ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ފިލާވަޅެއް

މަދީނާގައި ކީރިތި ރަސޫލާ އުފެއްދެވި އިސްލާމީ ދައުލަތަކީ، ރައްޔިތުންގެ ރުހުމާއި ޤަބޫލާއި އެދުމާ އެކު ދައުލަތެއް އުފައްދައި ވުޖޫދަށް ގެނައުމުގައި ތާރީޚުން ފެންނަ ލާމަސީލު މިސާލެއް.

ވަރަށް ގިނަ ޢިލްމުވެރީންގެ، ޚާއްޞަކޮށް އިސްލާމީ ޢިލްމުވެރީންގެ، ނަޒަރުގައި ދުނިޔޭގައި ފެނުނު އެންމެ ފުރަތަމަ ދުސްތޫރަކީ، އަދި "ޤާނޫނުއަސާސީ" މި އިޞްޠިލާޙުން ސިފަ ކުރެވޭނެ އެންމެ ފުރަތަމަ ވަޘީޤާޔަކީ، ނަބީކަން ޚަތިމު ކުރެއްވެވި ލޮބުވެތި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައި މަދީނާގެ އިސްލާމީ ދައުލަތް އެކުލަވައިލެއްވެވި އިރު، އެކަށައެޅުއްވި މުޢާހަދާއެކެވެ.

ކީރިތި މާތް ނަބިއްޔާ މައްކާ ދޫ ކުރައްވައި، މަދީނާޔަށް ހިޖުރަ ކުރެއްވެވީ 622 މ. ގައެވެ. އެއީ، އިތުރު އެކަލޭގެފާނާއި، އެކަލޭގެފާނަށް ތަބަޢަ ވެވަޑައިގެން ތިއްބެވި މުސްލިމުން މައްކާގެ މުޝްރިކުންގެ ނިހާއީ އަނިޔާވެރިކަމާއި ޡުލްމުވެރިކަން ތަޙައްމަލު ކުރައްވާތާ އަހަރުތަކެއް ވެއަތު ވެގެން ދިޔަ ފަހުން، މަދީނާގެ އަހުލުވެރީންގެ ވަފުދުތަކެއް ސިއްރިޔާތުގައި އިތުރު އެކަލޭގެފާނާ ބައްދަލު ކޮށް، އެކަލޭގެފާނަށް ބައިޢަތު ހިފައި، މުސްލިމުންނާއިގެން މައްކާ ދޫ ކުރައްވައި މަދީނާޔަށް ހިޖުރަ ކުރެއްވުމަށް އެކަލޭގެފާނަށް ދަޢުވަތު އެރުވުމާ ގުޅިގެންނެވެ. މަދީނާގެ ވަފުދެއްގެ ބެއިފުޅުން އެންމެ ފުރަތަމަ ފަހަރަށް ކީރިތި ނަބިއްޔާއަށް ބައިޢަތު ހިއްޕެވީ 621 މ. ގައެވެ. ދެވަނަ ވަފުދެއްގެ ބެއިފުޅުން ޖެހިގެން އައި އަހަރު، 622 މ. ގައި، އިތުރު އެކަލޭގެފާނުގެ އަރިޔަހަށް ވަޑައިގެން ބައިޢަތު ހިއްޕެވިއެވެ. ޢަޤަބާގެ ދެ ބައިޢަތު ގެ ގޮތުގައި އިސްލާމީ ތާރީޚުގައި މަޝްހޫރު ވެފައި ވާ މި ދެ ބައިޢަތަށް ފަހު، އިތުރު މާތް ނަބިއްޔާ މައްކާ ދޫ ކުރައްވައި މަދީނާޔަށް ހިޖުރަ ކުރެއްވީއެވެ. 622 މ. ގެ ޖޫން މަހުގެ ތެރޭގައެވެ.

މަދީނާޔަށް ވަޑައިގެން، އެ ޝަހަރުގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވުމުގެ މަސައްކަތްޕުޅުގައި، އިތުރު މާތް ނަބިއްޔާ ކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ ކުރީން އިޝާރާތް ކުރެވުނު މުޢާހަދާ ވުޖޫދަށް ގެންނެވުމެވެ. އެ މުޢާހަދާ އަކީ މަދީނާގެ އިސްލާމީ ދައުލަތް އިޢުލާން ކުރެއްވުމުގައި، އެ ދައުލަތުގެ މެންބަރުން ކަމުގައި ހިމެނުނު މައްކާގެ މުސްލިމުންނާއި، މަދީނާގެ މުސްލިމުންނާއި، އަދި މަދީނާގައި ދިރިއުޅެމުން ދިޔަ ޔަހޫދީން ފަދަ ޣައިރު މުސްލިމުންގެ ކިޔާނެސިޔާސީއެއް – "ޕޮލިޓީ" އެއް ނުވަތަ ދައުލަތެއް – އުފެއްދުމާ މެދު އެއްބަސްވެވުނު އުޞޫލުތަކާއި ހަމަތައް އިޢުލާން ކުރެއްވުމުގެ ގޮތުން ކީރިތި ނަބިއްޔާ، އެ ހުރިހައި ފަރާތްތަކެއް އެއްބަސް ވާ ވަލިއްޔުލްއަމްރުގެ ޙައިޘިއްޔަތުން، ނެރުއްވެވި ޤަރާރެއް ކަމުގައި ވެސް ދެންނެވިދާނެއެވެ. އެ ޤަރާރު ނުވަތަ މުޢާހަދާ އިސްލާމީ ތާރީޚުގައި މަޝްހޫރު ވެފައި ވަނީ "މީޘާޤުލް މަދީނާ" އާއި، "ޞަޙީފާ އަލްމަދީނާ" އާއި، "ދުސްތޫރުލް މަދީނާ" މި ނަންތަކުންނެވެ.

ދުސްތޫރުލް މަދީނާ އާ ބެހޭގޮތުން އިސްލާމީ ޢިލްމުވެރީން ވަރަށް ގިނަ ބަޙުޘްތައް ކުރައްވައިފައި ވެއެވެ. އެ ބެއިފުޅުންގެ ގާތްގަނޑަކަށް އިއްތިފާޤީ ވިސްނުންފުޅަކީ، އެއީ ދުނިޔޭގެ ފުރަތަމަ ދުސްތޫރު ނުވަތަ "ޤާނޫނުއަސާސީ" ކަމުގެ ވިސްނުންފުޅެވެ. ސަބަބަކީ، އެ މުޢާހަދާއިން އިސްލާމީ ދައުލަތުގެ ރައްޔިތުންނާއި ސަރަޙައްދު ކަނޑައެޅުމާއި، ދައުލަތް ހިންގުމުގެ ނިޒާމުގެ އަސާސީ އެންމެހައި އުޞޫލުތައް ކަނޑައެޅުމާއި، ދައުލަތުގެ ދިފާޢީ ކަންކަމުގެ އަސާސީ އުޞޫލުތައް ކަނޑައެޅުން ފަދަ، ޤާނޫނުއަސާސީއަކުން އަސާސީ ގޮތެއްގައި ކުރާ އެންމެހައި ކަންކަން ކުރެވިފައި ވުމެވެ. ހަމައެހެންމެ، ޢިލްމީ ހަމަތަކުގެ މަތީން ބަލާ އިރު، އެ މުޢާހަދާޔަކީ ދައުލަތެއް އުފެއްދުމަށް ޓަކައި، އެ ދައުލަތުގެ މެންބަރުންގެ މެދުގައި އިންސާނީ ތާރީޚުގައި ލިޔުމަކުން ވެވުނު ފުރަތަމަ "އިޖުތިމާޢީ ޢަޤްދު" ނުވަތަ "ސޯޝަލް ކޮންޓްރެކްޓް" ކަމުގައި ވެސް ދެންނެވިދާނެއެވެ. ފަހެ، ދައުލަތެއް ވުޖޫދު ވުމުގެ އިބްތިދާއީ އަސާސަކީ އެ ދައުލަތުގެ ރައްޔިތުންގެ މެދުގައި ވެވޭ "އިޖުތިމާޢީ ޢަޤުދެއް" ކަމުގެ ފިކުރު، ޔޫރަޕުގެ ޢަޞްރު ތަންވީރު ނުވަތަ "އޭޖް އޮފް އެންލައިޓްންމަންޓް" ގެ ދުވަސްވަރު ފައުޅު ކުރެއްވި މުހިއްމު ފަލްސަފާވެރީން ކަމުގައި ވާ ތޯމަސް ހޯބްސް އާއި، ސެމިޔުލް ޕޫފެންޑޯރފް އާއި، ޖޯން ލޯކް އާއި، ޖީން-ޖެކްސް ރޫސޯ ފަދަ ބެއިފުޅުން އެ މަޞްދަރަކުން ނެންގެވި އެއް މަޞްދަރަކީ "ދުސްތޫރުލް މަދީނާ" ކަމުގައި ވާނެ ކަމަށް މެނުވީ ޤަބޫލެއް ނުކުރެވެއެވެ. އެ ބެއިފުޅުންގެ މި ފިކުރުގެ އެންމެ މުހިއްމު މަޞްދަރަކީ އެއީ ކަމުގައި ވުން ވެސް އެކަށީގެން ވެއެވެ.

މަދީނާގެ އިސްލާމީ ދައުލަތް ޤާއިމު ކުރެއްވުމުގެ ކަންކަމުގައި އެ ދައުލަތުގެ ރައްޔިތުން ޝާމިލު ކުރައްވައި، އެ ރައްޔިތުންގެ ރުހުމާއި ޤަބޫލު ނުވަތަ "ކޮންސެންޓް" އެކަމުގައި ހޯއްދެވި ހޯއްދެވުމަކީ، އިތުރު މާތް ނަބިއްޔާގެ ހަހުރަވެތި ސުންނަތުން ދެއްކެވި ވަރަށް މަތިވެރި ނަމޫނާއެކެވެ. ދުނިޔޭގެ ތާރީޚުގައި އެއިގެ ކުރީން އެފަދަ ނަމޫނާއެއް ފެނިފައި ނުވާ ނަމޫނާއެކެވެ. ޙަޤީޤަތުގައި، އެއީ ތާރީޚުގެ މުޢްތަބަރު ޞަފުޙާތަކުން ފެންނަ، ރައްޔިތުންގެ ރުހުމާއި ޤަބޫލުގެ މައްޗަށް ދައުލަތެއް އުފެއްދުމުގެ ފުރަތަމަ މިސާލެވެ. ސްކޮޓްލޭންޑުގެ މަޝްހޫރު ފަލްސަފާވެރިޔާ ޑޭވިޑް ހިޔުމް އޭނާގެ އޮފް ދި އޮރިޖިނަލް ކޮންޓްރެކްޓް ގެ ނަން ދެވުނު ރިސާލާގައި ވިދާޅުވި ފަދައިން، އިންސާނީ ތާރީޚުގައި ދައުލަތްތައް އުފެދިފައި ހުރި ގޮތަށް ބަލައި ދިރާސާ ކޮށްލުމުން، އަބަދުވެސް ފެންނަނީ "ފޭރިގަތުމެއްގެ ތެރެއިން، ނުވަތަ ގަދަބާރުން ތަނެއް ފަތަޙަ ކޮށް ހިފައިގަނެގެން، ނުވަތަ މި ދެ ގޮތުން" ދައުލަތްތައް ބިނާ ކުރެވުނު މަންޒަރެވެ. ޑޭވިޑް ހިޔުމްގެ ތަޢައްޞުބުގެ ސަބަބުން، ނުވަތަ އޭނާގެ މަޢުލޫމާތުގެ އުނިކަމުގެ ސަބަބުން، ނުވަތަ އޭނާގެ ރިސާލާ ކުރު ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން، އޭނާ ވަނީ އިސްލާމް ދީނުގެ ނަބިއްޔާ ދައުލަތެއް އުފެއްދެވުމުގައި ދެއްކެވި މަތިވެރި ނަމޫނާގެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކަވައި ދޫ ކޮށްލައްވައިފައެވެ. ނަމަވެސް އިންކާރު ނުކުރެވޭނެ ޙަޤީޤަތަކީ، މަދީނާގައި ޤާއިމު ކުރެވުނު އިސްލާމީ ދައުލަތަކީ ރައްޔިތުންގެ ރުހުމާއި ޤަބޫލާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ބައިވެރިވުމާ އެކު ދައުލަތެއް ޤާއިމު ކުރުމުގެ އެންމެ ރިވެތި އަދި އެންމެ ހެޔޮ ނަމޫނާ ކަމެވެ. މި ސަބަބާއި، އަދި އެހެނިހެން އެތައް ސަބަބުތަކަކަށް ޓަކައި، ދުނިޔޭގެ ތާރީޚުގައި އުފެއްދުނު ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ ގޮތުގައި ޝަރްޢިއްޔަތު ލިބުނު ދައުލަތަކީ ވެސް އެއީ ކަމުގައި ދަންނަވާން ޖެހެއެވެ.

އެއްވެސް ޝައްކަކަށް، އޮޅުމަކަށް، ނުވަތަ ބަޙުޘަކަށް ޖާގަ ނެތެވެ. ކީރިތި މާތް ނަބިއްޔާ މަދީނާގެ އިސްލާމީ ދައުލަތް އުފެއްދެވުމުގައި، އެ ދައުލަތުގެ ދުސްތޫރީ ނިޒާމު އޮންނާނެ ގޮތް ދައުލަތުގެ ރައްޔިތުންގެ މަޝްވަރާ އާ އެކު، ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި، އަދި ލިޔެވިގެން ވާ ޤާނޫނީ-ސިޔާސީ ވަޘީޤާއެއްގެ ޒަރީޢާއިން ބަޔާން ކުރައްވައި އެކަށައެޅުއްވި އެކަށައެޅުއްވުމުން ވެސް ދައްކުވައިދެނީ، ހަރުދަނާ ދައުލަތެއް ބިނާ ކުރުމަށް ޓަކައި ރަނގަޅު ދުސްތޫރީ ނިޒާމެއްގެ – ރަނގަޅު ޤާނޫނުއަސާސީއެއްގެ – މުހިއްމުކަމެވެ.

ދެން، ކީރިތި މާތް ނަބިއްޔާގެ ސުންނަތާ ޚިލާފަށް، މި ޒަމާނުގައި "އިންސާނީ ޙައްޤުތައް" އަދި "ޖުމްހޫރިއްޔަތު" އާއި "ދީމިޤްރާޠިއްޔަތު" ފަދަ މަފްހޫމުތަކާއި އިޞްޠިލާޙުތަކުން ދިދަ އާއި ޝިޢާރުތައް އުފުލާ މީހުންގެ ތެރެއިން މިސާލަކަށް ބަލައިލަމާ ހިންގަވާށެވެ!

ދުނިޔޭގައި ދައުލަތްތައް އުފެދިފައި ހުންނަނީ "ފޭރިގަތުމެއްގެ ތެރެއިން، ނުވަތަ ގަދަބާރުން ތަނެއް ފަތަޙަ ކޮށް ހިފައިގަނެގެން، ނުވަތަ މި ދެ ގޮތުން" ކަމަށް، ސްކޮޓިޝް ފަލްސަފާވެރިޔާ ޑޭވިޑް ހިޔުމް ވިދާޅުވާ ބަސްފުޅުގެ އެންމެ ރީތި އެއް މިސާލަކީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތަކީ، ގަދަބާރާއި ފޭރުމާއި މަކަރު ޙީލަތުގެ ތެރެއިން، ޔޫރަޕުގެ ދޮން މީހުން އުތުރު އެމެރިކާގެ ބިން ފޭރިގަތުމަށް ފަހު، އެ ފޭރުމުގެ ތެރެއިން އުފެދުނު ދައުލަތެކެވެ.

ޔޫރަޕުގެ ލަޝްކަރުތައް އުތުރު އެމެރިކާ ބައްރަށް އަރައިގަތުމުގެ ސިލްސިލާ ފެށުނީ 1565 މ. ގައި ސްޕޭނުގެ ހަނގުރާމަވެރީން މިހާރުގެ ފްލޮރިޑާއަށް އެރި ހިސާބުންނެވެ. 1587 މ. ގައި އިނގިރޭސީންގެ ފުރަތަމަ ކޮލޮނީ މިހާރުގެ ވަރޖީނިޔާގައި ޤާއިމު ކުރެވުނެވެ. 1608 މ. ގައި ފަރަންސޭސީން މިހާރުގެ ކެނެޑާގެ ކިޔުބެކް ފަރުވިންސުގައި އެމީހުންގެ ކޮލޮނީއެއް ބިނާ ކުރިއެވެ. ހޮލެންޑުގެ އިސްތިޢުމާރީ ޖަމާޢަތްތައް 1609 މ. ގައި މިހާރުގެ ނިއު ޔޯރކަށް ފެއިބިއެވެ. ދެން އައި ދަހަތަކުގައި، ޔޫރަޕިޔަނުން ވަނީ އެއްވެސް ރަޙްމެއް، ހަމްދަރުދީއެއް، ހަމައެއް، އިންޞާފެއް ނުބަލައި، އުތުރު އެމެރިކާގެ އަޞްލު ވަޒަންވެރީން މަރައި، އެމީހުންގެ ބިންތައް ފޭރުމުގެ ދިގު ސިލްސިލާއެއް ހިންގައިފައެވެ. މި ޤަތުލުޢާއްމުތަކުގައި، އެއިރު އުތުރު އެމެރިކާގެ ގާތްގަނޑަކަށް ފައްސަތޭކަ ވަރަކަށް އާބާދީގައި ތިބި މަދު ވެގެން ދިހަ ވަރަކަށް މިލިޔަން މީހުންގެ އައްޑިހަ އިންސައްތަޔާއި ނުވަދިހަ އިންސައްތަޔާ ދެމެދުގެ މިންވަރެއް ވަނީ ފަނާ ކޮށްލެވިފައެވެ.

ޔޫރަޕު މީހުން މި ދެންނެވި ޤަތުލުޢާއްމުތައް ހިންގައިފައި ވަނީ އިންތިހާ ދަރަޖައިގެ ވަޙުޝީ އަދި އަނިޔާވެރި ގޮތްގޮތަށެވެ. އެއް މިސާލަކީ، އިނގިރޭސީން އެމެރިކާގެ އަޞްލު ވަޒަންވެރީންނަށް ކަށިވިދުރީގެ ޖަރާސީމު ހުރި ރަޖާތައް ފޮނުވައިގެން، އެމީހުންގެ ތެރޭގައި ކަށިވިދުރި ފަތުރައިގެން އެތައް ލައްކަ ބަޔަކު ފަނާ ކޮށްލި ގޮތެވެ.

އިނގިރޭސީން އެންމެ ފުރަތަމަ ހިފީ އުތުރު އެމެރިކާގެ އުތުރުއިރުމަތީ އައްސޭރީގައި ހުރި ސަރަޙައްދުތަކެވެ. އެއީ އެމެރިކާގައި އިނގިރޭސީން ޤާއިމު ކުރި ފުރަތަމަ ތޭރަ ކޮލޮނީއެވެ. އިނގިރޭސި ރަސްކަމާ ދެކޮޅަށް ހަތިޔާރު އުފުލައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތް 1776 މ. ގައި އިޢުލާން ކުރީ ވެސް މި ތޭރަ ކޮލޮނީގެ ރައްޔިތުންނެވެ. އެމެރިކާގެ ދައުލަތް އުފެދުމަށް ފަހު، އެ ދައުލަތުން އުތުރު އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތައް މަޑުމަޑުން ފޭރެމުން، ގަދަބާރުންނާއި މަކަރުޙީލަތުން އަތުލަމުން ގޮސް، މިހާރުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބޮޑުމިނަށް އެ ޤައުމު ބޮޑު ކޮށްފައި ވަނީ ވިހިވަނަ ޤަރުނު ފެށުނު ހިސާބުގައެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތް އިޢުލާން ކުރުމަށް ފަހު، ލަސްތަކެއް ނުވެ، ޔުނައިޓެޑް ސްޓޭޓްސްގެ ޙުކޫމަތުން ވަނީ އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތައް ފޭރުމުގެ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި ފަށައިފައެވެ. އެއީ 1787 މ. ގެ ނޯރތުވެސްޓް އޯރޑިނެންސް އާ ހަމައިންނެވެ. ޖޭމްސް މޮންރޮއިގެ ރިޔާސަތުގެ ދަށުން، 1820 ގެ އަހަރުތަކުގެ ތެރޭގައި، އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތައް ފޭރިގަތުމަށް ޓަކައި މަޝްހޫރު ކެލްހޫން ޕްލޭން އެކުލަވައިލެވުނެވެ. 1830 މ. ގެ އިންޑިޔަން ރިމޫވަލް އެކްޓް ޤާނޫނުގެ ދަށުން މި ޕްލޭން ތަންފީޛު ކުރެވޭން ފެށިއެވެ. ދުނިޔެ ދުށް އެންމެ އަނިޔާވެރި އަދި އެންމެ ހަމައެއްނަމައެއް ނެތް ބިން ފޭރުމުގެ ސިލްސިލާގެ ތެރެއިން، ޔޫރަޕުގެ މީހުން، ޚާއްޞަކޮށް އިނގިރޭސީން، އުތުރު އެމެރިކާގެ ވަޒަންވެރީންގެ ބިންތައް ފޭރިގަނެ އެ ބިންތަކުގައި މިއަދުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އުފެއްދި ގޮތުގެ ވާހަކަ ތަފްޞީލާ އެކު ރަސްލް ތޯރންޓަން އާއި، ޑޭވިޑް އީ. ސްޓެނަރޑް އާއި، ވޯރޑް ޗަރޗިލް ފަދަ ލިޔުންތެރީންގެ ފޮތްތަކާއި މަޒުމޫނުތަކުގައި ވަނީ ބަޔާން ކުރެވިފައެވެ.

މިއީ ތާރީޚެވެ. މިއީ ތާރީޚީ ޙަޤީޤަތެވެ. އަޅުގަނޑުމެން ބުއްދިތައް ބޭނުން ކުރާންވީ މި ޙަޤީޤަތްތަކާއި، މި ޙަޤީޤަތްތަކުން ލިބިދޭ ދަރުސްތަކާއި ޢިބުރަތްތައް ދެނެގަތުމަށް ޓަކައެވެ. ވިސްނައިލަމާ ހިންގަވާށެވެ! އިންސާނީ ޙައްޤާއި ޢަދުލުއިންޞާފާއި ތަހުޒީބާއި ޝަރުޢިއްޔަތުގެ ވާހަކަ ދެއްކޭނީ މުޙައްމަދު ނަބީ ކަލޭގެފާނަށް ތަބަޢަ ވާ މީހުންނަށްތޯއެވެ؟ ނުވަތަ އެމެރިކާ އާއި އެމީހުންގެ ބައިވެރީންނަށްތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް