ސީއެފްއެސް ބަލިކޮށް އަންހެން ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ އެސްއެންއަށް

އެސްއެން އަދި ސީއެފްއެސް ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ސްކޫލް އޮފް ނާސިން(އެސްއެން) އިން ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)ގެ މައްޗަށް ކުރިހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

އެމްއެންޔޫ ޕީއީ ހޯލުގައި ކުޅުނު އެ މެޗު އެސްއެން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އެސްއެންއާއި ސީއެފްއެސް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު އެސްއެން ގެންދިޔައީ 25-17އިންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-13ގެ ނަތިޖާއަކުންނެވެ. އެ މެޗުގެ ތިން ވަނަ ސެޓު އެސްއެން އިން ކާމިޔާބުކުރީ 25- 15 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އައިޝަތު ޒުނީތާއެވެ

އެ މަޗަށް ފަހު އެސްއެންގެ ކޯޗު ޝުއައިބު އަހުމަދު "ސަން"އަށް ބުނީ މިއަދުގެ މެޗުން އެސެއެންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިންހަމަ ޖެހޭކަމަށެވެ.

މީގެ އިތުރުން ޝުއައިބް ބުނީ މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުވީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ. ކުރިން ޓީމުގައި ނަގާ ކިޔޭނެ މޮޅު ހަ ކުޅުންތެރިއަކު ހުރިނަމަވެސް މިހާރު ޓީމުގެ 12 ކުޅުން ތެރިންނަކީ ވެސް ހަމަ އެހައިމެ މޮޅު ކުޅުންތެރިންކަމަށް އޭނާ ބުންޏެވެ.

އެސްއެން އަދި ސީއެފްއެސް ބައްދަލުކުރި މެޗުގެ ތެރެއިން---- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅެ އެސްއެންއަށް ޗެމްޕިއަންކަން ނުލިބުނު ނަމަވެސް މި އަހަރު މުބާރާތުގެ ފައިނަލުގައި މޮޅު ކުޅުމެއް ކުޅެ ތަށި ނަގާނެކަމަށް ކޯޗު ބުންޏެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ ފައިނަލްގައި އަޅުގަނޑުމެން އަނެއްކާ ވެސް ތަށި ނަގާނެ. އަޅުގަނޑަށް ތީމުގެ ހުރިހާ ކުޅުންތެރިންނަށް އިތުބާރު އެބޮތް" ޝުއައިބް ބުންޏެވެ

ސިއެފްއެސްގެ ކެޕްޓަން މައިހާ އަލީ "ސަން"އަށް ބުނީ ޓީމު ފައިނަލަށް ނުދިޔަ ނަމަވެސް ޓީމަށް މިއަހަރު ލިބުނީ ހަމަ ފުރިހަމަ މޮޅެއްކަމަށެވެ.

މިދަޔަ އަހަރު ސެމީގައި ޓީމު ނުކުޅު ނަމަވެސް މި އަހަރު ސެމީގައި ޓީމު ކުޅުމަކީ ސީއެފްއެސްއަށް ލިބުނު އުފަލެއްކަމަށް މައިހާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަށް ބަލިވިޔަސް އަޅުގަނޑުމެންނަށް މި ލިބުނީ ހަޤީގަތިގައި ހަމަ މޮޅެއް. އުންމީދަކީ އަންނައަހަރު ފައިނަލުގައި ކުޅެ މޮޅުވުން" މައިހާ ބުންޏެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

comment ކޮމެންޓް