ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގައި ހިއްސާވާ، މި ޤައުމުގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ރިއާ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅުވައިގެން ބަންގްލަދޭޝްގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމާއީ އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ރައީސްއާ ބަންގްލަދޭޝްގެ އައު ސަފީރު ވަނީ ދާދިފަހުން ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅު ތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް، ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކޮވިޑުގެ ވެކްސިން ދިނުމުގެ ކަންކަމާއި މީހުން ބިނާ ކުރުމާއި ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ އިތުރުން ތައުލީމީ ދާއިރާއާއި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެއްބާލުން ފަދަ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.
"ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އެބައޮތް. އަދި ރާއްޖޭގެ އިޤުތިސާދީ މަސައްކަތްތަކުގައި ހިއްސާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އެ ޤައުމުގެ ރައްޔިތުންނަށް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެއްވެސް ތަފާތު ކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވުމާއި އަދި ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ވެސް ސަފީރު ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ސަފީރު ވަނީ ދެ ޤައުމުގެ ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.