ޔުވެންޓަސް އިން ޑިބާލާ ދޫކޮށްލަނީ

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާ

އިޓާލިއަން ލީގުގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާއާއެކުގައި އެ ޓީމުން ހަދާފައިވާ ކޮންޓުރެކްޓް އާނުކޮށް، މި ސީޒަނަށް ފަހު އެޓީމުން އޭނާ ދޫކޮށްލާނެކަން އެޓީމުން ކަށަވަރުކޮށްދީފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޑިބާލާއި ޔުވެންޓަސްއާ ދެމެދު ކޮންޓުރެކްޓް އާކުރުމަށް އަނގަބަހުން އެއްބަސްވިއެވެ. އެއީ އޭނާއަށް ދޭ މުސާރަ 9.1 މިލިއަން ޑޮލަރަށް ބޮޑުކުރުމަށެވެ.

ނަމަވެސް އިއްޔެ ޑިބާލާގެ އެޖެންޓުންނާއި ޔުވެންޓަސްއާ ދެމެދު ބައްދަލުވުމެއް ބޭއްވި ނަމަވެސް، އޭނާގެ ކޮންޓްރެކްޓް އާކުރުމަށް އެޓީމުން އޮފާއެއް ހުށަހަޅާފައެއް ނުވެއެވެ.

ޑިބާލާ ޔުވެންޓަސްއަށް ބަދަލުވެފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭރު އޭނާ ކުޅުނު ކުލަބް ޕަލޭމޯ ދޫކޮށްލުމަށްފަހުއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އަނިޔާގެ ގިނަ މައްސަލަތަކެއް އޭނާއަށް ކުރިމަތިވެފައިވެއެވެ. ޔުވެންޓަސްގެ ސީއީއޯ މައުރީޒިއޯ އަރީވަބެނޭ ބުނީ އެއީ ކޮންޓްރެކްޓް އާނުކުރުމަށް ނިންމި ސަބަބެއް ކަމަށެވެ.

"ޔުވެންޓަސް އިން މިހާރު މި ފަށާފައިވާ ޕްރޮޖެކްޓްގައި ޑިބާލާއަކީ މައިގަނޑު ކުޅުންތެރިއެއް ނޫން،" އަރިވަބެނޭ ބުނެފައިވެއެވެ.

ޑިބާލާ ވަނީ އޭނާ ޔުވެންޓަސްއަށް ކުޅެދިން 202 މެޗުގައި 80 ގޯލު ޖަހާފައެވެ.

comment ކޮމެންޓް