ކިރާ މަހަށް ލާރި ނުދޭތީ ކުޑަހުވަދޫ މަސްވެރިން ވެސް މުޒާހަރާއަށް

މަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމަތީގައި: -- ފޮޓޯ/ އެކްސް

މަސްވެރިން ކިރާ މަހަށް ލާރި ނުދޭތީ ދ.ކުޑަހުވަދޫ މަސްވެރިންވެސް މުޒާހަރާއަށް ނިކުމެއްޖެއެވެ.

މިކަމާ ގުޅިގެން ކުޑަހުވަދޫ ކައުންސިލް މެމްބަރަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ރަށު މަސްވެރިން ސުލްހަވެރި އިހުތިޖާޖެއް ކުރަން ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ ރަށު ކައުންސިލުން މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކުޑަހުވަދޫގެ މަސްވެރިން ވަނީ ދ. އަތޮޅުގައި އެޅުމަށް ވައުދުވި މަސް ފެކްޓަރީ ކޮބާތޯ އާއި މަސްވެރިންނަށް ބޭސް ރޭޓުގައި މަސް ލިބޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލާފައެވެ.

މީގެއިތުރުން އެރަށު މަސްވެރިން އިހުތިޖާޖަށް ނިކުމެ ވަގުތުން ވަގުތަށް މަސްވެރިންގެ ލާރި ދިނުމަށް ވަނީ ގޮވާލާފައެވެ.

މިފަހުން އައްޑޫ އަދި ހުޅުމާލޭ ބަނދަރުގައި ވެސް މަސްވެރިން ވަނީ ކިރާ މަހަށް މިފްކޯއިން ލާރި ނުދީގެން އިހުތިޖާޖުކޮށްފައެވެ.

މިގޮތުން މަސްވެރިންނަށް ފައިސާ ދޫނުކުރާކަމުގެ ކަންބޮޑުވުން ބޮޑުވެ މަސްވެރިން އަންނަނީ އައްޑޫ ހުޅުމީދޫގައި ހުކުރު ދުވަހުން ފެށިގެން އިހުތިޖާޖުކުރަމުންނެވެ. މަސްވެރިން ވަނީ އައްޑޫ ފިޝަރީޒް ކޮންމްޕުލެކްސް އިން ކަރަންޓު ކަނޑާލައި، އެ ތަނުގެ މަސައްކަތް ވެސް ހުއްޓުވައިފައެވެ.

ނަމަވެސް އިއްޔެ ފުލުހުންގެ އެހީތެރިކަމާ އެކު އެތަނަށް ކަރަންޓުދީ މަސައްކަތް ވަނީ ފަށާފައެވެ.

ޢީދު ބަންދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 90 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ފައިސާ ވެސް ދޫކޮށްފައިވަނީ މަސްވެރިން މާލޭގައި އިހުތިޖާޖުކުރި ފަހުންނެވެ.

comment ކޮމެންޓް