ޔޫރަޕަށް ދަތުރުކުރެވޭ މޯލްޑިވިއަންގެ އާ ބޯޓު މިއަދު ގެންނަނީ؛ އެއާ ޝޯއެއް ވެސް އޮންނާނެ

މޯލްޑިވިއަންގެ އާ ބޯޓް ދައްކާލުމަށް މިއަދު އެއާ ޝޯއެއް -- މޯލްޑިވިއަން

މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު ދައްކާލަން މިއަދު ހަވީރު 17:00 އިން 17:30 އަށް މާލޭގެ އުސްފަސްގަނޑާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު އަތިރިމަތީގައި އެއާޝޯއެއް ބާއްވަން ނިންމައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން މިއަދު ރާއްޖެއަށް ގެންނަނީ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މި މަތިންދާބޯޓު ރާއްޖެއަށް އަންނަނީ ސިންގަޕޫރުން ފުރައިގެންނެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. މި އެއާކްރާފްޓްތަކުން ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެކަމަށް މޯލްޑިވިއަންއިން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވިއަންއިން ބުނީ، ވައިޑް ބޮޑީ އެއާކްރާފްޓުގެ އިތުރު އެއާކްރާފްޓެއް ވެސް ގެންނަން ނިންމާފައިވާ ކަމަށެވެ.

މި އަހަރު ތެރޭގައި ޗައިނާއާއި ޔޫރަޕްގެ މަންޒިލުތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށަން ވަނީ ނިންމައިފައެވެ. އާ ބޯޓުތަކާ އެކު އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފަށަން މޯލްޑިވިއަންއިން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީއެއް ހިމެނެއެވެ.

މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާއާއި ސައުތު އެފްރިކާއަށް ދަތުރުކުރި ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓްކޮށްގެންނެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނޭ ކަމަށާއި ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތައް ކަމަށާއި ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށަށެވެ.

comment ކޮމެންޓް