއާއި ޕީއައިއެލްސީގެ ބަޔާން ކުށްވެރިކޮށް، އެ ވާހަކަތައް ދޮގުކޮށްފައެވެ.

މިނިސްޓްރީން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމީ އިއްޒުއްދީން ސްކޫލްގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޓަކައި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

އެ ހަތަރު ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، އެޑިއުކޭޝަނަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނެތް ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަގީގަތާ ހިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މަޢުލޫމާތު ހިމަނާފައިވާތީ އެކަން މި މިނިސްޓްރީން ކުށްވެރި ކުރަމެވެ." އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިއްޒުއްދީން ސުކޫލުން އެހެން ސުކޫލުތަކަށް ބަދަލުކުރި ހަތަރު ޓީޗަރުން ވަނީ، އެ ޓީޗަރުން ބަދަލުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅައިފައެވެ.

އެ ޔުނިޓުން މި މަހުގެ 21 ވަނަ ދުވަހު ނިންމި މައްސަލައިގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފައިވާ ނިންމުމަކީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވިސްލްބްލޯކުރުމުގެ ސަބަބުން ބަދަލުހިފުމުގެ ގޮތުން ނިންމައިފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިފައެވެ.

މި ކަމާ ގުޅިގެން ކަމާގުޅޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް އެ ޔުނިޓުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނެފައިވެއެވެ.

https://sun.mv/154355

comment ކޮމެންޓް