އިދިކޮޅު މުޒާހަރާ: މެންބަރު ސައީދާއި ޣައްސާން ހައްޔަރުކޮށްފި

މުޒާހަރާގެ ތެރެއިން ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން ހައްޔަރުކުރަނީ-- ސަންފޮޓޯ/ މުހައްމަދު ހައްޔާން

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި މިއަދު ކުރިއަށް ގެންދާ ހަރަކާތަކީ އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް ކުރިއަށް ގެންދާ އެއްވުމެކެވެ.

ހަވީރު 04:00 އިދިކޮޅު ބޭއްވުން ފެށުމަށް ތައްޔާރުވެފައިވަނިކޮށް ފުލުހުން ވަނީ އޭގެ ދެ ގަޑިއިރު ކުރިން ޕީޕީއެމްގެ އޮފީސް ސަރަހައްދު ބަންދުކޮށް، މުޒާހަރާ ނުފަށަނީސް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހައްޔަރުކޮށްފައެވެ.

މުޒާހަރާ ފެށުމާއެކު، މުޒާހަރާގެ ބައިވެރިންނަށް ފުލުހުންނަށް ވަނީ ހުރަސް އަޅައިފައެވެ. އަދި އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މެންބަރު ސައީދާއި މެންބަރު ޣައްސާންގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހައްޔަރުކޮށްފައިވާއިރު، ބައެއް ކައުންސިލަރުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިހާތަނަށް އެއްވުމުގެ ނުވަ ބައިވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.

ހަމައެހެންމެ ސުލްހަވެރި އިހުތިޖާޖަށް ފުރުސަތު ދީ، އެއްވުމުގެ ތެރެއިން އާންމު މެންބަރުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވައިލައިފައިވެއެވެ.

"ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރުން ދޫކޮށްލުމަށް ގޮވާލަމެވެ. ހަމައެއާއެކު މި ޕާޓިގެ ހަރަކާތް ގާނޫނުގައިވާ ގޮތުގެ މަތިން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހުރަސް ނޭޅުއްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް