ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ބޭއަދަބީ ޓްވީޓެއް ކޮށްފައިވާއިރު, އެއީ އޭނާ ކުރައްވި ކަމެއް ނޫން ކަމަށް ވިދާޅުވެއްޖެއެވެ.
ޢަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ބޭއަދަބީ ގޮތަކަށް ރައްދު ދީ ޓްވީޓްކޮށްފައިވަނީ, އެމްޑީޕީގެ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ކޮށްފައިވާ ޓްވީޓަކަށެވެ.
ފޯރިގަދަވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ލޫކަސް ޖަލީލް ކޮށްފައިވާ ޓްވީޓްގައި ވަނީ ދެން އެ މަގާމަށް ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން ސްލޯގަންއަށް ފާޑުކިޔާފައެވެ.
އެ ޓްވީޓަށް ރައްދުދެއްވައި ޢަލީ ޒާހިރުގެ އެކައުންޓުން ކުރި ޓްވީޓްގައި ބޭއަދަބީ ބަހެއް ބޭނުންކޮށް ލޫކަސްއާ މުހާތަބުކޮށް ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ކެތް ގަދަ ކަމަށާއި އެ ކަހަލަ މީހުން ބައިތިއްބައިގެން ސަރުކާރު ހިންގަމުންދާ ކަމަށެވެ.
ދިހަވަރަކަށް މިނެޓް ފަހުން އެ ޓްވީޓް ވަނީ ޑިލިޓް ކޮށްފައެވެ. އެއަށްފަހު އަލީ ޒާހިރުގެ އެކައުންޓުން ދެން ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ, އޭނާގެ އެކައުންޓް ވަނީ ކޮމްޕްރޮމައިޒްކޮށް ހުއްދަނެތި ޓްވީޓްކޮށްފައި ކަމަށެވެ. އެކަން ރަނގަޅުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެކަން ސިފަކޮށް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ, އެ އަމަލަކީ ކުރިއަށް އޮތް އެމްޑީޕީގެ އިންތިޙާބުގައި އޭނާގެ ބައިވެރިވުމެއް އޮތްކަން ދެއްކުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް އިންތިއަށް ތާއިދު ކުރައްވާ ބައެއް މަޖިލިސް މެންބަރުން ވަނީ އެއީ ސީދާ ޢަލީ ޒާހިރު ކުރެއްވި ކަމެއް ކަމަށް ތުހުމަތުކޮށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ކުރި ޓްވީޓެއްގައި ވިދާޅުވީ, މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކަމަށާއި ޢަލީ ޒާހިރާއާ ކުޑަވެސް ގުޅުމެއް ނެތް ކަމަށެވެ.