ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ވަޒީރު، ޑރ. ޝަހީމް، ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޑރ. މާޖިދާ އެކު މަޝްވަރާ ކުރައްވަނީ --

ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީއާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި މަޝްވަރާކުރީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާއި، މުވައްޒަފުންނާއި، ޝަރީޢާ ބޯޑު ތަމްރީނު ކުރުމުގެ އިތުރުން ޒަކާތުގެ ބެހެނިވެރީންގެ ޝަރުޢީ މިންގަނޑުތަކާ ގުޅޭ ގޮތުން ކަމަށެވެ.

ކޮންމެ އަހަރަކު ޒަކާތު ހައުސް މެދުވެރިކޮށް ޔަތީމު ކުދިންނަށް ދާއިމީކޮށް މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ޝަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެކަމަކު އަހަރެއްގެ މައްޗަށް ކުއްޖަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ކޮން އަދަދަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މި ސަރުކާރުންނެވެ. އެއީ، ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ގޮތުން މާޗު 2024ގައި 52 މީހަކަށް ޒަކާތު ފަންޑުން ވަނީ އެހީ ދޫކޮށްފައެވެ.

މާޗުގައި ޒަކާތު ފަންޑުން އެހީ ދީފައި ވަނީ މައިގަނޑު ހަތަރު ކަމަކަށެވެ. އެއީ:

  • ކެންސަރު: 190،822.50 ރުފިޔާ
  • ސިކުނޑީގެ އޮޕްރޭޝަން: 180،407.19 ރުފިޔާ
  • ހިތުގެ އޮޕްރޭޝަން: 8،482.00 ރުފިޔާ
  • ޓްރާންސްޕްލާންޓް: 25،443.00 ރުފިޔާ

އަދި އެހެނިހެން ޚަރަދުތަކަށް މި ފަންޑުން 227،872.50 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

comment ކޮމެންޓް