ދަ ނޯޓިލަސް ފައުންޑޭޝަނުން މިިނިސްޓްރީއާ ގުޅިގެން ދ. އަމާންވެށީގެ ޚިދުމަތް ފުޅާކުރަނީ

ދަ ނޯޓިލަސް ފައުންޑޭޝަނުން މިިނިސްޓްރީއާ ގުޅިގެން ދ. އަމާންވެށީގެ ޚިދުމަތް ފުޅާކުރަނީ

ޕަލްސް ހޮޓެލްސް އެންޑް ރިޒޯޓްސް އާއި މަންތާ އެއާ އަދި ދ. އެއާޕޯޓުގެ އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ ދަ ނޯޓިލަސް ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން، ދ. އަތޮޅުގައި ހުންނަ އަމާންވެށި ކުޑަކުދިންގެ ސެންޓަރުގެ ޚިދުމަތް ފުޅާކޮށް ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ދ. އަތޮޅު ކައުންސިލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދަ ނޯޓިލަސް ފައުންޑޭޝަނުން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ސެންޓަރުގެ ވަސީލަތްތައް ރަނގަޅުކޮށް، އެހީއަސް ބޭނުންވާ ކުދިންނަށް ރައްކާތެރި އަދި މުއްސަނދި މާހައުލެއް ގާއިމްކުރުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސެންޓަރުގައި މުޅިން އާ ސްޓަޑީ ރޫމެއް ގާއިމްކުރެވޭނެއެވެ. މި ސްޓަޑީ ރޫމުގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ލައިބްރަރީ އޭރިއާއަކާއި ކުދިން ކިޔަވާނެ ޒޯނެއް ގާއިމްކުރެވޭނެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ސެންޓަރުގެ ކެމްފަހުގައި ކުދިން ކުޅުމަށްޓަކައި ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއް ގާއިމްކުރެވޭނެއެވެ.

މި ވަސީލަތްތައް ގާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ދަ ނޯޓިލަސް ފައުންޑޭޝަންގެ ފަރާތުންނެވެ.

މި ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިން ބާރުވެރިކޮށް، ފެސިލިޓީގައި ތައުލީމާއި މުނިފޫހިފިލުވުމުގެ އިންތިޒާމުތައް ރަނގަޅުވާނެކަން ދަ ނޯޓިލަސް ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެ ފައުންޑޭޝަނުން ބުނީ، މި މަސައްކަތަކީ ސެންޓަރުން ޚިދުމަތް ފޯރުކޮށްދޭ ކުޑަކުދިންނަށް ތައުލީމާއި ދުޅަހެޔޮކަމާއި މުނިފޫހިފިލުވުން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

comment ކޮމެންޓް