ޖިމީ ހެންޑްރިކްސްގެ ގިޓާ 250،000 ޑޮލަރަށް

ޖިމީ ހެންޑްރިކްސް އާއި އޭނާގެ އެންމެ އައިކޮނިކް އެއް ގިޓާ: މި ގިޓާ ވިއްކަން ފަށާނީ 250000 ޑޮލަރަށް --- ފޮޓޯ/ ރޯލިން ސްޓޯން

އެމެރިކާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އަދި ގިޓާރިސްޓް ޖިމީ ހެންޑްރިކްސްގެ އިލެކްޓްރިކް ގިޓާ 250،000 އެމެރިކާ ޑޮލަރަށް ވިއްކާލުމަށް ނިންމައިފިއެވެ.

މިއުޒިކުގެ ތާރީޚްގައި އެންމެ ގިނަ ބަޔަކު އަދިވެސް ވާހަކަ ދައްކާ އެއް އާޓިސްޓު ހެންޑްރިކްސް އަކީ 60ގެ އަހަރުތަކުގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އާޓިސްޓެކެވެ. ރޮކް އެންޑް ރޯލް ލެޖެންޑުންގެ ތެރޭގައި ހިމެނޭ ހެންޑްރިކްސްގެ ގިޓާ އަކީ ވެސް އައިކޮނިކް އެއްޗެކެވެ.

މިއުޒިކް ލެޖެންޑުންގެ އިކުއިޕްމެންޓުތަކަކީ އެއަށް ބޮޑެތި އަދަދު ދީގެން ގަންނާނެ އެއްޗެއްސެވެ. ހެންޑްރިކްސްގެ ގިޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ރޮކް އެންޑް ރޯލް ލެޖެންޑުންނަށް ހާއްސަ ނީލަމުގެ ތެރެއިންނެވެ.

އެ ގިޓާ ވިއްކަން ފަށާ އަގަކީ 250،000 އެމެރިކާ ޑޮލަރެވެ. ނަމަވެސް ނީލަމަށް ހުށަހަޅައިގެން އެ ގިޓާތައް ވިއްކާ އަގު މިލިއަނަށް ވެސް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއުޒިކް ލެޖެންޑުން ކަމަށްވާ އެލްވިސް ޕްރެސްލީ އާއި ނިރުވާނާގެ ކާޓް ކޮބެއިން ފަދަ ލެޖެންޑުންގެ ގިޓާތައް ވެސް ވަނީ މި ނީލަމުގައި މީގެކުރީން ވިއްކާލާފައެވެ.

މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގައެވެ. މި އިވެންޓަކީ ދުނިޔޭގެ މިއުޒިކަށް ލޯބި ކުރާ މީހުންނާއި މަހުޖަނުން އެއްވާ ތަނެކެވެ. މިއުޒިކް އާޓިސްޓުންގެ އިކުއިޕްމެންޓުތަކުގެ އިތުރުން އަމިއްލަ ގެންގުޅުނު އެކި ކަހަލަ އާޓިފެކްޓްތައް ވެސް އެތަނުގައި ވިއްކާނެއެވެ. އޭގެތެރޭގައި ކުޅޭ އެއްޗެހި ވެސް އެތައް ހާސް ޑޮލަރަކަށް ވިއްކާފައި ވެއެވެ.

comment ކޮމެންޓް