ނިއުކްލިއާ އިންޖީނުގެއާ ގުޅުންހުރި ޚިޔާނާތުގެ ތުހުމަތުތައް ޙަސީނާގެ އާއިލާއިން ދޮގުކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚު ޙަސީނާގެ ދަރިކަލުން ސަޖީބު ވަޒީރު ޖޯއި. އެ އާއިލާއަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ސަޖީބު ވަނީ ދޮގުކޮށްފައި. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްގައި ރަޝިއާގެ އެހީގައި ހަދާ ނިއުކްލިއާ އިންޖީނުގެއާ ގުޅުން ހުރި ފަސް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތު، ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ޙަސީނާގެ ދަރިކަލުން ސަޖީބު ވަޒީރު ޖޯއި ދޮގު ކުރައްވައިފިއެވެ.

ސަޖީބު އެގޮތަށް ވިދާޅުވީ އެ މައްސަލައިގައި ޙަސީނާއާ އާއިލާގެ މައްޗަށް ތަހުގީގު ފަށާފައި ވަނިކޮށެވެ. ހަސީނާގެ އިތުރުން ހަސީނާގެ ދަރިކަލުން ސަޖީބުގެ ދެބެންގެ ދެދަރި އަންހެން ކޮއްކޮއެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ސަރުކާރުގެ ވަޒީރު ޓިއުލިޕް ރިޒްވާނާ ސިއްދީގާ ވެސް މި މައްސަލައިގައި ސުވާލުކުރަން ވަނީ ނިންމާފައެވެ.

"މިއީ މުޅިން ދޮގު ތުހުމަތުތަކާއި ސްމީއާ ކެމްޕޭނެއް. އަހަރެންގެ އާއިލާ ވެސް އަދި އަހަރެން ވެސް ދުވަހަކުވެސް ސަރުކާރުގެ އެއްވެސް މަޝްރޫއުއެއްގައި ބައިވެރިވެފައި ނުވަތަ ފައިސާއެއް ނަގާފައެއް ނުވާނެ." އެމެރިކާގައި ދިރިއުޅުއްވާ ސަޖީބު ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމާގެ ތަރުޖަމާނަކު ވިދާޅުވީ ޓިއުލިޕްވެސް ވަނީ އެ މައްސަލައިގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް އިންކާރު ކުރައްވާފައިވާފައެވެ.

އެ މައްސަލަ ބަލަން ހައި ކޯޓުން އެންގީ ޙަސީނާގެ ސިޔާސީ ވާދަވެރިޔާ، ނޭޝަނަލިސްޓް ޑިމޮކްރެޓިކް މޫވްމަންޓް ޕާޓީގެ ޗެއާމަން ބޮބީ ހައްޖާޖް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ނިއުކްލިއާ އިންޖީނުގެއެއް ހެދުމަށް އެ ގައުމުގައި މި މަސައްކަތް ކުރަނީ 12.65 ބިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. މީގެ 90 ޕަސެންޓަކީ ލޯނެވެ.

ބަންގްލަދޭޝްއަކީ ނިއުކްލިއާ އިންޖީނުގެއެއް ހަދާ ދެކުނު އޭޝިއާގެ ފުރަތަމަ ގައުމެވެ.

އޮފްޝޯ އެކައުންޓްތައް މެދުވެރިކޮށް ޙަސީނާ އާއި ސަޖީބު އަދި ޓިއުލިޕް ޖުމްލަ ފަސް ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް މައްސަލަ ބަލާ ޕެނަލުން ބުނެފައިވެއެވެ.

ޝަރުއީ މަރުހަމާ ފެށުމަށް ޙަސީނާ އަނބުރާ ގައުމަށް ފޮނުވައި ދިނުމަށް އެދި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އިންޑިއާއަށް ޑިޕްލޮމެޓިކް ނޯޓެއް ފޮނުވައިފިއެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ން ވަނީ ޙަސީނާ އާއި އޭނާގެ ވަޒީރުންނާއި އެޑްވައިޒަރުންނާއި ކުރީގެ އަސްކަރީ އަދި ސިވިލް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް މިދިޔަ އޮކްޓޫބަރު މަހު ނެރެފައެވެ.

އޭގެފަހުން ނޮވެމްބަރު މަހު ބަންގްލަދޭޝްއިން ވަނީ ޙަސީނާ ހައްޔަރު ކުރުމަށް އިންޓަޕޯލްގެ އެހީތެރިކަން ހޯދާނެ ކަމަށް ވެސް ބުނެފައެވެ.

ފަނަރަ އަހަރުވީ ޙަސީނާގެ ވެރިކަން ވެއްޓުނީ ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްވެ ތިބެ ގެނައި އިންގިލާބަކަށްފަހު މިދިޔަ އޮގަސްޓު މަހުއެވެ. ވެރިކަން ވެއްޓުމާއެކު އެކަމަނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް