ކަލާސް އެވޯޑުގެ އެއް ވަނަ ރަފާ ހޯދައިފި

ކަލާސް އެވޯޑުގެ އެއް ވަނަ ހޯދި ރަފާއަށް ނައިބު ރައީސް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ / ރައިސް އޮފީސް

ކަލާސް އެވޯޑުގެ އެއް ވަނަ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެކިޔުކޭޝަން (ސީއެޗްއެސްީ)ގެ ޓެބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ ޢައިޝަތު ރަފާ ނާޒިމް ހޯދައިފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދާ ކާމިޔާބީގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން, މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ އެވޯޑެކެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ.

މިފަހަރުގެ އެވޯޑު ދީފައިވަނީ 2019 އާއި 2020 ވަނަ އަހަރ ދަރިވަރުން ހޯދި ކާމިޔާބީތަކުގެ މައްޗަށެވެ.

ކަލާސް އެވޯޑުގެ އެއް ވަނަ ރަފާ ހޯދާފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ ބެޑްމިންޓަން ތަރި ނިބާލް އަޙުމަދާއި، އައްޑޫ ހައި ސްކޫލްގެ އެތްލެޓިކްސް ތަރި ހިމްނާ ޙަސަންއާ ވާދަކޮށެވެ.

އެއް ވަނަ ރަފާއަށް ލިބުނުއިރު، ދެ ވަނަ ލިބިފައިވަނީ ބެޑްމިންޓަން ތަރި ނިބާލަށެވެ. އަދި ތިން ވަނަ ލިބުނީ އެތްލެޓިކްސް ތަރި ހިމްނާއަށެވެ.

އެވޯޑު ހަފްލާގައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޢަލީ ދެއްވާ ޚާއްސަ އެވޯޑު ވެސް ދީފައެވެ. މި އަހަރުގެ އެ އެވޯޑު ލިބިފައިވަނީ ޣިޔާސުއްދީން ސްކޫލްގެ ނެޓްބޯޅަ ތަރި އަމްރާ މުޙައްމަދު އާމިރުއަށެވެ.

މީގެ އިތުރުން މި ޙަފްލާގައި ވަނީ 225 ދަރިވަރަށް 232 އެވޯޑު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ސްޕެޝަން އެވޯޑާއި، 81 ރަނަރސްއަޕް އެވޯޑު އަދި 99 ވިނަރސް އެވޯޑެވެ.

މިއަހަރުގެ ކަލާސް އެވޮޑުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުވެސް ދީފައެވެ. މިއީ ކަލާސް އެވޯޑު ބާއްވަން ފެށި ފަހުން ރައީސުލްޖުމްހޫރިއްޔާ މި އެވޯޑަށް އިނާމު ހުށަހެޅުއްވި ފުރަތަމަ ފަހަރެެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކުއްޖަކީ ވެސް ޤައުމަށްޓަކައި ޚިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށް ވުމަށް އަޒުމުކަނޑައެޅުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ.

comment ކޮމެންޓް