ޕްރިންސިޕަލެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެއްޖެ

މާލޭގައި އެންމެ ފަހުން ހުޅުވި ސްކޫލް، އިއްޒުއްދީން ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލް ގިނަ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އެ ޖަމިއްޔާގެ މެންބަރުން ކަމުގައިވާ، ހަ މުދައްރިސަކަށް އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރިކަން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން އެ މައްސަލަ ބަަލައި އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވެފައިވާ ކަމަށް ޓޭމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް އެފަދަ އަމަލެއް ސާބިތުވެފައި ވަނިކޮށް، އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލްގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅައި އޭނާގެ އެދުމުގެ މަތިން އޭނާއަށް ޕްރޮމޯޝަން ދީ އެހެން ސުކޫލަކަށް ބަދަލުކުރި ކަމަށް އެ ޖަމިއްޔާއިން ވަނީ ތުހުމަތު ކޮށްފައެވެ.

އަދި ޖިންސީ ފުރައްސާރައިގެ ޝިޔާރަޔަކަށް ވެފައިވާ ފަރާތްތަކާ އެއްވެސް ކަހަލަ މަޝްވަރާ ކުރުމެއް ނެތި ބޭއިންސާފުން އެފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށްވެސް ޓޭމް އިން ވަނީ ތުހުމަތު ކޮށްފައެވެ.

ނަމަވެސް އެ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ކުރީކޮޅުގައި އިއްޒުއްދީން ސްކޫލްގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެެވެ.

އެ ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ، އެ މައްސަލަތައް ހައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސްކޫލްގެ ބައެއް މަގާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ހަތަރު ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، އެޑިއުކޭޝަނަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނެތް ކަމަށެވެ. އަދި އެޑިއުކޭޝަނަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު ބަލާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭ ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓޭމް އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާނުގައި ހަގީގަތާ ހިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މައުލޫމާތު ހިމަނާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެފަދަ ބަޔާންތައް ނެރުމުގައި ހަގީގަތުގެ މައްޗަށް ބަޔާންތައް ލިޔުމަށްވެސް އެޑިއުކޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް