ފިކުރީ އަޅުވެތިކަމުން ސަލާމަތް ވުމަށް ޓަކައި

ބަދީޢުއްޒަމާން އިސްމާޢީލް އަލްޖަޒާރީ އަކީ މުސްލިމް ޕޮލިމެތެކެވެ. އޭނާ އަކީ ޒަމާނީ އިންޖިނޭރިންގ އާއި ރޮބޮޓިކްސްގެ ޙަޤީޤީ ބައްޕަ ކަމަށް ބުނެވިދާނެއެވެ. ނަމަވެސް މިފަދަ މުސްލިމް ޢިލްމުވެރީންގެ މަޢުލޫމާތު މުސްލިމް ދަރިވަރުންނަށް އިސްލާމީ މަދަރުސާތަކުގައި ކިޔަވައެއްނުދެވެއެވެ.

ހުޅަނގުގެ ފިކުރީ އިސްތިޢުމާރުގެ ނުމީސް އަޅުންތަކަކަށް މުސްލިމުން ވެފައި ވާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އަޅުގަނޑުމެންގެ މަދަރުސާތަކުގައި ހުޅަނގުގެ މުޤައްރަރުތަކަށް ކިޔަވައިދެމުން ދާދިޔުމާއި، އަޅުގަނޑުމެންގެ ދަރީން މަދަރުސީ ތަޢުލީމު ފުރިހަމަ ކުރުމަށް ފަހު ހުޅަނގުގެ އިމްތިޙާނުތައް ހަދާހެދުމެވެ. މައިގަނޑު ގޮތެއްގައި މި އިޝާރާތް ކުރަނީ ޔުނިވަރސިޓީ އޮފް ކެމްބްރިޖާއި ޔުނިވަރސިޓީ އޮފް ލަންޑަން ފަދަ ޔުނިވަރުސިޓީތަކުގެ މުޤައްރަރާއި އިމްތިޙާނުތައް ބޭނުން ކުރާކުރުމަށެވެ. މި ދަންނަވާ އެއްޗެއްގެ މާނަ އޮޅިދާނޭކަމަށް ޓަކައި، އެންމެ ފުރަތަމަ މުހިއްމު ނުކުތާއެއް ސާފު ކޮށްއެރުވޭތޯ މަސައްކަތް ކުރާނަމެވެ. މި ދެންނެވި ޔުނިވަރުސިޓީތަކަށް ބަދުބަސް ބުނުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުގެ ނެތެވެ. އެ ތަންތަނަށް ޙައްޤު ޤަދަރާއި އިޙުތިރާމު ވެސް ކުރަމެވެ. އަދި މުސްލިމުންގެ ދަރީން އެއިން ތަނަކުން ކޯހެއް ފުރިހަމަ ކުރުމަކީ އޭގެ ޒާތުގައި ގޯހެއް ކަމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަމެވެ. އަޅުގަނޑުމެންގެ މުސްލިމުންގެ ޔުނިވަރުސިޓީތަކުން، އެ ތަންތަނާ ގުޅިގެން ޢިލްމީ ދިރާސާތަކާއި މަސައްކަތްތައް ކުރުމަކީ ވެސް ހަމަ ވަރަށް ރަނގަޅު ކަމެއް ކަމަށް ދަންނަވާނަމެވެ.

މައްސަލައަކީ، އަޅުގަނޑުމެން މުސްލިމުންގެ އަމިއްލަ ޔުނިވަރުސިޓީތަކެއް ނެތުމެވެ. އަޅުގަނޑުމެންގެ ކިބައިގައި، އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދިނުމަށް ޓަކައި މުޤައްރަރުތައް އެކުލަވައިލުމުގެ ޢިލްމީ އަދި ދިރާސީ ޤާބިލިއްޔަތު ނެތުމެވެ. އެ ޤާބިލިއްޔަތު ހޯދުމުގެ މަސައްކަތް ނުކުރެވުމެވެ. އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދޭނޭ ފޮތްތައް ލިޔުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ނެތުމެވެ. އެކަން ކުރުމުގެ މަސައްކަތް ވެސް ނުކުރެވުމެވެ. އަޅުގަނޑުމެންގެ ދަރީންގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތައް އަމިއްލަޔަށް ތައްޔާރު ކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ނެތުމެވެ. އެކަމުގައި ހުޅަނގަށް ބަރޯސާ ވާން ޖެހުމެވެ. އަޅުގަނޑުމެންނާ ދީނީ ގޮތުންނާއި، ފިކުރީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އަދިވެސް އެހެން އެތައް ގޮތަކުން ތަފާތު ބަޔަކު، އެމީހުން ޤަބޫލު ކުރާ ޤަބޫލުކުރުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދައިފައި ހުންނަ މުޤައްރަރުތަކަކާއި ފޮތްތަކަކާއި އިމްތިޙާނުތަކެއް، ބޮޑު އަގު ދީގެން ބޭނުން ކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭ ތިބުމެވެ. ޢިލްމީ ގޮތުން އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ނުތެދުވެވިފައި ތިބޭތިބުމެވެ.

ޝައްކެއް ނެތެވެ. އެއްވެސް ފަރުދަކު އެހެން މީހުންގެ ތައްޕާހުން އުޅުމަކީ ހުތުރު އަދި ނިކަމެތި ކަމެކެވެ. ހަމަ އެފަދައިން، އުއްމަތެއްގެ ގޮތުގައި އަޅުގަނޑުމެން މުސްލިމުން އެހެން އުއްމަތްތަކާއި ޤައުމުތަކުގެ ތައްޕާހުން ޢިލްމީ މައިދާނުގައި ވެސް އުޅުމަކީ ހުތުރު އަދި ނިކަމެތި ކަމެކެވެ. ހަމައެކަނި ދީނީ ނަޒަރަކުން ނޫނެވެ. ޤައުމިއްޔަތުގެ ނަޒަރުން ވިސްނިޔަސް، އަޅުގަނޑުމެންގެ ޤައުމުގެ ޢިއްޒަތާއި ޝަރަފު ނިޔާ ކުރާ ގޮތަކީ ވެސް، އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި ފިކުރާއި ތާރީޚުގެ މައްޗަށް ބިނާ ކުރެވޭ މުޤައްރަރުތަކަކާއި ފޮތްތަކަކާއި އިމްތިޙާނުތަކެއް އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމުގައި ބޭނުން ކުރުމެވެ.

ބިދޭސީ ބައެއްގެ މުޤައްރަރާއި ފޮތްތަކާއި އިމްތިޙާނުތައް ބޭނުން ކުރުމުގެ ގެއްލުންތައް ގިނަގުނައެވެ. މައުޟޫޢަކީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭން ޖެހޭ މައުޟޫޢަކަށް ވާ ފަދައިން، އެ މައުޟޫޢެއްގައި ގިނަ ވާހަކަތަކެއް ވެސް ދެކެވިދާނޭ މައުޟޫޢެކެވެ. ނަމަވެސް މި ކޮލަމުގައި އަޅުގަނޑު މުޅި މައުޟޫޢުގެ މައްޗަށް ދިގުކޮށް ވާހަކަ ދައްކާކަށެއް މަސައްކަތެއް ނުކުރާނަމެވެ. އަޅުގަނޑު ބަލައިލާނީ، އޭގެ ސަބަބުން ދިމާ ވާ އެންމެ މައްސަލައަކަށެވެ.

އަޅުގަނޑުމެންގެ މަދަރުސާތަކުން އޯލެވެލް އިމްތިޙާނު ހަދައިގެން، ނުވަތަ އޭލެވެލް އިމްތިޙާނު ހަދައިގެން ނުކުންނަ ކުއްޖެއްގެ ގާތު، ނިކަން މި ސުވާލުތައް ކުރައްވަބައްލަވާށެވެ! މުޙައްމަދު ބިން މޫސާ އަލްޚަވާރިޒްމީ ދަންނަމު ހެއްޔެވެ؟ މުޙައްމަދު އިބްނު ޚަލްދޫނަކީ ކާކު ހެއްޔެވެ؟ އަބުއްރައިޙާން އަލްބީރޫނީ، ފާޠިމާ ބިންތި މުޙައްމަދުލް ފިހްރީ، ޖާބިރު އިބްނުލް ޙައްޔާން، ނުވަތަ އިސްމާޢީލް އަލްޖަޒާރީ، މި ބެއިބެއިފުޅުންނާ ބެހޭގޮތުން އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ މިއިން ބެއިފުޅަކު ލިޔުއްވައިފައި އޮތް ފޮތެއްގެ ނަން ބުނެދޭން އެނގޭނޭ ހެއްޔެވެ؟ އެއިން ފޮތެއް ދުވަހަކު ވެސް ލޮލުން ދުށީމު ހެއްޔެވެ؟ އެއިން ފޮތެއް ކީމު ހެއްޔެވެ؟ އެއިން ބެއިފުޅަކު އިންސާނީ ޢިލްމީ ތަރައްޤީއަށް ކުރެއްވި ޙިއްޞާއާ މެދު އެއްވެސް އެއްޗެއް އެނގޭ ހެއްޔެވެ؟

އަޅުގަނޑުގެ ތަޖުރިބާގައި، އަޅުގަނޑުމެންގެ ދަރީންނަށް މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށެއް ނޭނގެއެވެ. އިސްތިސްނާތައް ހުންނާނެއެވެ. ބައެއް ކުދީންނަށް، މަދަރުސާގެ ތަޢުލީމުގެ ނިޒާމުން ބޭރުން، އެހެން މަޞްދަރަކުން ވެސް މި ބެއިބެއިފުޅުންނާ ބެހޭ މަޢުލޫމާތު ލިބިފައި ހުރެދާނެއެވެ. ބައެއް ގުރޭޑުތަކުގެ އިސްލާމް ފޮތުން މީގެ ތެރެއިން ބައެއް ބެއިބެއިފުޅުންނާ ބެހޭގޮތުން ކުޑަކުޑަކޮށް މަޢުލޫމާތު ދީފައި ވެސް ހުރެދާނެއެވެ. ނަމަވެސް މި ބެއިބެއިފުޅުންނަކީ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމުގެ "ހަވާސާގައި" ބައިތިއްބާން ޖެހޭ ބެއިފުޅުންނެއް ނޫނެވެ. އެ ކުދީންގެ ތަޢުލީމުގެ މައިގަނޑު ބަޔަކަށް ވާން ވާނީ، މި ދެންނެވި މުސްލިމް ޢިލްމުވެރީންނާއި އެ ބެއިފުޅުންގެ މަސައްކަތްޕުޅުތަކާ މެދު އެކުދީން ޢިލްމުވެރި ކުރުވުމެވެ.

ހުޅަނގުގެ މުޤައްރަރުތަކަށް، ހުޅަނގުގެ ފޮތްތަކުން ކިޔަވައި، ހުޅަނގުގެ އިމްތިޙާނުތައް ހެދުމުގެ ނަތީޖާއެއްގެ ގޮތުން، މި ދެންނެވި ފަދަ އިސްލާމީ ޢިލްމުވެރީންނެއް އަޅުގަނޑުމެންގެ މުސްލިމުންގެ މުސްލިމް ދަރީންނަކަށް ނޭނގެއެވެ. އެއަށްވުރެ ވެސް ހިތާމަ ހުރި ކަމަކީ، މި ބެއިބެއިފުޅުން ކުރެއްވި މުހިއްމު މަސައްކަތްޕުޅުތަކާއި، ހޯއްދެވި ކާމިޔާބީތަކާއި، ކުރެއްވި އީޖާދުތައް ޔޫރަޕުގެ ޢިލްމުވެރީންނަށް ނިސްބަތް ކޮށް، އެ ހުރިހައި ކަމަކީ ވެސް އިނގިރޭސި، ނުވަތަ ޖަރުމަނު، ނުވަތަ ފަރަންސޭސި، ނުވަތަ އެހެން ވެސް ޔޫރަޕުގެ ހިސާބެއްގެ ޢިލްމުވެރިޔަކު މެދު ޒަމާނުގައި، ނުވަތަ ޤަދީމީ ގިރީކުގެ ދުވަސްވަރު، ކުރި ކަމެއް ކަމަށް ހަދައިގެން، އެ ގޮތަށް ހުޅަނގުގެ ފޮތްތަކުގައި ކިޔަވައިދޭކަމެވެ. މިސާލަކަށް، ތާރީޚު ޢިލްމާއި، އިޤްތިޞާދީ ޢިލްމާއި، އިޖުތިމާޢީ ޢިލްމު ހަރުދަނާ ޢިލްމުތަކެއްގެ ގޮތުގައި އުފެއްދެވީ އިބްނު ޚަލްދޫނެވެ. އެކަމަކު، އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދެވެނީ، ތާރީޚުގެ ބައްޕަޔަކީ ގިރީކުގެ ހެރޮޑޯޓަސް ކަމުގައެވެ. އިޤްތިޞާދީ ޢިލްމުގެ ބާނީ އަކީ އިނގިރޭސި ވިލާތުގެ އެޑަމް ސްމިތު ކަމުގައެވެ. ސައެންސާއި ޢިލްމުގެ އެހީގައި، ސައެންސީ އާލަތެއްގެ އެހީގައި، އުދުހުމަށް ނުވަތަ ވައިގެ މަގުން ދަތުރު ކުރުމަށް ފުރަތަމަ މަސައްކަތް ކުރެއްވީ މުސްލިމް އިންޖިނޭރު އަދި ސައެންސްވެރިޔާ ޢައްބާސް ބިން ފިރްނާސެވެ. ނަމަވެސް، ހުޅަނގުގެ ފޮތްތަކުން އަޅުގަނޑުމެންގެ ކުދީންނަށް ދަސް ވާނީ، އުދުހުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ އައިކަރޫސް އާއި ޑައިޑަލޫސާ ދެބަފައިން ކަމަށާއި، ސައެންސުގެ އަލީގައި އުދުހުމުގެ މަސައްކަތް ފުރަތަމަ ކުރި ބަޔަކީ ރައިޓް ދެބެއިން ކަމުގައެވެ.

ޔޫރަޕުގައި ޒަމާނުއްސުރެ އޮންނަ "ވައިޓް ސުޕްރެމަސިޒަމް" ގެ ފިކުރުގެ ސީދާ އަދި ނުސީދާ ނަތީޖާއެއްގެ ގޮތުން، "ކޮންޝަސް" ގޮތެއްގައި އަދި "ސަބްކޮންޝަސް" ގޮތެއްގައި، ޔޫރަޕް ނުވަތަ ހުޅަނގު މިއަދާ ހަމަޔަށް ވެސް މަސައްކަތް ކުރަމުން ގެންދަނީ، ދުނިޔޭގައި ޢިލްމާއި ފަލްސަފާ އާއި ސައެންސާއި އާޓާއި ދެންވެސް އިންސާނީ ޙަޟާރަތްތެރިކަމާއި ތަމައްދުންގެ ހުރިހައި ދާއިރާއެއްގައި، އެންމެ ކުރީގައި ތިބި ބަޔަކީ އެމީހުން ކަމުގައި ދެއްކުމަށެވެ. ހުރިހައި ޒަމާނެއްގައި ވެސް، އެންމެ ކުރީގައި ތިބީ އެމީހުން ކަމުގައި ހެދުމަށެވެ. އެމީހުން ތާރީޚު ލިޔަނީ ވެސް އެގޮތަށެވެ. އިބްތިދާއީ، ސާނަވީ، އަދި މަތީ ސާނަވީ ތަޢުލީމުގެ ނިޒާމުތަކަށް ލިޔާ ފޮތްތައް ވެސް ލިޔަނީ ހަމަ އެގޮތަށެވެ. ޤަދީމީ ތާރީޚުގެ ވާހަކަތައް ލިޔާ އިރު ވެސް، އެމީހުން ވަނީ ޞޫމާރާއި މިޞްރާއި ބާބިލު ފަދަ، އޭޝިޔާ އާއި އެފްރިކާގެ މަތިވެރި ޙަޟާރަތްތަކުގެ ޢިލްމުތަކަކީ ވެސް ގިރީކުން ނުވަތަ ޔޫނާނީންގެ އެއްޗެތިތަކެއް ކަމަށް ކަނޑައަޅައި ނިންމައިފައެވެ. ހަމަ އެ ބީދައިން، މެދުޒަމާނުގެ އިސްލާމީ ރަން ޒަމާނުގެ މަތިވެރި ޢިލްމީ ހޯދުންތަކާއި މަސައްކަތްތަކުގެ ތާރީޚު ވެސް އެމީހުން ވަނީ ދޫލަދަށަށް ލައި ފޮރުވައިފައެވެ. ވީ ވަރަކުން، ކުރެވުނު ވަރަކުން، އެ ހުރިހައި ކަންތައްތަކަކީ ވެސް ޔޫރަޕުގެ އުފެއްދުންތަކެއް ކަމަށް ބުނެ، ލިޔެ، ކަނޑައަޅައިފައެވެ.

ފުންކޮށް ވިސްނަވާށެވެ! މި ދެންނެވި ގޮތުގެ މަތީން ހުޅަނގުގައި އުފައްދައިފައި ހުންނަ މުޤައްރަރުތަކާއި ފޮތްތަކުން އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދީ، އަޅުގަނޑުމެންގެ އަމިއްލަ މުސްލިމް ކާބަފައިންގެ މަތިވެރި މަސައްކަތްޕުޅުތައް އެއީ ނުވާ ކަންތައްތަކެއް ކަމަށް ހެދުމަކީ ކޮން ގޮތަކުން ކުރުން ހެޔޮ ވާވަރުގެ ކަމެއްތޯއެވެ؟

ކުރީން ވެސް ދެންނެވި ފަދައިން، ހުޅަނގުގެ ފޮތްތަކުން އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދިނުމުގެ އެތައް ގެއްލުންތަކެއްގެ ތެރެއިން، މި އިޝާރާތް ކުރީ ހަމަ އެންމެ ކަމަކަށެވެ. އިތުރު އެތައް ކަމެއް ވެސް ފާހަގަ ކުރެވިދާނެއެވެ. ހުޅަނގުގެ ފަލްސަފާތަކާއި ފިކުރިއްޔާތަކުގެ އޮށް އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކުގައި އިންދުމުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ ފިކުރަކީ އެކުދީންނަށް ބަލައިނުގަނެވޭ ފިކުރަކަށް ވުމާއި، ސައެންސުގެ ޢިލްމުގެ ދާއިރާއިން އިލާހެއްގެ ދައުރު މުޅީން ފޮހެލައިގެން ކިޔަވައިދިނުމުގެ ނަތީޖާއެއްގެ ގޮތުން ކާއިނާތުގެ ޙަޤީޤަތް މުޅީން ކުދީންނަށް އޮޅިގެން ގޮސް ކުފުރާއި އިލްހާދިއްޔަތު ފަދަ ބިރުވެރި އަދި ނުބައި ފިކުރުތަކަށް ކުދީންގެ ފިކުރު މިސްރާބު ހިފުމާއި، އިސްލާމީ މަތިވެރި ޝަރީޢަތުގެ ބަދަލުގައި މުޖުތަމަޢުގެ ކޮންމެ ދާއިރާއެއްވެސް ކުރިއެރުމާއި ތަރައްޤީގެ މަގަކީ ހުޅަނގުގެ މަގު ކަމުގައި ކުދީންނަށް ޢަޤީދާއެއް ފަދައިން ޤަބޫލު ކުރެވުން ފަދަ އެތައް ކަމެކެވެ.

ވިސްނަވާށެވެ! "މަންކީ ސީ، މަންކީ ޑޫ" އުޞޫލުން، ހުޅަނގަށް ފިކުރީ ގޮތުން އަޅުވެތި ވެގެން އަޅުގަނޑުމެން ތާއަބަދަށް ހަމަ ތިބޭން ވީތޯއެވެ؟ ކެމްބްރިޖް އިމްތިޙާނުން ލިބޭ އޭސްޓާރ ފާހަގަ ކުރާން ރީތި ހެދުންތައް ލައިގެން ބޮޑެތި ޙަފުލާތައް ބާއްވައިގެން ހެވިފައި ތިބޭ ފިކުރީ އަޅުންތަކަކަށް ވުރެ މަތީ ދަރަޖައެއް އަޅުގަނޑުމެންނަށް ހަމަ ޙައްޤު ނޫނީތޯއެވެ؟ ޢިލްމީ މައިދާނުގައްޔާއ، އެހެނިހެން މައިދާންތަކުގައި ވެސް، "ވައިޓް ސުޕްރެމަސިޒަމް" ގެ ސަގާފަތުގެ އަޅުވެތިކަމުން ނެއްޓި، ޝަރަފާއި ޢިއްޒަތުގެ ވެރި މުސްލިމުންތަކަކަށް، އަދި އަމިއްލަ ޤައުމީ ޝަޚްޞިއްޔަތާއި ޝަނާކަތު ހިފަހައްޓައިގެން، ހަމަ އިސްކޮޅަށް ތެދު ވެގެން ދުނިޔެ އުޅޭ ބަޔަކަށް ވުމުގެ މަސައްކަތް ފަށާން އަދިވެސް ހަމަ ނުވަނީތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް