ފުޓުބޯޅައަށް އިންތިހާއަށް ހަރަދުކުރާއިރު ވެސް ކުޅި ބަލަން ނުދާތީ ނަޝީދުގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

ރާއްޖެގައި ފުޓުބޯޅައަށް "އިންތިހާއަށް" ހަރަދުކުރާއިރު ވެސް، ކުޅި ބަލަން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޙުލޫފް ހާޒިރުކޮށް، މެންބަރުން ވަނީ ސުވާލުކުރައްވައިފައެވެ. މިގޮތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ ކުޅިވަރުގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ކުރަމުން އަންނަނީ ކޮން މަސައްކަތްތަކެއްތޯ ސުވާލުކުރައްވައިފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުޅިވަރު ތަރައްގީ ކުރުމަށް އިންފްރާސްޓްރަކްޗާގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން އެންމެ އިސްކަމެއްދޭ އެއްކަމަކީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ކަމަށެވެ.

އަންނަ މަހު ބައިނަލްއަގްވާމީ ޓޭބަލް ޓެނިސް މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ ކަން ފާހަގަކުރައްވައި މަހުލޫފް ވަނީ މި މުބާރާތް ބައްލަވާލެއްވުމަށް މެންބަރުންނަށް ވެސް ދައުވަތު ދެއްވައިފައެވެ.

"ހުރިހާ ބޭފުޅުން ވަޑައިގެން ގައުމީ ޓީމަށް ސަޕޯޓު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ ދައުވަތާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ހުރިހާ މެންބަރުން ވެސް ޓޭބަލް ޓެނިސް މުބާރާތް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިފަހުން ޓީވީން ދެއްކި ފުޓުބޯޅަ މެޗެއް ބައްލަވާލެއްވި ކަމަށާއި ކުޅި ބަލަން ދަނޑަށް އެއްވެސް މީހަކު ވަދެފައިނުވާ ކަމަށެވެ. ފުޓުބޯޅަށް "އިންތިހާއަށް" ހަރަދުކުރަމުން އަންނައިރު، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފުޓުބޯޅަ މެޗެއް ބަލަން އިނީމު ޓީވީން، ފެން ޖަހާ މީހުންނަށް ވުރެ ވެސް މަދު، ކުޅި ބަލާން ތިބި މީހުން، އެތާ ނެތީ ހަމަ ކުޅި ބަލާން އެކަކު ވެސް، އެހެންނަމަވެސް އަޅުގަނޑުމެން މި އަންނަނީ އިންތިހާއަށް ހަރަދު ކުރަމުން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް