މަތިވެރިއާއި ރޯދަމަސް 1

އއ. މަތިވެރީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މިއަހަރު ރައްޔިތުންނަށް ބޭއްވި މާހެފުން -- ފޮޓޯ/ މަތިވެރީ ކައުންސިލް

ރޯދަމަހަކީ މުސްލިމުންނާ ބައްދަލުކުރާ އެންމެ ޚާއްޞަ އެއް މަހެވެ. މި މަހަކީ ކެއިން ބުއިމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަ މަހެކެވެ. މި ބަދަލުތައް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފެނެއެވެ. އެހެންކަމުން މި ރޯދަމަހު، ސިލްސިލާކޮށް ގެނެސްދޭން މި ފަށަނީ، މީގެ އަހަރުތަކެއް ކުރީން އއ. މަތިވެރީގައި، ރޯދަމަހާ ގުޅިގެން ހިނގަމުން އައި ބައެއް ކަންކަމާ ގުޅޭ ވާހަކަތަކެވެ. އެ ގޮތުން މި ލިޔުން ޚާއްޞަކޮށްލާނީ ރޯދަމަހަށް ތައްޔާރުވުމަށް ޓަކައި އެ ރަށުގައި ކުރަމުން އައި ކަންތައްތަކުގެ މައްޗަށެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަސްވަރު، މަތިވެރީގައި އެންމެ ދުރާލައި ކުރާންފަށާ ކަމަކީ ކަރާދަނޑު ހެއްދުމެވެ. މަތިވެރީގެ ގޮއިބިމާއި ގޮއިބިމަށް ނުވާ ހުސް ބިންތަކުން، ކަރާދަނޑު ހެއްދުމަށް ޓަކައި، ރައްޔިތުންނަށް ބިން ދޫކުރެއެވެ. ދަނޑުބިން ބޭނުންވާ ހަމަ ކޮންމެ މީހަކަށް ވެސް ބިން ލިބެއެވެ. އެ ބިމަށް އެއްވެސް އަގެއް، އުޖޫރައެއް ދައްކާކަށް ނުޖެހެއެވެ.

ދަނޑުބިން ލިބުމުން ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބުނު ބިމުގައި، ދަނޑު ހެއްދުމުގެ މަސައްކަތް ފަށައެވެ. ރޯދަމަސް ފެށެންވާއިރަށް ކަރާ ކެނޑޭހައި މުއްދަތު އޮއްވާ، މަސައްކަތް ފަށައިގަނެއެވެ. އެ ގޮތުން ދިލައި، ސާފުކޮށް، ފަސްގަނޑުޖަހައި ކަރާއޮށް އިންދައެވެ. ކޮންމެ ދުވަހަކު ދެ އިރު ދަނޑަށް ގޮސް، ގަސްތަކަށް ފެންދީ، ވަރަށް ފަރުވާތެރިކަމާ އެކު، ދަނޑުގެ ކަންކަން ބަލަހައްޓަމުން ގެންދެއެވެ. ރޯދަމަސް ފެށޭއިރު، ހުންނަނީ ކަރާ އަޅައި، ދޮންވެ ފައްކާވެފައެވެ. ރައްޓެހިންނާއި ޢާއިލާގެ މީހުންނަށް ހަދިޔާކުރުމުގެ އިތުރުން، ބައެއް މީހުން ކަރާ ކަނޑައިގެން މާލެއަށް ގެންގޮސް ވިއްކައިގެން ޢާމްދަނީ ވެސް ހޯދައެވެ. ކަރާގެ އިތުރުން ބޮޑުކެކުރިއާއި ޒުވާރިއާއި ބިންބި ވެސް ބައެއް މީހުން ހައްދައި އުޅުނެވެ. މި މަސައްކަތަކީ ވަރަށް ފޯރިއާ އެކު، ދެ ޖިންސްގެ މީހުން ކުރި ބުރަ، އެހައިމެ މަންފާ ބޮޑު މަސައްކަތެކެވެ. ރޯދަމަހާ އެކު މި މަސައްކަތް ވެސް ނިމިގެންދާނެއެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގެއާއި ބަދިގޭގައި ހިފައިގެންގުޅޭ ތަކެތި ދޮވެ، ތާހިރުކުރުމަކީ ވެސް، އެ ދުވަސްވަރު ވަރަށް ބޮޑު އިސްކަމެއް ދީގެން މަތިވެރީގައި ކުރަމުން އައި ކަމެކެވެ. އެ ގޮތުން އެނދު އަށީގެ މަޅުތަކާއި ބަދިގޭގައި ބޭނުންކުރާ އުނދުޅި، ސަމުސާ، ދޭފަތް، ފިޔަން ފަދަ، ލަކުޑިން ހަދާފައި ހުންނަ ހުރިހައި ސާމާނެއް މޫދަށް ގެންގޮސް ދޮވެ ސާފުކުރެއެވެ. މި މަސައްކަތްކުރަނީ ރޯދައަށް ހަނދު ބަލަން ދެތިން ދުވަހަށް ވީމައެވެ. ބައެއް ގޭގޭގައި ހަނދުބަލާ ދުވަހުގެ ކުރީ ދުވަހު ވެސް، މި ކަންކުރެއެވެ. މިއީ ވަރަށް ބޮޑު ކުޅިވަރެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ. "މާފުންމާއެރުން" އޮންނާނީ މި ކަމާ ގުޅިފައެވެ. (މާފުންމާއެރުމަކީ މިހާރުގެ ބަހުން ނަމަ މާ ހެފުމެވެ. މަތިވެރީ މީހުން އޭރު ކިޔައިއުޅުނީ މާފުންމާއެރުމެވެ.)

ތަކެތި ދޮވެ ސާފުކުރަން ހަމަޖެހިފައި އޮންނަ ދުވަހުގެ ހެނދުނު ސައި ބޮއިގެން، އަވައްޓެރިން ބައިހަދާފައި، ކުދިވެރިން ވެސް ގޮވައިގެން ދާނީ މޫދަށެވެ. މަދަރުސާ ކުދިންނަށް މޫދަށް އެރުން، ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ޒަމާނެއްގައި، މިއީ އެ ކުދިންނަށް ވެސް އަންނަ އީދެކެވެ. އެހެންކަމުން މި ކަން ވަނީ، ކުދިވެރިންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށެވެ. ދޮންނަން ބޭނުންވާ ތަކެތި ހިފައިގެން މޫދަށް ގޮސް، ވެލިލައިގެން އުނގުޅައި ދޮވެ ސާފުކޮށްގެން ގެއަށް އާދެވޭނީ މެންދުރުން އަނބުރާފަހުންނެވެ. އަންނަ އިރު، އެންމެން ތިބޭނީ ވަރުބަލިވެ ލޮޑުވެފައެވެ. އަތްވާއި ލޮނަށް އަނދައި، ދެލިގަނޑަކަށް ވެފައެވެ. އެހެންނަމަވެސް މޫނުމަތިން ފެންނާނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ގެއާއި ގޯތިތެރެއަށް ކަށިވެލިލުމަކީ ވެސް އޭރުގެ ސަގާފަތުގެ ތެރެއިން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވެމުން އައި ކަމެކެވެ. އެ ދުވަސްވަރަކީ މިހާރު މި އޮންނަހެން، ގޭތެރޭގައި ތަޅުން އަޅައި، ތަށިމުށި ޖަހާފައި އޮންނަ ދުވަސްވަރެއް ނޫނެވެ. ގޭތެރެއަށް ވެސް ލާފައި އޮންނާނީ ހުދު ކަށިވެއްޔެވެ. ގޮނޑުދޮށުން ވެލިނެގުން މަނާ ދުވަސްވަރަކަށް ނުވާތީ، ކޮންމެ ރޯދަމަހަކާ ކައިރިވުމުން، ރަށުގެ ގޮނޑުދޮޑުދޮށުންނާއި މަތިވެރީ ފަޅުގައި އޮންނަ ފިނޮޅުން، ކަށިވެލި ނަގައިގެން ގެނެސް ގޭގޭގެއަށާއި ގިފިއްޔަށާއި ގޭ ދޮރުމައްޗަށް ދާންދެން ވެލިލައި، ރީތިކުރުމަކީ ހަމަ ކޮންމެ އަހަރަކު ވެސް ހިނގަމުން އަންނަ ކަމެކެވެ. މި ކަމުގައި އަންހެނުންނާއި ފިރިހެނުން ވަރަށް ފޯރިއާއެކު ބައިވެރިވާނެއެވެ. ބައެއް ފަހަރު އަވައްޓެރި ގޭގޭގެ އެންމެން ބައިހަދާފައި ވެސް މިކަން ކުރެއެވެ.

އެ ޒަމާނުގައި ބަދިގެއާއި ގިފިލި އަޅާފައި ހުންނާނީ ގެއާ ވަކިންނެވެ. މި ޒަމާނުގައި ހުންނަ ކަހަލަ ކާގެއެއް ގިނަ ގޭގެއަކު ނުހުންނާނެއެވެ. އެހެންކަމުން ކާގެއެއް ނެތް ހަމަ ކޮންމެ ގެއެއްގައި ވެސް، އެ ބަޔެއްގެ ވަރުން، ރޯދައަށް "ބަތްފިޔަފާޅި" އަޅާނެއެވެ. މި ފިޔަފާޅި އަޅާފައި ހުންނަނީ ގެއާއި ބަދިގެއާ ދޭތެރޭގައެވެ. ދަނޑިފަނުން އަޅާ މި ބަތްފިޔަފާޅީގައި، ކާތަށި އަތުރާނެ އަށްޓަކާއި ކާން އިށީންނާނެ އަށްޓެއް ހަދާނެއެވެ. މި އަށިތައް ހަދާފައި ހުންނަނީ، ބިމަށް މުޑިޖަހައި މަތީގައި ފިލާ އަޅައިގެންނެވެ. ބައެއް ގޭގޭގައި ފިލާގެ ބަދަލުގައި، އޮށި، ދިއްގާދަނޑި ފަދަ ތަކެތިއަޅައި ރޯނުން ނުވަތަ ވަކައިން ގަތާފައި ވެސް ހުރެއެވެ. މި ބަތްފިޔަފާޅިއަކީ ރޯދަވީއްލުމާއި ތަރާވީސްދަމާއި ހާރުދަމުގައި، ކެއިންބުއިމުގެ ކަންކަމަށް ބޭނުންހިފާ ތަނެކެވެ. މި ތަނަށް ވެސް ހުންނާނީ ކަށިވެލިލައިފައެވެ.

ރޯދައަށް ހަވާދުދެވުމަކީ ވެސް އެ ޒަމާނުގައި ހަމަ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. ހުނިގާނައިގެން ހަވާދުދަވައި، ދަގަނޑު ވަނަށް އަޅައިގެން ތަޅައި ހިމުންކޮށް، ދަޅުދަޅަށް އަޅައި ރޯދައަށް ހަވާދު ރައްކާކުރެއެވެ. މި މަސައްކަތަކީ އެތައް ވަގުތެއް ހޭދަވާ ބުރަ މަސައްކަތެކެވެ. އެހެންކަމުން އަވައްޓެރިންނާއި ރައްޓެހިންގެ އެހީތެރިކަން ކޮންމެ މީހަކަށް ވެސް މި މަސައްކަތުގައި ލިބެއެވެ. އެއް ގޭގައި ހަވާދު ދަވާއިރު، އަނެއް ގޭގެ މީހުން އެހީތެރިވާން ގޮސް އުޅެއެވެ. އެ ދުވަހުގެ ހަތަރުދަން ހޭދަވާނީ މި މަސައްކަތުގައެވެ. އެއީ ވެސް ފިސާރި ފޯރިއާއި މަޖަލާ އެކު، އަންހެންވެރިންގެ މެދުގައި ކުރެވޭ ކަމެކެވެ. މީގެއިތުރުން ރޯދައަށް ރިހާކުރު ތެއްލުމަކީ ވެސް އާންމުކޮށް އެ ޒަމާނުގައި ކުރަމުން އައި ކަމެކެވެ. ހާރަށް ކޮންމެހެން ވެސް ތެއްލިރިހާކުރު ހުންނާނާން ޖެހޭނެތީއެވެ.

މިއަދު ވެސް މަތިވެރީގައި ރޯދައަށް ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރެއެވެ. ހަވާދުދަވައެވެ. މަސްމިރުހާއި އަލުވިސަންބޯލާއި އެކި ކަހަލަ އަސާރައާއި މި ބާވަތުގެ ތަކެތި ތައްޔާރުކުރެއެވެ. އެހެންނަމަވެސް މި ލިޔުމުގައި ދެން ފާހަގަކޮށްފައި މިހިރަ ގިނަ ކަންކަން، ޒަމާނާ އެކު މަތިވެރީގެ ޖައްވުން ވަނީ ފިލައި ގޮސްފައެވެ. މާފުންމާއެރުން މާހެފުމަށް ބަދަލުވެ އެކަން ކުރާ ގޮތް ވެސް ބަދަލުވެއްޖެއެވެ. ޒަމާން ބަދަލުވެއްޖެއެވެ. ކަންކަން ފުރޮޅިއްޖެއެވެ. ތަރައްޤީއާއި ތަހުޒީބު އައިސް، މި ހުރިހައި ކަމެއް ނައްތާލައިފިއެވެ. މި ކަންކަމުގައި ހަރަކާތްތެރިވެ އުޅުނު ކާބަފައިންގެ ގަބުރާ އެކު ވަޅުލެވިއްޖެއެވެ.

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ދެއްވީ، އއ. މަތިވެރީ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބްރާހީމް ޝަރީފެވެ.

comment ކޮމެންޓް