ވެއިޓަރު މަރާލިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ދެވަނަ ފިޔަވަހީގެ އަތިރިމަތިން

ހުޅުމާލެ ދެވަނަ ފިޔަވަހި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝްގެ ވެއިޓަރެއްގެ ގަޔަށް ވަޅި ހަރައި މަރާލުމަށް ފަހު ފިލި ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނުގެ ކައްކާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިން ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ އިރުއޮއްސެން ގާތްވެފައި ވަނިކޮށް ރެސްޓޯރަންޓުގައި ބަންގްލަދޭޝް މީހާ އާއި ޕާކިސްތާނުގެ ކައްކާއާ ދެމެދު ބަދިގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ބަންގްލަދޭޝް މީހާއަށް ހަމަލާ ދިނުމަށް ފަހު ޕާކިސްތާން މީހާ އެ ސަރަހައްދުން ފިލިއެވެ.

އެމީހާ ފިލުމާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ވަނަވަރާއި ފޮޓޯ އާންމުކޮށް އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ޕާކިސްތާނުގެ ޝެފް، މުޙައްމަދު އާބިދު، 26، ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިން ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

ބަންގްލަދޭޝްގެ މީހާ މަރުވީ މުޙައްމަދު އާބިދު ދިން ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި އަދި ފަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

ބަންގްލަދޭޝްގެ ވެއިޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ ކުރިމައްޗަށް އިއްޔެ އެގައުމުގެ މީހުން އެއްވެފައިވެއެވެ.

comment ކޮމެންޓް