އެޑިއުކޭޝަން މިނިސްޓްރީން ސްކްރީން ރީޑިން ސޮފްޓްވެއާއެއް އިފްތިތާހުކޮށްފި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ -- ފޮޓޯ: އެޑިއުކޭޝަން

"ޝާމިލް އަޑު"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ސްކްރީން ރީޑިން ސޮފްޓްވެއާއެއް އިފްތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސޮފްޓްވެއާ އުފައްދާފައި ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔެވުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ގެނައުމުގެ މަގުސަދުގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މިއީ ކިޔެވުމުގައި ހުރިހާ ކުދިން ވެސް ބައިވެރިކުރުވުމުގެ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

"ކޮންމެ ކުއްޖަކަށް ވެސް، އެ ކުއްޖަކުގެ ކިބައިގައިވާ ތަބީއީ ގާބިލުކަން ހޯދާ. އެ ތަމްރީނުކޮށް ތަރައްގީ ކުރުމަކީ އަޅުގަނޑުމެންނަށް ގާނޫނުން ލާޒިމުކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސޮފްޓްވެއާގައި ހިމެނޭ ބައެއް ފީޗާ ތައް:

  • ފޯނުގެ މެމަރީއާއި އެއްވަރަށް އެޕުން ބޭނުންކުރާ މިންވަރު ބަދަލުވުން
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިދިނުން
  • އޮފްލައިންކޮށް ބޭނުންކުރެވުން
  • ލިޔަމުންދާ ލިޔުންތައް ވަގުތުން ކިޔައިދިނުން
  • ގޫގުލް ޓޯކްބެކްގައި މަސައްކަތްކުރުން

ޖަވާބު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކުރި މި ސޮފްޓްވެއާއަކީ 2024ވަނަ އަހަރާ ހަމައަށް އެކުލަވާލައިފައިވާ އެޑިއުކޭޝަން ސެކްޓާ ޕްލޭންގައި ހިމެނޭ ކަމެކެވެ.

މި ސޮފްޓްވެއާ އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުގެ އިތުރުން ވިންޑޯސް އަދި އެންވީޑީއޭ ރީޑަރުންވެސް ޑައުންލޯޑުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް