ރާއްޖޭގެ ފަތުވާ ކައުންސިލާއި ޒަކާތު ހައުސްއަށް ފަންޑް ހޯދުމަށް މަޝްވާރާކޮށްފި

ދިވެހިރާއްޖޭގެ ފަތުވާކައުންސިލާއި ޒަކާތު ހައުސްއާއި އައުޤާފު އިންވެސްޓްމަންޓްސް ތަރައްޤީކުރުމަށް އޯއަސީއާ އެކު މަޝްވަރާކުރަނީ-- ފޮޓޯ/

ރާއްޖޭގެ ފަތުވާ ކައުންސިލާއި ޒަކާތު ހައުސްއާއި އައުޤާފު އިންވެސްޓްމަންޓްސް ތަރައްޤީކުރުމަށް ޓަަކައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވެރިންނާ މަޝްވާރާކޮށްފިއެވެ.

މި މަޝްވާރާތައް ކުރިއަށް ދިޔައީ، މިނިސްޓަރު، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އިބްރާހީމް ޠާހާގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީއާއި، ސައުދީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިސް ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގެ ތެރެއިން، މި ކަންތައްތައް ތަރައްގީކުރުމަށް އޯއައިސީގެ ދަށުން ހިންގާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ)އާއި އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި އިސްލާމިކް ސޮލިޑަރިޓީ ފަންޑުގެ އެހީތެރިކަން ލިބޭނެ ގޮތް ހޯދުމާމެދު މަޝްވަރާކުރިކަމަށް ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްލާމީ ކަންތައްތަކުގައި ކަނޑައަޅުއްވާފައިވާ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި އޯއައިސީގެ އެހީތެެރިކަން ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އަދި، އިސްލާމޯފޯބިއާއި ކައުންޓާ ޓެރަރިޒަމް ދާއިރާއިން ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި އޯއައިސީގެ ދަށުގައި ހުރި ޔުނިވާސިޓީތަކުން އިސްލާމީ ދާއިރާއިން ރާއްޖެއަށް މަތީ ތަޢުލީމުގެ ފަހި ފުރުޞަތު ހޯދުމަށް ވެސް މަޝްވަރާކުރެއްވިއެވެ.

އެއާއެކު މިނިސްޓަރު ޝަހީމް، އޯއައިސީގައި ވަޒީފާ އަދާ ކުރެއްވި ދުވަސްވަރު ކޮށްދެއްވި އަގުހުރި ޚިދުމަަތަށް އޯއައިސީގެ ފަރާތުން ޝުކުރު އަދައިކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރުވަނީ ސަައުދީ ޢަރަބިއްޔާގެ ހައްޖު އެންޑް އުމްރާ ޑެޕިއުޓީ މިނިސްޓަރު ޑރ. ޢަބްދުލް ފައްތާޙު ބިން ސުލައިމާންގެ އަރިހަށް ވެސް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ޝަހީމް، ޑރ. ޢަބްދުލް ފައްތާޙު ބިން ސުލައިމާންއާ ބައްދަލުކުރައްވަނީ-- ފޮޓޯ/

މި ބައްދަލުވުމުގައި ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމާ ގުޅޭގޮތުންނާއި، ރާއްޖޭގެ ޙާޖީން މިނާއާއި ޢަރަފާތުގައި ތިބޭ ތަން ފެންވަރު ރަނގަޅު ތަނަކަށް ބަދަލުކުރުމާމެދު މަޝްވަރާކުރެއްވިއެވެ.

comment ކޮމެންޓް