އެމްއެޗް370އާ ބެހޭ އާ ރިޕޯޓެއް: ބޯޓު ވެއްޓުނު ކަމަށް ބުނަނީ ވޭމަންޑޫ ކަނޑަށް

ކަވައިއުއޯލޯ ބުނި ގޮތުގައި 2018 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ބައްދަލުކޮށް، އޭނާގެ ހޯދުންތައް ހިއްސާކޮށްފަ -- ފޮޓޯ: ސާޖިއޯ ކަވައިއުއޯލޯ

މެލޭޝިއާ އެއާލައިންސް ފްލައިޓް 370 ވެއްޓުނު ކަމަށް ބެލެވެނީ ވޭމަންޑޫ ކަނޑަށް ކަމަށް، އެ ހާދިސާއާ ބެހޭ އާ ރިޕޯޓެއްގައި ލަފާކޮށްފިއެވެ.

އެ ރިޕޯޓު އެކުލަވާލާފައި ވަނީ އޮސްޓްރޭލިއާގެ ސިސްޓަމްސް އިންޖިނިއަރެއް ކަމަށްވާ ސާޖިއޯ ކަވައިއުއޯލޯއެވެ. އިންޖިނިއަރިން ދާރިއާގައި މަސައްކަތް ކުރާތާ 32 އަހަރުވެފައިވާ ކަވައިއުއޯލޯ ވަނީ އެމްއެޗް370 ގެއްލުނު ހާދިސާ ތަހުގީގު ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ.

އެމްއެޗް370 ގެއްލުނީ މާޗް އަށެއް، 2014ގައި 239 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާއާ ބެހޭ ރިޕޯޓެއް ކަވައިއުއޯލޯ ނެރެފައި ވަނީ އެ ތާރީޚަށް އަށް އަހަރު ފުރުމާ ގުޅުވައިގެންނެވެ.

ކަވައިއުއޯލޯގެ ރިޕޯޓުގައިވާ ގޮތުން އެމްއެޗް370 ހޯދުމުގެ މަސައްކަތުގައި ހަމައެކަނި ސައިންސަށް ބަރޯސާވުމަކުން ނުފުދެއެވެ. އެގޮތުން، އެ ބޯޓު އެންމެ ފަހުން ފެނުނު ކަމަށް ބުނާ މީހުންގެ ވާހަކައާ ސައިންސުގެ ހޯދުންތަކާ ދިމާވޭތޯ އިތުރަށް ބަލަން ޖެހެއެވެ.

އެހެންކަމުން އޭނާ ވަނީ، އިންޑޮނޭޝިއާގެ ސުމަތުރާ ކައިރިން ބޯޓު ފެނުނު ކަމަށް ބުނާ މީހަކާއި ދ. ކުޑަހުވަދޫ އާއި ތ. ގާދިއްފުށިން ބޯޓު ފެނުނު ކަމަށް ބުނާ މީހުންގެ ވާހަކަތަކަށް އަލި އަޅުވާލާފައެވެ. އަދި އެމީހުންގެ ވާހަކަތަށް، ސެޓެލައިޓް ޑޭޓާއިން ލިބިފައި ހުރި މައުލޫމާތުން ބާރު ލިބޭ ކަމަށް ކަވައިއުއޯލޯ ބުނެއެވެ.

އެ ރިޕޯޓުގައި ބޭނުންކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ސެޓެލައިޓް ޓެލެކޮމިއުނިކޭޝަންސް ކުންފުނި، އިންމާސެޓުގެ ސެޓެލައިޓް 3އެފް1 އިން ލިބިފައިވާ މައުލޫމާތެވެ.

އެމްއެޗް370 ގެއްލުމުގެ ކުރިން، އެ ބޯޓާ ބެހޭ މައުލޫމާތު އެ ސެޓެލައިޓަށް ލިބިފައިވެއެވެ.

"[ސުމަތުރާ ކައިރިން] އެމްއެޗް370 ފެނުނު ކަމަށް ބުނި ކޭޓް ޓީގެ ވާހަކަ އާއި ރާއްޖެއިން އެމްއެޗް370 ފެނުނު ކަމަށް ބުނާ މީހުންގެ ވާހަކައަށް، އިންމާސެޓް ސެޓެލައިޓް ޑޭޓާ އާއި ބޯޓު ދަތުރު ކުރި މިސްރާބާ ބެހޭ މައުލޫމާތުން ބާރު ލިބިދޭ،" ކަވައިއުއޯލޯގެ ރިޕޯޓުގައިވެއެވެ.

އެމްއެޗް370 ގެއްލުނުތާ އަށް އަހަރުވެފައިވާ އިރު އަދިވެސް ބޯޓަށް ވީގޮތެއް ހޯދިފައި ނުވޭ -- ފޮޓޯ: ރޮއިޓާސް

ސެޓެލައިޓު ޑޭޓާގެ އިތުރުން ރާޑަރުން ވެސް ލިބުނު މައުލޫމާތަށް ބިނާކޮށް ކަވައިއުއޯލޯ ލަފާ ކުރާ ގޮތުގައި، މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރު ކުރަމުން ދިޔަ އެމްއެޗް370، ސުމަތުރާ ކައިރީގައި ހަ ގަޑި އިރު ހޭދަކުރިއެވެ. އެ ގަޑީގައި ބޯޓުގެ މިސްރާބު އެކި ގޮތްގޮތަށް ބަދަލުކޮށްފައި ވާތީ، އޭރުވެސް ބޯޓުގެ ކޮންޓްރޯލް ނުގެއްލޭކަން ދޭހަވާ ކަމަށް ކަވައިއުއޯލޯ ފާހަގަކޮށްފައިވެއެވެ.

އެމްއެޗް370 ފެނުނު ކަމަށް ބުނާ، ބޭރުގެ ދެ މީހަކާ ހަވާލާދީ ކަވައިއުއޯލޯ ލަފާ ކުރާ ގޮތުގައި ބޯޓުގެ މިސްރާބު ބަދަލު ކުރަން ޖެހުނީ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އަލިފާން ރޯވި ކަމަށް ބެލެވެނީ ބޯޓުގެ އަޑިން ބައެއްގައެވެ. އަދި ރޯވީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އަލިފާނުގެ ސަބަބުން ބޯޓުގެ މުވާސަލާތީ ވަސީލަތްތަކާއި ލޭންޑިން ގިޔަރަށް ގެއްލުންވި ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

އެމްއެޗް370 ދަތުރުފެށީ ދަންވަރު ކަމުން، އެފަދަ ވަގުތެއްގައި އެއާޕޯޓާ މުވާސަލާތު ކުރުމެއް ނެތި ބޯޓު އެއާޕޯޓުގައި ޖެއްސުން ވާނީ ވަރަށް ނުރައްކާތެރި ކަމަކަށް ކަމަށް ކަވައިއުއޯލޯ ފާހަގަކުރިއެވެ. އެހެންކަމުން ޕައިލެޓުން ދެން ނިންމީ ރަށެއް ކައިރިން ތިލަ ހިސާބެއް ހޯދުމަށް ފަހު، ފެން މަތީގައި ބޯޓު ޖައްސަން ކަމަށް ކަވައިއުއޯލޯ ލަފާކުރެއެވެ.

ކަވައިއުއޯލޯގެ ޗާޓުތަކުން ދައްކާ ގޮތުގައި ސުމަތުރާ ކައިރީގައި ދަތުރުކުރުމަށް ފަހު އެމްއެޗް370 ދެން މިސްރާބު ޖެހީ ރާއްޖެއާ ދިމާލަށެވެ.

ކަވައިއުއޯލޯ ލަފާ ކުރާ ގޮތުގައި އެމްއެޗް370 ރާއްޖޭގެ ރަށްތަކާ ދިމާލަށް ގެންދިޔައީ ބޯޓު ޖެއްސުމަށް މީހުން ދިރިނޫޅޭ ރަށެއް ނުވަތަ ގޮނޑުދޮށުގައި ބޯޓު ޖެއްސޭނެ ސަރަހައްދެއް ހޯދުމަށެވެ.

އެއަށް ފަހު އެ ރިޕޯޓުގައި ވަނީ ކުޑަހުވަދޫ އާއި ގާދިއްފުށިން ބޯޓު ފެނުނު މީހުންގެ ވާހަކަތައް ހިމަނާފައެވެ. އެގޮތުން ކުޑަހުވަދޫގެ ބަޔަކަށް ބޯޓު ފެނިފައި ވަނީ ހެނދުނު 6:15ގައި ކަމަށާއި ބޯޓު ދަތުރު ކުރަމުން ދިޔައީ ވަރަށް ތިރިން ކަމަށް ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު، މެލޭޝިއަން އެއާލައިންސްގެ ފްލައިޓުތަކުގައި ހުންނަ ރަތާއި ނޫ ކުލަ އެމީހުންނަށް ފާހަގަކުރެވުނުކަން ވެސް ރިޕޯޓުގައިވެއެވެ.

އެ ބޯޓު ކުޑަހުވަދޫ މަތިން ދަތުރުކުރަމުން ގޮސް، އަނބުރާލާފައި ދެކުނަށް ދިޔަ ކަމަށާއި އެއަށް ފަހު ގާދިއްފުށީގެ މީހުންނަށް ވެސް ބޯޓު ފެނުނު ކަމަށް ރިޕޯޓުގައިވެއެވެ.

އެ ދެ ރަށުން ބޯޓު ފެނުނު ކަމަށް 25 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ކަވައިއުއޯލޯ ބުނެއެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ، އެމްއެޗް370 ގެއްލުނު ހާދިސާ ތަހުގީގު ކުރުމަށް ޓަކައި ރާއްޖެ އައިސް، ގާދިއްފުށިން ބޯޓު ފެނުނު ކަމަށް ބުނާ ބައެއް މީހުންނާ ވާހަކަދައްކާފައެވެ.

ގާދިއްފުށިން އެމްއެޗް370 ފެނުނު ކަމަށް ބުނާ މީހުން ވަނީ އެ ބޯޓު ރަށުގެ މަތީގައި ބުރު ޖެހުމަށް ފަހު، ވޭމަންޑޫ ކަނޑާ ދިމާލަށް މިސްރާބު ޖެހި ކަމަށް ބުނެފައެވެ.

ކަވައިއުއޯލޯ ލަފާ ކުރަނީ، އެމްއެޗް370 އެހާ ހިސާބަށް ދަތުރުކުރި އިރު ބޯޓުން ތެޔޮ ހުސްވާން ގާތްވެފައި ވާނެ ކަމަށެވެ. އެހެންކަމުން ގާދިއްފުއްޓާ ކައިރީގައި، ފެން މަތީގައި ބޯޓު ޖައްސަން މަސައްކަތް ކުރި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެއެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިން ދޭހަވާ ގޮތުގައި ބޯޓު ރައްކާތެރިކަމާއެކު ޖައްސަން އުޅުމުން އެ މަސައްކަތް ނާކާމިޔާބުވީ ކަމަށް ވެސް ކަވައިއުއޯލޯ ބުންޏެވެ.

އެމްއެޗް370ގެ ދަތުރު، އޮރެންޖު އަދި ރީނދޫ ކުލައިގެ ރޮނގުން ދައްކުވައިދީފައި އަދި ބޯޓު ހޯދުމަށް ބަލަންވީ ސަރަހައްދު ރަތް ކުލައިގެ ބޮޅަކުން ދައްކާފައި -- ފޮޓޯ: ސާޖިއޯ ކަވައިއުއޯލޯ

އެހެންކަމުން ކަވައިއުއޯލޯ އިލްތިމާސް ކުރަނީ، އެމްއެޗް370 ގެއްލުނު ހާދިސާ ތަހުގީގު ކުރުމަށް ޓަކައި ވޭމަންޑޫ ކަނޑުގެ ސަރަހައްދު ބެލުމަށެވެ. އެގޮތުން ތ. އަތޮޅާއި ލ. އަތޮޅުގެ އައްސޭރިފަށް ބަލާ ނަމަ އެއީ 150 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކަމަށާއި ވޭމަންޑޫ މުޅި ކަނޑުގެ ސަރަހައްދު ބަލާ ނަމަ އެއީ 1،200 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކަމަށް ރިޕޯޓުގައިވެއެވެ.

ކަވައިއުއޯލޯ ބުނާ ގޮތުގައި ބޯޓު ޖައްސަން އުޅެ، އެކަން ނާކާމިޔާބުވުމުން ބޯޓުގެ ބައެއް ބައިތަކަށް ގެއްލުންވެފައިވުން އެކަށީގެންވެއެވެ. ނަމަވެސް ވޭމަންޑު ކަނޑުގެ އަޑި ހޯދުމުން ބޯޓުގެ ބޮޑުބައެއް ފެންނާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް އޭނާ ބުނެއެވެ.

ކަވައިއުއޯލޯ ވަނީ އޭނާގެ ރިޕޯޓު، މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ. އަދި 2018 ވަނަ އަހަރު އޭނާ އެ މިނިސްޓްރީ އާއި އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެމް)އާ ބައްދަލުކޮށް، އެހާ ހިސާބަށް އޭނާއަށް ލިބިފައި ހުރި މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ބުނެފައެވެ.

ކަވައިއުއޯލޯ ބުނި ގޮތުގައި، އެމްއެޗް370 ހޯދުމުގެ މަސައްކަތް ރާއްޖޭގައި ފެށުމަށް މެލޭޝިއާއިން ނިންމާނީ، ކަވައިއުއޯލޯގެ ދިރާސާތައް އިތުރަށް ޔަގީން ކުރުމަށް ފަހުގައި ކަމަށް ސީއޭއޭއެމްއިން އޭރު ވަނީ ބުނެފައެވެ.

comment ކޮމެންޓް