ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ޝެހްބާޒް ޝަރީފް ހޮވައިފި

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް -- ފޮޓޯ/ އޭޕީ

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު އަދި އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް ހޮވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް މިއަދު ޝެހްބާޒް ހޮވާފައި ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ 342 މެންބަރުންގެ ތެރެއިން 174 މެންބަރުންގެ ވޯޓުންނެވެ.

އެއާއެކު ބޮޑުވަޒީރު ޝެހްބާޒް އާ ސަރުކާރެއް އެކުލަވާލައްވާނެއެވެ. އަދި އަންނަ އަހަރުގެ އޮގަސްޓު މަހު އާންމު އިންތިހާބު ބާއްވަންދެން އެ ސަރުކާރު ވެރިކަމުގައި އޮންނާނެއެވެ.

އެ ވޯޓު ނެގުމުގެ ކުރިން، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަހްރީކީ އިންސާފު (ޕީޓީއައި) ޕާޓީގެ މެންބަރުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގެންފައެވެ. އަދި އެ ޕާޓީގެ ފަރާތުން ބޮޑުވަޒީރު ކަމަށް ކުރިމަތިލެއްވި ޝާހު މަހުމޫދު ގުރޭޝީ ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުން ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިމްރާން ޚާން މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއްގައެވެ. އެ ވޯޓުގައި ވެސް 174 މެންބަރުން ވަނީ އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައެވެ.

އެ ވޯޓު ނެގުމުގައި އިސްކޮށް ހަރަކާތްތެރިވީ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)އިންނެވެ. އަދި އިމްރާން ޚާނާއި އޭނާއަށް ތާއިދުކުރާ މެންބަރުން ވަނީ އޭނާ ވެރިކަމުން ދުރުކުރީ ބޭރުގެ ބަޔަކާ ގުޅިގެން ރޭވި ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތުކޮށްފައެވެ.

ބޮޑުވަޒީރުގެ މަގާމަށް ހޮވުމުން ޝެހްބާޒް ދެއްވި ތަގުރީރުގައި އޭނާ ވަނީ އެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން އެ ތުހުމަތުތައް އޭނާ ސިފަކުރެއްވީ ފާއިތުވި ހަފްތާތަކުގައި ކުޅުނު ޑްރާމާއެއްގެ ގޮތުގައެވެ.

ޝެހްބާޒް އިތުރަށް ވިދާޅުވީ އެ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ޕާލިމެންޓުގެ ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުން ޓީވީތަކުން ދައްކާނެ ކަމަށް ޝެހްބާޒް ވިދާޅުވިއެވެ.

"އެމީހުން ރައްޔިތުންނަށް ދޮގު ހަދާފައިވޭތޯ އެނގެން ޖެހޭ. ބޭރުގެ ބަޔެއްގެ ރޭވުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިއްޖެ ނަމަ އަޅުގަނޑު [އިސްތިއުފާ ދިނުމަށް ފަހު] ގެއަށް ދާނަން،" ޝެހްބާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ތަގުރީރުގައި ޝެހްބާޒް ވަނީ އޭނާ ގެންގުޅުއްވާނެ ބައެއް ސިޔާސަތުތަކަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން އެގައުމުގެ އެންމެ ކުޑަ އުޖޫރަ 15،000 ރުޕީސް (82 ޑޮލަރު)އިން 25،000 ރުޕީސް (137 ޑޮލަރު)އަށް ބޮޑު ކުރައްވާނެ ކަމަށް ޝެހްބާޒް ވިދާޅުވިއެވެ.

ހަމައެއާއެކު، ޗައިނާ އާއި ސައުދީ އަރަބިއާ އާއި ޔޫއޭއީ އާއި އިނގިރޭސިވިލާތާއި އީރާނާ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަން ޝެހްބާޒް ދެއްވިއެވެ. އަދި އިންޑިއާއާ ރަނގަޅު ގުޅުމެއް ބޭއްވޭނީ ކަޝްމީރުގެ މައްސަލައަށް "އިންސާފުވެރި" ހައްލެއް ލިބިގެން ކަމަށް ޝެހްބާޒް ވިދާޅުވިއެވެ.

ޝެހްބާޒްގެ ބޭބޭފުޅު ނަވާޒަކީ ޕާކިސްތާނުގައި އެންމެ ގިނަ އަހަރަށް ވެރިކަން ކުރެއްވި ބޮޑުވަޒީރެވެ. އެގޮތުން އޭނާ ވަނީ ނުވަ އަހަރު ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެއީ 1990އިން 1993އަށް އަދި 1997އިން 1999އަށް އަދި 2013އިން 2017އަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނަވާޒް މަގާމުން ދުރުކުރީ އޭނާ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވިކަމުގެ ތުހުމަތުގައި، ސުޕްރީމް ކޯޓުންނެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. އެ މައްސަލައިގައި އޭނާ ޖަލުގައި ހުންނަވަނިކޮށް ހާލު ދެރަވެ، ކަފާލާތުގެ ދަށުން ދޫކޮށްލުމުން އޭނާ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި ކަފާލާތުގެ މުއްދަތު ހަމަވުމުން ވެސް އޭނާ ވަނީ ގައުމަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ.

ޕާކިސްތާނުގެ ތާރީޚުގައި އެއްވެސް ބޮޑުވަޒީރަކަށް އަދި ވެރިކަމުގެ ދައުރު ފުރިހަމަ ކުރެވިފައި ނުވެއެވެ. ނަމަވެސް އިމްރާން ޚާނަކީ އެގައުމުގައި އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރެވެ.

comment ކޮމެންޓް