ސިޓީގައި އިންޑިއާ އައުޓް ޖަހާފައި އޮތުމުން، ޕީޕީއެމަށް ދަރުސް ދިނުމުގެ ހުއްދަ ނުދިން

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ޕީޕީއެމް

ދީނީ ދަރުސް ދިނުމުގެ ހުއްދައަށް އެދި އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕް ޖަހައިފައި އޮތުމުން ދަރުސް ދިނުމުގެ ހުއްދަ ނުދިން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ސިޔާސީ ޕާޓިތަކަށް ދީނީ ދަރުސް ދެވޭނެ ކަމަށް މިނިސްޓްރީން އިއުލާނުކުރުމާއެކު، ސިޓީއަކުން މިނިސްޓްރީގައި އެކަމަށް އެދިފައިވާނެ ކަމަށެވެ.

"އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަޅުގަނޑުމެން ސިޓީއަކުން ދެންނެވިން، ކިންގް ސަލްމާން މިސްކިތުގައި މި ޕާޓީގެ ފަރާތުން ދީނީ ދަރުސް ޕްރޮގްރާމެއް ހިންގުމަށް ބޭނުންފުޅުވާ ކަމަށް، އިއްޔެ ސިޓީގައި އެދިފައިވާނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވާ ގޮތަށް،" ޝުޖާއު ވިދާޅުވިއެވެ.

މިނިސްޓްރީއަށް ސިޓީގެ ޖަވާބު ލިބިފައިނުވާތީ އިސްލާމިކް މިނިސްޓަރަށް ގުޅުއްވުމުން ޕީޕީއެމް ކޯލިޝަނުން ފޮނުވައިފައިވާ ސިޓީ، ސިޓީ ފޮނުވުމުގެ އާންމު އުސޫލުތަކާ ހިލާފުކަމަށް ވިދާޅުވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިނިސްޓަރު ވިދާޅުވީ އޭގެ ވަކި ސްޓޭމްޕެއް ޖަހައިފައި އިނީމާ ކަމަށް، އަޅުގަނޑު ދެންނެވިން އިންޑިއާ އައުޓް ސްޓޭމްޕް ސިޓީގައި އިނީމަތޯއޭ ތި ވިދާޅުވީ އުސޫލުތަކާ ހިލާފު ކަމަށް، ވިދާޅުވީ އާދޭހޭ، އަޅުގަނޑު ދެންނެވިން މިނިސްޓަރޭ އެއީ މިނިސްޓަރާ ބެހޭ ކަމެއް ނޫނޭ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އޭގެ ފަހުން މިނިސްޓަރުގެ ރާގު ބަދަލުވެ، ސަލްމާން މިސްކިތް ދެވެން ނެތް ކަމަށާއި އަދި ސިޔާސީ ޕާޓީތަކަށް ދަރުސް ދިނުމުގެ ހުއްދަ މިހާރު ނުދޭ ކަމަށް ވިދާޅުވި ކަމަށެވެ.

އަދާލަތު ޕާޓީއަށް އެކަނި އެ ފުރުސަތު ދެއްވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޝުޖާއު ވިދާޅުވީ ޕީޕީއެމަކީ ދީނީ ގޮތްޕެއް އޮންނަ ޕާޓީއެއް ކަމަށާއި ކޮންމެ ރޯދަ މަހެއްގައި ވެސް އެ ޕާޓީއިން އިހުޔާކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. އަދި މިނިސްޓްރީގައި ހުއްދައަށް އެދިފައިވާނީ އަދާލަތު ޕާޓީން ވެސް ލޯގޯ ޖަހައިގެން ދީނީ ދަރުސް ދިނުމުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ އެކި ގުނަވަންތަކުގައި ތިބި އެކި އިލްމުވެރިން މިއަދު ބޭނުންވޭ މި މައްސަރުގައި ދިވެހިންނަށް މުޖުތަމައަށް ތަފާތު ދީނީ ދަރުސްތައް ދޭން، އަޅުގަނޑުމެން ވަރަށް ހިތާމަކުރަން މި ފުރުސަތު ނުދެއްވާތީ،" ޝުޖާއު ވިދާޅުވިއެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް