އޯއައިސީން މަސައްކަތް ކުރަނީ އެއްބައިވަންތަކަމާއި އިންސާފާއި ތަރައްގީއަށް: އިމްރާން ޚާން

އޯއައިސީން މަސައްކަތް ކުރަނީ އެއްބައިވަންތަކަމާއި އިންސާފާއި ތަރައްގީ ގާއިމު ކުރުމަށް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި -- ފޮޓޯ/ ބްލޫމްބާގް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން މަސައްކަތް ކުރަނީ އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަމާއި އިންސާފާއި ތަރައްގީއަށް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ޚާން، ސައުދީ އަރަބިއާގެ އަރަބް ނޫހަށް ލިޔުއްވި އޮޕީނިއަން އެޑިޓޯރިއަލްއެއްގައި ވިދާޅުވީ، އިސްލާމީ ދުނިޔޭގެ މަސްލަހަތުތައް ކުރިއެރުވުމަށް ޓަކައި ފާއިތުވި އަހަރުތަކުގައި އޯއައިސީން އަމިއްލައަށް އިސްނަގައިގެން ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.

"އޯއައިސީން ވަނީ ބައިނަލްއަޤުވާމީ ޞުލްޙަ އާއި ސަލާމަތާއި، ސަގާފަތާއި ދީންތައް ކުރިއެރުވުމަށާއި މުޖުތަމައުތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި އިސްލާމީ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ޞުލްޙަ އާއި އިންސާފާއި އިޙްތިރާމު ގާއިމު ކުރުމަށް މަސައްކަތްކޮށްފަ،" ޚާން ވިދާޅުވިއެވެ.

ޚާން އެހެން ވިދާޅުވީ، އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް މާދަމާ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ.

ޚާން ވިދާޅުވީ އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ދުނިޔޭގެ ތާރީޚުގައި ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން 1945ގައި ދުނިޔޭގައި ގާއިމުކުރި ބައިނަލްއަޤުވާމީ ސަލާމަތާއި އިޤުތިޞާދީ ހަމަތައް މިހާރު ނެތިގެން ދަނީ ކަމަށާއި އޭގެ ސަބަބުތަކުގެ ތެރޭގައި ގައުމުތަކުން އަމިއްލައަށް ބާރުގެ ބޭނުން ކުރަމުން ދިޔުމާއި އަނެއްކާވެސް "ފިނި ހަނގުރާމަ"އެއް ފެށިފައިވުމާއި ގައުމުތަކުގެ މެދުގައި ފަރަގު އިތުރުވުން ހިމެނޭ ކަމަށް ޚާން ވިދާޅުވިއެވެ.

ހަމައެއާއެކު، އެފަދަ މައްސަލަ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ސަބަބުން އިތުރުވަމުންދާ ކަންވެސް ޚާން ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިހާރު ދުނިޔެއަށް އަންނަ ބަދަލުތަކަކީ އިސްލާމީ ގައުމުތަކުގެ މަސްހަލަތުތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކުރާ ބަދަލުތަކަކަށް ހަދަން މި ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ޚާން ވިދާޅުވިއެވެ.

އެ އަމާޒަށް ވާސިލުވުމުގެ ގޮތުން އިސްލާމީ ގައުމުތަކުން އަމިއްލަ ގައުމުގެ އުސޫލުތައް ދަމަހައްޓާ، ބޮޑެތި ބާރުތަކުގެ ކޯޅުންތަކުން ދުރުހެލިވެ، އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ނައްތާލައި، ބޭރުގެ ނުފޫޒުން އެއްކިބާވެ، އަމިއްލަ ގައުމާއި ސިޔާދަތު ރައްކާތެރިކުރަން ޖެހޭ ކަމަށް ޚާން ވިދާޅުވިއެވެ.

މީގެ އިތުރުން، އިންސާފަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން އޯއައިސީން، ފަލަސްތީނާއި ކަޝްމީރުގެ ރައްޔިތުން އެދޭ ކަންތައްތަކަށް އިޖާބަ ދޭން ޖެހޭ ކަމަށް ވެސް ޚާން ވިދާޅުވިއެވެ.

"ދެކުނު އޭޝިއާގައި ދެމެހެއްޓެނިވި ޞުލްޙަ އާއި ހަމަޖެހުން ގާއިމު ކުރެވޭނީ އދ.ގެ ސަލާމަތީ ކައުންސިލުން ފާސްކޮށްފައިވާ، ކަމާ ބެހޭ ގަރާރުތަކުގައިވާ ގޮތުގެ މަތިންނާއި ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަ ހައްލުކޮށްގެން،" ޚާން ވިދާޅުވިއެވެ.

މީގެ އިތުރުން މުސްލިމް ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކަށް މި ގައުމުތަކުން އަމިއްލައަށް ހައްލު ހޯދަން ޖެހޭ ކަމަށް ބޮޑުވަޒީރު ޚާން ވިދާޅުވިއެވެ. އެގޮތުން އަފްޣާނިސްތާނާއި ސީރިއާ އާއި ލީބިޔާ އާއި ޔަމަނުގެ މައްސަލަ އިސްލާމީ ގައުމުތަކުން އެއްބައިވެގެން ހައްލު ކުރުމަށް ޚާން ގޮވާލެއްވިއެވެ.

މީގެ އިތުރުން މުޅި ދުނިޔޭގައި އިސްލާމް ދީނަށް އިޙުތިރާމް ކުރާ މިންވަރު އިތުރުކޮށް، ހުރިހާ މުސްލިމުންނަށް ވެސް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ބޮޑުވަޒީރު ޚާން ވިދާޅުވިއެވެ.

comment ކޮމެންޓް